ގާޑިއޯލާއަށް 400 ވަނަ މޮޅު، މޮރީނިއޯގެ ޔުނައިޓެޑް ގޮތްހުސްވެއްޖެ

Advertisement

ގާޑިއޯލާއަށް 400 ވަނަ މޮޅު، މޮރީނިއޯގެ ޔުނައިޓެޑް ގޮތްހުސްވެއްޖެ

ޢަލީ ޝަހީމް
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ގުންޑޮގަން އުފާފާޅުކުރަނީ. ރޭގެ މޮޅަކީ ބަލިނުވެ ލީގުގައި ސިޓީ ކުޅުނު 20 ވަނަ މެޗު.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޯންމައުތް 3-1 އިން ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގިއިރު މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި ސައުތެމްޓަންއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

ރޭ މެޗުން މޮޅުވި ސިޓީ ތާވަލުގެ އެއްވަނައިގައި އޮތީ 14 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 13 މެޗުން 33 ޕޮއިންޓެވެ. އެކަކަމު މިރޭ އަވައްޓެރި އެވަޓަންއާ ވާދަކުރާ މެޗު ކާމިޔާބުކޮށްގެން ސިޓީއާ އޮތް ފަރަގު ދެ ޕޮއިންޓަށް އެޓީމަށް ކައިރިކުރެވޭނެއެވެ. ލީގުގެ ތިން ވަނައިގައި އޮތް 30 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާސް އޮތްއިރު ހަތަރު ވަނައިގައި 28 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ. ލީގުގައި މިރޭ ޓޮޓެންހަމް ނުކުންނާނީ 27 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތް އާސެނަލް އާއެވެ. ލީގުގެ ހަ ވަނައިގައި އެވަޓަން 22 ޕޮއިންޓާއެކު މިރޭ ލިވަޕޫލާ ކުޅޭ އެވަޓަން އޮތްއިރު ޔުނައިޓެޑް އޮތީ މި އަދަދަށް ޕޮއިންޓް ލިބިގެން ހަތް ވަނައިގައެވެ.

Advertisement

ރޭ ސިޓީ މޮޅުވިއިރު މިއީ ކުރީ ބާސެލޯނާ އާއި ބަޔާން މިއުނިކަށްވެސް އިރުޝާދުދިން ޕެޕް ގާޑިއޯލާ އޭނާގެ ކޯޗިން ކެރިއަރުގައި ހޯދި 400 ވަނަ މޮޅެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިޔޯންއާ ވާދަކުރި މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ރޭގެ މެޗުގައި ސިޓީން ވަނީ ގެނެސްފައެވެ. އާއްމުކޮށް ސިޓީގެ ފުރަތަމަ އެގާރައިން ފެންނަ ޑޭވިޑް ސިލްވާ ބެންޗުގައި އިންއިރު އަނިޔާގެ ސަބަބުން ސާޖިއޯ އަގުއޭރޯ ރޭގެ މެޗުގައި ނުކުޅެއެވެ. ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޕޯޗުގަލްގެ މިޑްފީލްޑާ ބެނާޑޯ ސިލްވާ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯންމައުތުގެ ކަލުމް ވިލްސަން ވަނީ ބޮލުން ވައްދާލި ގޯލާއެކު ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފުގައި ސިޓީން މޮޅުވި ލަނޑުތައް ޖަހައިދިނީ ރަހީމް ސްޓާލިން އަދި އިލްކާއީ ގުންޑޮގަން އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ސްޓާލިން ލަނޑު ޖެހިއިރު ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުންޑޮގަން ލަނޑު ޖެހީ 79 ވަނަ މިނެޓުގައެވެ.

މެޗަށްފަހު ގާޑިއޯލާ ބުނީ ބޯންމައުތަކީ މޮޅަށްކުޅޭ ވަރުގަދަ ޓީމެއްކަމަށާއި، ފުރަތަމަ ހާފުގެ ފަހު 20 މިނެޓުގައި ޓީމުގެ ފަރާތުން ފެނުނީ ބޭނުންވި ކުޅުމެއް ނޫންކަމަށެވެ. ގާޑިއޯލާ ބުނީ، އަނިޔާގައި ހުރި އަގުއޭރޯ އަންނަ އަންގާރަ ދުވަހުގެރޭ ވެޓްފޯޑާއި ކުޅޭ މެޗުގައިވެސް ފެނުމުގެ ފުރުސަތު ކުޑަކަމަށެވެ.

“އަހަންނަކަށް ނޭގެ އަގުއެރޯ ފިޓު ވާނެކަމެއް. އަހަރެން ގޮތް ނިންމަނީ ޑޮކްޓަރުންނާ ފިޒިއޯ ބުނާއެއްޗަކަށް ބަލާފަ” އަގުއޭރޯގެ އަނިޔާއާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.

ލީގުގައި ރޭ ޔުނައިޓެޑުން 2-2 އިން އެއްވަރުވުމާއެކު އެޓީމަށް އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅެއް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން ކުޅުނު ތިންމެޗުގެ ތެރެއިން ސިޓީ ދަނޑުގައި 3-1 އިން ބަލިވިއިރު އޭގެފަހުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ސައުތެމްޓަނުން ވަނީ ފުރަތަމަ 20 މިނެޓުގައި ދެގޯލު ޖަހައި ޔުނައިޓެޑް ހާސްކޮށްލައިފައެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ ސްޓުއާޓް އާމްސްޓްރޯންގާއި ޕޯޗުގަލްގެ ޑިފެންޑާ ސެޑްރިކް ސޮއާރޭސް އެވެ. ރޭގެ މެޗުގައި ހިލޭ ޖެހުމުން 20 ވަނަ މިނެޓުގައި ސެޑްރިކް ވައްދާލި ގޯލަކީ އެޓީމަށް ލީގުގައި އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. މެޗުގައި ޔުނައިޓެޑުން ހަމަހަމަ ކުރީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގާތްގާތުގައި ޖެހި ދެގޯލާ އެކުއެވެ. ފުރަތަމަ ލަނޑު މާކަސް ރެޝްފޯޑް ދިން ބޯޅައަކުން ޖެހީ މިދިޔަ 12 މެޗުގައިވެސް ލަނޑެއް ޖެހިފައިނުވާ ރޮމެލޫ ލުކާކޫ އެވެ. ޔުނައިޓެޑަށް ލުކާލޫ އެންމެ ފަހުން ގޯލެއް ޖަހައިދިނީ މިދިޔަ ސެޕްޓެމްބަރު މަހު ވެޓްފޯޑާއި ލީގުގައި ކުޅުނު މެޗުގައެވެ. އެޓީމުގެ ދެ ވަނަ ގޯލު 39 ވަނަ މިނެޓުގައި ޖެހީ އެންޑާ ހެރޭރާ އެވެ. މި ލަނޑު ޖަހަންވެސް މަގުފަހި ކޮށްދިނީ ރެޝްފޯޑެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކުޅުންތެރިންގެ ވިސްނުމާއި ކުރާ މަސައްކަތުގައި މައްސަލަތަކެއް އުޅޭކަމަށެވެ. ޔުނައިޓެޑްގެ ކުޅުންތެރިން ދަނޑުމަތީގައި ކުޅުމުގެ ރޫހެއް ނެތްކަމަށް މޮރީނިއޯ ސިފަކުރިއިރު ރޭގެ މެޗުގައި އެޓީމުގެ މެދުތެރެއަށް ކުޅޭ ނިމެންޔާ މަޓިޗް ކުޅުނީ ފަހަތަށެވެ.

“އަހަރެމެން ކުޅޭ ސިސްޓަމަކީ މައްސަލައެއް ނޫން. މޮޅުނުވުމުގެ މައްސަލައަކީ ކުޅުންތެރިން ގެންގުޅޭ ވިސްނުން” މޮރީނިއޯ ބުންޏެވެ.

ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. ޗެލްސީއާ ފުލަމް ވާދަކުރާ މެޗު މިއަދު ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރު ކުޅޭއިރު އާސެނަލް އަދި ޓޮޓެންހަމް ވާދަކުރާ މެޗު ފަށާނީ 7:05 ގައެވެ. އަދި އެވަޓަންއާ ލިވަޕޫލް ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 9:15 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *