ސީބީއެލް އާއި ރޮކް ސްޓްރީޓްގެ ފުރަތަމަ މޮޅާއެކު ދެގުރޫޕުގެ ފޯރި ގަދަވެއްޖެ
ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ގުރޫޕް 3 އަދި 4ގެ މެޗުތަކުން ސީބީއެލް ސްޕޯޓްސް އާއި ރޮކް ސްޓްރީޓް ސްޕޯޓްސް ކުލަބުން މުބާރާތުގައި ހޯދި ފުރަތަމަ މޮޅާއެކު ދެގުރޫޕުގެ ފޯރި ގަދަވެއްގެއެވެ.
އިއްޔެގެ މެޗުން ސީބީއެލް މޮޅުވީ 3-0 އިން ޓެންޓް ސްޕޯޓްސް ބަލިކޮށްގެންނެވެ. މާފަންނު ޓާފުގައި ކުޅެވުނު މިމެޗުގައި ސީބީއެލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ހުސައިން ފައުޒާން އާއި އާދަމް އަފީފް އަދި ނާޒިލް އެވެ. މިމޮޅާއެކު ސީބީއެލް އަދި ޓެންޓް ސްޕޯޓްސް އަށް ވެސް ކުޅުނު ދެމެޗުން ތިން ޕޮއިންޓް ލިބޭއިރު ލެގޫންސް ގުރޫޕުގެ އެއްވަނާގައި އޮތީ ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. ނަމަވެސް ގުރޫޕުގެ ފަހު މެޗުގައި ލެގޫންސް ހުއްޓުވުމުގެ އަމިއްލަ ބާރު ޓެންޓް ސްޕޯޓްސް އަށް ލިބޭއިރު، ސީބީއެލް އެޓީމުގެ ފަހުމެޗުގައި ނުކުންނާއީ ގުރޫޕް 3 އިން ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައިވާ ތުޅާދޫ އެވެންޗާސް ސްޕޯޓްސް އާއެވެ.
ހެންވޭރު ދަނޑުގައި ކުޅެވުނު ގުރޫޕް 4ގެ މެޗުގައި ރޮކް ސްޓްރީޓް އިން ސްޕޯޓްސް ކުލަބް ހޮސްކޯވޯ ބަލިކުރީ ފަހަތުންއަރާ 3-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ރޮކް ސްޓްރީޓްގެ މުހައްމަދު އިމްރާން މެޗުގެ ހަތަރުވަނަ މިނިޓުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނިކޮށް ހޮސްކޯވޯ އަށް އެއްވަރުކޮށްދިނީ އެގާރަވަނަ މިނިޓުގައި އަޒްވާރު އަލީ އެވެ. އަދި އޭގެ ފަނަރަ މިނިޓު ފަހުން މުހައްމަދު އަރީޝް ކާމިޔާބު ކޮށްދިން ލަނޑާއެކު ފުރަތަމަ ހާފު ނިންމާލީ ހޮސްކޯވޯ ކުރީގައި އޮވެގެންނެވެ.
ރޮކް ސްޓްރީޓް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ ފުރަތަމަ ފަނަރަ މިނިޓުތެރޭގައެވެ. 57 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން އިމްރާން އެވެ. ރޮކް ސްޓްރީޓް ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 89 ވަނަ މިނިޓުގައި އިސްމާއިލް ނަސީމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރޮކް ސްޓްރީޓް ކުޅުނު ފުރަތަމަ މެޗު ދަނޑުގޯޅިއާ ވާދަކޮށް 1-1 އިން އެއްވަރުވެފައި ވާއިރު ނަސީމް ވަނީ އެމެޗުގައި ރޮކް ސްޓްރީޓް އެއްވަރުކުރި ގޯލު ޖަހާދީފައެވެ.
މިގުރޫޕުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު ހޮސްކޯވޯ ބައްދަލުކުރާނީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތް ދަނޑުގޯޅި އާއެވެ. އަދި އޮފު އެފްސީ ބައްދަލުކުރާނީ ކުޅުނު ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް ރޮކް ސްޓްރީޓާއެވެ. އޮފު އެފްސީ އާއި ހޮސްކޯވޯއަށް ކުޅުނު ދެމެޗުން ލިބެނީ ތިން ޕޮއިންޓެވެ.
ތިންވަނަ ޑިވިޝަން މުބާރާތުގައި މިއަދު ކުޅެވިގެންދާނީ ގުރޫޕް 5 އަދި 6 ގެ މެޗެކެވެ. މާފަންނު ޓާފުގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ސީލޭންޑް ސްޕޯޓްސް ކުލަބާއި މުއިވެޔޮ ފްރެންޑްސް އެވެ. އެލްކިއު ސްޕޯޓްސް ކުލަބާއި ބެންޗް ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗު ކުޅެވިގެންދާނީ ހެންވޭރު ދަނޑުގައެވެ. މި ދެމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގައެވެ.
Advertisement
Leave a Reply