ކޮލިފައިންގައި ސްޕެއިން އޮތީ ވާދަވެރި ގްރޫޕެއްގަ: އެންރީކޭ

ޔޫރޯ ކޮލިފައިންގައި ސްޕެއިން ނުކުންނަން ޖެހެނީ ފަސޭހަ ޓީމުތަކަކާ ދެކޮޅަށް ނޫންކަމަށާއި، ގްރޫޕުގައި ވާދަވެރިކަން ބޮޑުވާނެކަމަށް ސްޕެއިންގެ ކޯޗު ކުއިސް އެންރީކޭ ބުނެފިއެވެ. ކޮލިފައިންގައި ސްޕެއިން ހިމެނޭ ގްރޫޕް އެފް ގައި ހިމެނެނީ އެޓީމުގެ އިތުރުން ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ކުޅުނު ސްވިޑެން އާއި ނޯވޭ، ރޫމޭނިއާ، ފަރޮއޭ އައިލެންޑްސް އަދި މަލްޓާ އެވެ.
“މިއީ ގޮތްނޭނގޭ ގްރޫޕެއް. ބަލާލީމާ މީހުނަށް ހީވަނީ ފޭވަރިޓުންނަޖީ އަހަރެމެންނޭ. އެކަމަކު ޓީމުގެ ފެންވަރު ސާބިތުކޮށްދޭން ޖެހޭނީ ދަނޑުމަތީގައި. މި ގްރޫޕުގެ އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. ހުރިހާ މެޗެއްވެސް ވަރަށް ވާދަވެރިވާނެ” ކުރިން ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗު ބުންޏެވެ.
ސްޕެއިން ވަނީ އެޓީމުގެ ރަން ޒަމާނުގައި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ އަދި 2020 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި އެޓީމަށް ތައްޓާ ހަމައަށް ދެވިފައެއް ނުވެއެވެ. އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގެ ދެވަނަ ބުރުން އެޓީމު ކެޓީ ޕެނަލްޓީ ޖަހައިގެން ރަޝިއާ އަތުން ބަލިވުމުންނެވެ.
އެންރީކޭ ސްޕެއިންގެ ކޯޗުކަމާ ހަވާލުވީ ވޯލްޑް ކަޕްގައި ސްޕެއިންއަށް އިރުޝާދުދިން ފެނާންޑޯ ހިއޭރޯ މަގާމުން ވަކިކުރުމުންނެވެ. މިދިޔަ ޖުލައިމަހު އެޓީމާ ހަވާލުވުމަށްފަހު އެންރީކޭ ވަނީ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައިވެސް ވެމްބްލީ ސްޓޭޑިއަމްގައި 2-1 އިން އިންގްލެންޑް ބަލިކޮށްފައެވެ. އެކަމަކު އޭގެފަހުން އެޓީމު ވަނީ އިންގްލެންޑާއި ކުޅުނު ދެވަނަ މެޗުން ބަލިވެ އަދި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އަތުންވެސް ބަލިވެފައެވެ.
ކޮލިފައިންގައި 10 ގްރޫޕު ހިމެނޭއިރު ކޮންމެ ގްރޫޕަކުން އެންމެކުރި ލިބޭ ދެޓީމެއް 2020 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވާނެއެވެ. މުބާރާތް 12 ގައުމެއްގައި ކުޅޭއިރު ސްޕެއިންގައިވެސް ގްރޫޕް ސްޓޭޖުގެ މެޗުތަކާއި ދެވަނަ ބުރުގެ މެޗުތައްވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސްޕެއިންގައި މުބާރާތް އޮތުމަކީ އެއްވެސް ވަރަކަށް ޕްރެޝާ ވާނެކަމެއް ނޫންކަމަށް އެންރީކޭ ބުންޏެވެ.
“އިތުރު ޕްރެޝަރެއް ނެތް. އަހަންނަށް ވަރަށް ކަމުދޭ އެގޮތް. އެއީ 12 ގައުމުގަ ކުޅޭއިރު ސްޕެއިން ވަނީ އެތަނުން ގައުމަކަށް. ބިލްބާއޯގައި މެޗުތައް ކުޅޭއިރު އަހަރެމެން ވަރަށް އުފާވާނެ އަދި އެކަމުގެ ފައިދާ ނެގޭތޯ މަސައްކަތް ކުރާނަން” އެންރީކޭ ބުންޏެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ކުޅުނު ގްރޫޕުގެ އެއްވަނަ ހޯދައިގެން ބައެއް ގައުމުތަކުން މިހާރު ވަނީ ޔޫރޯގެ ޕްލޭއޮފް ފުރުސަތެއް ހޯދައިފައެވެ. ނޭޝަންސް ލީގުގައި ސްޕެއިން ހިމެނުނީ އިންގްލެންޑާއި ކްރޮއޭޝިއާއާއެކު އެއް ގްރޫޕެއްގައެވެ. އެކަމަކު އެ ގްރޫޕުން އެޓީމަށް ލިބުނީ އިންގްލެންޑްގެ ފަހަތުން ދެވަނަ އެވެ. ޔޫރޯ ކޮލިފައިންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށެވެ.
Advertisement


Leave a Reply