ޔޫރޯ ކޮލިފައިންގައި ޖަރުމަނާއި ނެދަލެންޑްސް އެއް ގްރޫޕެއްގައި ލައްވާލައިފި

Advertisement

ޔޫރޯ ކޮލިފައިންގައި ޖަރުމަނާއި ނެދަލެންޑްސް އެއް ގްރޫޕެއްގައި ލައްވާލައިފި

ޢަލީ ޝަހީމް

ޔޫއެފާ ޔޫރޯ 2020 މުބާރާތުގެ ކޮލިފައިންގައި ދުނިޔޭގެ ގަދަބާރު ޖަރުމަނާއި ނެދަލެންޑްސް އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ. މި ދެޓީމު ވަނީ ޔޫރޯ ކޮލިފައިންއާއި ގުޅުވައިގެން މިދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއަ ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައިވެސް އެއް ގްރޫޕެއްގައި ވާދަކޮށްފައެވެ.

ނޭޝަންސް ލީގުގައި ޖަރުމަނާ ނެދަލެންޑްސް އާއެކު އެއް ގްރޫޕެއްގައި ހިމެނުނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސެވެ. މި ދެޓީމުވެސް ކަޓުވާލުމަށްފަހު ނޭޝަންސް ލީގުގެ ފައިނަލް ބުރުން ފުރުސަތު ހޯދީ ނެދަލެންޑްސް އެވެ. ނޭޝަންސް ލީގުގައި ޖަރުމަނުން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ޔޫރޯ ކޮލިފައިންގައި އެޓީމު ޕޮޓް ދެއަކަށް ވެއްޓުނެވެ. އެޓީމު ޕޮޓް ދެއަކަށް ވެއްޓުނީ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕޮލެންޑަށްވުރެ ނަތީޖާތައް ދަށްވުމުންނެވެ. ޖަރުމަނު ޕޮޓް ދޭއްގައި އޮތުމުން ދުނިޔޭގޭ ގަދަ ބާރަކާއި ކޮލިފައިންގައި ކުޅޭނެކަން ކުރިންވެސް އޮތީ ބެލެވިފައެވެ. ނެދަލެންޑްސް އާއި ޖަރުމަނުގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ނޮދާން އަޔަލެންޑާއި އެސްޓޯނިއާ އަދި ބެލަރުސް އެވެ.

ޔޫރޯ ކޮލިފައިންގެ ގުރުލުން އޮތީ ރިޕަބްލިކް އޮފް އަޔަލެންޑްގެ ޑަބްލިންގައި މިއަދުއެވެ. ކޮލިފައިންގައި 10 ގްރޫޕް އޮންނައިރު ގްރޫޕް “އޭ” އިން “އީ” އާ ހަމައަށް ކޮންމެ ގްރޫޕެއްގައި އޮންނަނީ ފަސް ގައުމެވެ. ގްރޫޕް “އެފް” އިން ގްރޫޕް “ޖޭ” އާ ހަމައަށް ކޮންމެ ގްރޫޕެއްގައި ހަ ގައުމު އޮވެއެވެ. ފުރަތަމަ ފަސް ގްރޫޕުގައި ނޭޝަންސް ލީގުގެ ފައިނަލް ބުރަށްދިޔަ ހަތަރު ގައުމާއެކު ހިމެނެނީ ކްރޮއޭޝިއާ އެވެ. ނޭޝަންސް ލީގުގެ ފައިނަލް ބުރުން ފުރުސަތު ހޯދައިފައިވަނީ އިންގްލެންޑް، ނެދަލެންޑްސް، ސްވިޒަލެންޑް އަދި ޕޯޗުގަލް އެވެ. ނޭޝަންސް ލީގުގެ އެއްވަނަ ކެޓަގެރީން ކުރި ހޯދި ހަތަރު ޓީމަށް ވަނީ ޕްލޭއޮފްގެ ފުރުސަތު ލިބިފައެވެ. އެޓީމުތައް ޕްލޭއޮފްގައި ކުޅެން ޖެހޭނީ ޔޫރޯ ކޮލިފައިންގައި ލައްވާލާ ގްރޫޕުން އެއްވަނަ އަދި ދެވަނަ މަގާމު ހޯދައިގެން ކޮލިފައި ނުވެއްޖެ ނަމައެވެ.

2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ ތަފާތު 12 ގައުމެއްގައެވެ. އެއީ އަޒެރްބައިޖާން، ޑެންމާކް، އިންގްލެންޑް، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ. މި 12 ގައުމާއެކު ޖުމްލަ 55 ގައުމަކުން ކޮލިފައިންގައި ކުޅޭއިރު މުބާރާތަށް ކޮލިފައިވާނީ 24 ގައުމެކެވެ. އެއީ 10 ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކާއި ޕްލޭ އޮފް މެޗުތައް ކާމިޔާބުކުރާ ހަތަރު ޓީމެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެމެޗާއި، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މި މެޗުތަކުގެ އިތުރުން ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭނެއެވެ.

މިފަހަރު ކޮލިފައިންގައި އަލަށް ކުޅޭނެ ގައުމަކީ 2016 ވަނަ އަހަރު ފީފާގެ މެމްބަރަކަށްވި ކޮސޯވޯ އެވެ. ކޮލިފައިންގައި އެޓީމު ލައްވާލީ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި އިންގްލެންޑާއެކު ގްރޫޕް އޭ ގައެވެ. ޔޫރޯ ކޮލިފައިންގެ މެޗުތައް ކުރިއަށްދާނީ އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށެވެ. މުބާރާތުގެ ޕްލޭއޮފް މެޗުތައް ކުރިއަށްދާނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 26 އިން 31 އަށެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފައިނަލުގައި ފްރާންސް ބަލިކޮށް ކާމިޔާބު ކުރީ ޕޯޗުގަލް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *