ނިޒާމްބެ: ކޯޗަކަށް ހުއްޓަސް އެއީ ހަމަ ބައްޕަ

Advertisement

ނިޒާމްބެ: ކޯޗަކަށް ހުއްޓަސް އެއީ ހަމަ ބައްޕަ

ޢަބްދުﷲ އަޝްރަފް
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ). ފޮޓޯ: މިހާރު

މީގެ ހަތަރު އަހަރުކުރިން ދެވަނަ ޑިވިޝަންގެ ތަށި ހޯދައި އެއްވަނަ ޑިވިޝަނަށް ޓީސީ ސްޕޯޓްސް ކްލަބް ޕްރޮމޯޓްވިއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ އުހަށް އެޓީމް ދަތުރުކޮށްފާނެ ކަމަކަށް ގިނަ ބަޔަކު ހިއެއް ނުކުރެއެވެ. އެކަމަކު އެއްވަނަ ޑިވިޝަންގައި ކުޅެންފެށި ފުރަތަމަ އަހަރުއްސުރެ ފެށިގެން ޓީސީ ގެ ޓާގެޓަކަށްވީ ވީހާވެސް މައްޗަކަށް ޓީމް ގެންދިއުމެވެ. ނަތީޖާއަކަށްވީ ފުރަތަމަ އަހަރުވެސް ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ މަގާމް އެ ކްލަބުން ހޯދުމެވެ. އެއަށްފަހު ޓީސީ ކުރިއަށް އައީ ފަސް އެނބުރި ބެލުމެއް ނެތިއެވެ. އެންމެ ފަހުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކްލަބްތައް ފަހަތަށް ޖައްސާލުމަށްފަހު ޓީސީއިން އެހޯދީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި ލީގުގެ ތަށްޓެވެ. އެހުރިހާ ކާމިޔާބެއްގެ ކްރެޑިޓް ހައްގުވާނެ އެކަކީ ޔަގީނުންވެސް އެ ޓީމްގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

އެއްވަނަ ޑިވިޝަންގައި ޓީސީ މިހާތަނަށް ހޭދަކުރި ހަތަރު ސީޒަނަކީވެސް ނިޒާމްބެ ގަބޫލުކުރާ ގޮތުގައި ކާމިޔާބު ހަތަރު ސީޒަނެވެ. 2015 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގާ ހަމަޔަށް އޭނާގެ އިރުޝާދުގެ ދަށުން ޓީސީއިން ވަނީ ރާއްޖޭގައި ބޭއްވި ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ތިން މުބާރާތް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގެ ދެވަނަ މަގާމް ހޯދައިފައެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތަށި ހޯދައި ދިވެހި ފުޓްބޯޅައިގެ މުޅިން އާ ރެކޯޑެއް ޓީސީއިން ވަނީ ހަދައިފައެވެ. އުމުރުން ހަގު ކްލަބަކަށް ނިޒާމްބެ ގަބޫލުކުރާ ގޮތުގައި މިވަރު މާބޮޑަށްވެސް ފުދެއެވެ.

އަލަށް ޕްރޮމޯޓްވާ ޓީމަކަށް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ޖެހިޖެހިގެން ހަތަރު އަހަރު އެއް ފެންވަރެއްގައި ހިފަހައްޓާލެވޭނީ ކުޅުންތެރިން ސަތޭކަ ޕަސެންޓާ ގާތަށް މަސައްކަތްކޮށްގެންކަން ޔަގީނެވެ. އެހިތްވަރު ކުޅުންތެރިންގެ ކިބައިން ނެރެން މިދިޔަ ހުރިހާ ދުވަހެއްގައި ނިޒާމްބެ ކުރި މަސައްކަތް ފުރިހަމައެވެ. އެ ނާތީޖާ ހާސިލް ކުރަން އޭނާ ގެންގުޅުނު ފޯމިއުލާ އަދި މާ ހިތްގައިމެވެ.

“ކުޅުންތެރިންނާ ވަރަށް ގާތް އެކުވެރިކަމެއް ދަނޑުތެރެއިންނާ ދަނޑު ބޭރުންވެސް ބޭއްވުން އެއީ އަސްލު އެންމެ ބޮޑު އެއްޗަކީ. ދެން އެމީހުންނަށް ވިސްނައިދެނީ ކޮންމެ މެޗެއްގަވެސް އެމީހެއްގެ މެކްސިމަމް ނުލައިފިކަމަށް ވަންޏާ އެ މީހާއަކީ މީހަކަށް ނުވެދާނެކަން. ވާހަކައަކީ ކުޅުންތެރިއެއް ވެއްޖިއްޔާ ޕްރެކްޓިސްގައިވިޔަސް އަދި މެޗެއްގަ ވިޔަސް އެ މީހެއްގެ މެކްސިމަމް ލާންޖެހޭނެކަން” ޓީސީއާއެކު ހޯދި ފަހުރުވެރި ކާމިޔާބީއަށް ފަހު “ފަހުމިނެޓް” އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނިޒާމްބެ ބުނެފައިވެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ އައްޑަނައާއެކު ނިޒާމްބެ. ޓީސީ ކުޅުންތެރިން ނިޒާމްބެ ސިފަކުރަނީ ބައްޕަ އެއް ގޮތަށް. ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

ޓީމަށް ލޯބި ޖައްސުވައި ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ނަތީޖާ ނެރެން ނިޒާމްބެ ގެންގުޅުނު އުކުޅުތަކުގެ ސަބަބުން ޓީސީގެ ގިނަ ކުޅުންތެރިންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. މިވަގުތު ރާއްޖޭގެ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންގެ ގޮތުގައި ބެލެވޭ އިބްރާހިމް މަހުދީ ހުސައިން ( ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަންގެ އިތުރުން ނާއިޒް ހަސަން (ދާދު) އަކީ ހުސްވެސް ނިޒާމްގެ ދަރިވަރުންގެގޮތުގައި ތިބެ ގައުމީ ޓީމުން ޖާގަ ކަށަވަރުކުރި ކުޅުންތެރިންނެވެ. ބައެއް ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި އެމީހުންނަށް އެހިސާބަށް އާދެވުމުގެ އެއް އަސްލަކީ ނިޒާމްބެ އެމިހުންނަށް ކުރި ވަރުގަދަ އިތުބާރެވެ.

“ނިޒާމްބެ ކައިރިއަށް އައިސް ކުޅެން ފެށުމާއެކު ޗާންސްތައް ލިބެން ފެށީމަ އަމިއްލައަށްވެސް ގަބޫލުކުރެވުނު ކުރިއަށް ދެވިދާނެކަމަށް މިކަމުގަ. އެހިސާބުން ފެށިގެން ޑްރީމްކުރަން ފެށީ މޮޅު ކުޅުންތެރިޔަކަށް ވާން” 2015 ވަނަ އަހަރުން ފެށިގެން ޓީސީގެ މެދުތެރެ ބަލަހައްޓަމުން އަންނަ އަދި ގައުމީ ޓީމުގެ މިޑްފީލްޑްގައިވެސް މުހިއްމު ދައުރެއް އަދާކުރަމުންއަން އިބްރާހިމް ވަހީދު ހަސަން އޭނާގެ ތަޖްރިބާ ހިއްސާކުރަމުން  “ފަހުމިނެޓް” އާ ހިއްސާކުރިއެވެ.

ނިޒާމްބެގެ ފަރާތުން ފެންނަ އެންމެ ފާހަގަ ކޮށްލެވޭ އެއް ތަފާތަކީވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޒުވާން ކުޅުންތެރިންނަށް ކުރާ އިތުބާރެވެ. ޓީސީގެ ކޮންމެ ކުޅުންތެރިއަކުވެސް ނިޒާމްބެއާ ގުޅޭގޮތުން އިއްތިފާގްވާ އެއް ހަގީގަތަކީވެސް އެއީއެވެ.

“ޒުވާން ކުޅުންތެރިން ގާތު އަބަދުވެސް (ނިޒާމްބެ) ބުނަމުންދާނެ އަނެއްހެން ކުޅެން ނާންނާށޭ ބެންޗުގަ އިނދެލަން. ހަމަ ސީނިއާ ކުޅުންތެރިންނާ ފައިޓްކޮށްގެން މެޗަށް އަރަން ކުޅޭށޭ. ދެން އަނެއްހެން ބުނާނަމަ ވަރަށް ޒުވާން ކުޅުންތެރިންނަށް ޗާންސް ދޭ ކޯޗެއް” ނިޒާމްބެގެ އިރުޝާދުގެ ދަށުން ނަވާރަ އަހަރުގެ ގައުމީޓީމުގައިވެސް ކުޅުނު އަދި މިހާރު ޓީސީގެ ކެޕްޓަނަކަށް ހުރި އަހުމަދު ފައްރާހު (ފައްރަ) ނިޒާމްބެއާ ބެހޭގޮތުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.

ފައްރަގެ ވާހަކަތަކަށް ބާރުދޭ އެންމެ ރަގަޅު އެއް މިސާލު “ފަހުމިނެޓް” އާ ހިއްސާކުރި އެކަކީ ޓީސީ އާ މިއަހަރު އަލަށް ގުޅުނު ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އެވެ.

“ކިތަންމެ ޕްރެޝަރ މެޗެއްވެސް ފަށާފާނެ އެންމެ ޔަންގް ޕްލޭޔަރު ލައިގެންވެސް. އަހަރެން އެންމެ ބޮޑަށް އޭތި ފާހަގަކުރަނީ އެންމެ ފުރަތަމަ މިފަހަރު ލީގުގަ ނިއުރޭޑިއަންޓާ ކުޅުނު މެޗްގަ މެދަށް ހަމަ އަންޑަ ޓްވެންޓީ ތްރީ ދެ ކުޅުންތެރިން ލައިގެން ފެށީ ދަގޭވެސް ބެންޗުގަ ބައިންދާފަ. އެއްވެސް މީހަކު ހިއެއް ނުކުރޭ އެގޮތަށް ފަށާނެއެކޭ. އެކަމަކު ހަމަ އެ މެޗް ވެސް އަހަރެމެން އެކެއް ސުމަކުން މޮޅުވެގެން ފޭބީ. ރިސްކު ނަގަންވިއަސް ޔަންގް ޕްލޭޔަރެއް ލާން ބޭނުންވެއްޖިއްޔާ ކޯޗު ލާނެ. ކޮންމެ ކުޅުންތެރިއަކަށްވެސް ނިޒާމްބެ އިތުބާރުކުރޭ” ޓީސީއަށް މިސީޒަންގައި 13 ގޯލް ޖަހައިދިން ފޯވާޑް ބުންޏެވެ.

ކުޅުންތެރިންނަށް ނިޒާމްބެ ކުރާ އިތުބާރާ މެދު އިތުރަށް ދެން ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އެކަމަކު ކުޅުންތެރިން އެއަށްވުރެ ބޮޑަށް ނިޒާމްބެ ކަމުދާ އެހެން ކަމެއް އަދި އެބައޮތެވެ. ކުޅުންތެރިންނާ މެދު ނިޒާމްބެ އަމަލުކުރާ ގޮތެވެ. ބަހައްޓާ ގާތްކަމެވެ. ދަރިންގެ ގޮތުގައި އެކުޅުންތެރިން ބަލައިގަންނަ ބަލައިގަތުމެވެ.

“އަނެއްހެން ކޯޗަކަށްވުރެ ބޮޑަށް ފެމިލީ އެއް ގޮތަށް ބަފައެއް ގޮތަށް އޭނަ އުޅޭނީ” ޓީސީގެ ކެޕްޓަން ފައްރައަށް ނިޒާމްބެ ސިފަކުރެވޭގޮތް ކިޔައިދިނެވެ.

“އެންމެ ކަމުދާ އެއް ކަމަކީ ކުޅުންތެރިންނާ ނިޒާމްބެ ޑީލްކުރާ ގޮތް. އެކުޅުންތެރިއެއްގެ މިޒާޖާމެދު ވިސްނައިގެން އެކުޅުންތެރިއަކާ ނިޒާމްބެ ޑީލްކުރާނީ. ޕްލޭޔާ މެނޭޖްމަންޓް ހަމަ ވަރަށް މޮޅުވާނެ. އެއްވެސް ކުޅުންތެރިއަކަށް ތަފާތު ކުރުމެއް ނޯންނާނެ” ކުރިން ވިޔަންސާގެ ކޯޗުކަންވެސް ކުރި ނިޒާމްބެގެ މަސައްކަތަށް ތައުރީފް ކުރަމުން ސައްޓު ބުންޏެވެ.

ކުޅުންތެރިންނާ ނިޒާމްބެއާ ބާއްވާ ގާތްކަން އިބްރާހިމް ވަހީދު ހަސަން ސިފަކޮށްދިނީ އޭނާގެ އަމިއްލަ ތަޖްރިބާއިންނެވެ. “އަބަދުވެސް ކޯޗް ވަރަށް ހިތްވަރުދޭ. ކޯޗެއްގެ ގޮތަށްވުރެވެސް ބޮޑަށް ވަރަށް ގާތް މީހެއްގެ ގޮތަށް ނިޒާމްބެ އުޅޭނީ. އަމިއްލަ ކަންކަމުގައިވެސް ވަރަށް އެހީތެރިވެދޭމެ. ހަމަ ފެމިލީ މީހެއްގެ ގޮތަށް ބަލަނީ” ބާވީސް އަހަރުގެ ޒުވާން މިޑްފީލްޑް ކުޅުންތެރިޔާ ބުންޏެވެ.

ނިޒާމްބެ ދަގަނޑޭއާއެކު ލީގުގެ އައްޑަނަ ހިފައިގެން. ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

ދިވެހި ކްލަބްތަކަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއް ފެންވަރެއްގައި ހިފަހައްޓާލުމެވެ. ވަރަށް ވަރުގަދަކޮށް ސީޒަންފަށާ ކިތަންމެ ކްލަބެއް ސީޒަން ނިމުމަކާ ހަމައަށް ނުދަނީސް ހާލުގަ ޖެހޭތަން މިހާރު ފެންނަމުން އަންނަނީ މަދަކުން ނޫނެވެ. އެކަމަކު ޓީސީ އެއާ މުޅިން ތަފާތެވެ. ޓީމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަކަށް މިވީހާތަނަށް މީޑިޔާއަށް ފެންމަތިވެފައެއް ނުވެއެވެ. މިކަން މިހެން އޮތުމުގައިވެސް ނިޒާމްބެގެ ހިއްސާ ކުޑައެއް ނޫނެވެ.

“ޓީސީގަ އެންމެ ފުރަތަމަ ފަސްޓް ޑިވިޝަނަށް އައި ހިސާބުންވެސް އެމީހުން ކައިރީ ބުނިން އެމީހުންނަށް ހޯދޭނެ ވަރުގެ ބަޖެޓެއް ބުނާށޭ. ދެން އެ ބަޖެޓް ދިނީމަ ބަޖެޓަށް އެކަށޭނަ ޓީމެއް ބައްޓަން ކުރަނީ އަދި ކުޅުންތެރިން ހޯދަނީވެސް. ކޮންމެހެން ވާހަކައަކީ އެއްކަލަ ކުޅުންތެރިން ހޯދާފަ އެއަށް ލާރި ހޯދުމުގެ އުސޫލެއް ނޫން މި ގެންގުޅެނީ. ދެން މިހާތަނަށް އަސްލު މީތި އެހާ ކާމިޔާބުކޮށް ދަނީވެސް އެހެންވެ ކަންނޭގެ” ޓީސީ ދަމަހައްޓަމުން އަންނަ ކާމިޔާބީގެ ފަހަތުގައި އޮތް އެއް ސިއްރު ހާމަކުރަމުން ނިޒާމްބެ ބުންޏެވެ.

ކޮންމެއަކަސް ޓީސީއާއެކު ނިޒާމްބެ މިހާތަނަށް ކުރި ދަތުރަކީ ނިޒާމްގެ މުޅި ކޯޗިންގ ކެރިއަރުގައިވެސް މުހިއްމު ތަޖްރިބާއެކެވެ. ޓީސީއާއެކު ދިވެހި ޕްރިމިއަރ ލީގް ކާމިޔާބްކުރުން ނިޒާމްބެ ސިފަކުރަނީ އޭނާގެ ކޯޗިންގ ކެރިއަރ ގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައެވެ. މިހާ ހިސާބުން އުފެދޭ އެއް ސުވާލަކީ ޓީސީއާއެކު ނިޒާމްބެ ކުރަމުން އައި ދަތުރު ނިންމާ ވަގުތު ޖެހުނީ ހެއްޔެވެ؟

“އަންނަ އަހަރާ ބެހޭ ގޮތުން އެއްޗެއް ބުނަން އަދި އަވަސް ކަންނޭނގެ އަދި ކިރިޔާ މިނިމުނީ ސީޒަން. އިތުރަށް އެއްވެސް ފަރާތަކުން ގުޅައިގެން އެ ނެގޯޝިއޭޝަންތައް ކުރިއަށްގޮސްގެން ދެން ހުށަހެޅުމާ އެ ހުރިހާ އެއްޗަކަށް ބަލާފަ ގޮތެއް ނިންމާނީ” ނިޒާމްބެ ބުންޏެވެ.

އަހަރެމެންނަށް އޮތީ ނިޒާމްބެ ނިންމާ ގޮތެއް ބަލަންތިބުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *