ޔުވެންޓަސްގެ 61 އަހަރުވީ ރެކޯޑަކާ ރޮނާލްޑޯ އަރާހަމަކޮށްފި!

Advertisement

ޔުވެންޓަސްގެ 61 އަހަރުވީ ރެކޯޑަކާ ރޮނާލްޑޯ އަރާހަމަކޮށްފި!

ޢަލީ ޝަހީމް
ރޭގެ މެޗުގައި ރޮނާލްޑޯ ޕެނަލްޓީ ވައްދާލަނީ

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ފިއޮރެންޓީނާ 3-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ޔުވެންޓަސް ނަގައިފިއެވެ. ރޭ މެޗުގައިވެސް މި ސީޒަނަށް އެޓީމަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފައެވެ. ރޮނާލްޑޯގެ ލަނޑާއެކު އޭނާ ވެފައިވަނީ ފުރަތަމަ ސީޒަނުގައި ވޭތުވެދިޔަ 61 އަހަރުތެރޭ އެންމެ އަވަހަށް އެޓީމަށް 10 ގޯލު ހަމަކޮށްދިން ކުޅުންތެރިޔާއަށެވެ.

މި ގޯލާއެކު ރޮނާލްޑޯ ވަނީ ލީގުގައި ކުޅުނު 14 މެޗުގައި 10 ގޯލު ޖަހައިފައެވެ. ރޮނާލްޑޯއާއެކު ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އުޅެނީ އެ އަދަދަށް ލަނޑު ޖަހައިފައިވާ ޖެނޯއާގެ ކްރިޒްޓޯފް ޕިއަޓެކް އެވެ. ލީގުގައި މީގެ ކުރިން 14 މެޗުން 10 ގޯލު ޖެހި ޔުވެންޓަސްގެ ކުޅުންތެރިއަކީ ވޭލްސްގެ ޖޯން ޗާލްސް އެވެ. ޖޯންސް މި އަދަދަށް ގޯލު އެޓީމާ ގުޅުނު 1957-58 ސީޒަނުގައެވެ. އޭގެފަހުން ޔުވެންޓަސްގެ އެއްވެސް ކުޅުންތެރިއަކަށް ފުރަތަމަ ސީޒަނުގައި  14 މެޗުން މި އަދަދަށް ގޯލު ޖެހިފައެއް ނުވެއެވެ.

1957-58 ސީޒަނުގައި 14 މެޗުން 10 ގޯލު ޖެހި ޖޯން ޗާލްސް (ކ) ބޮލުން ގޯލަށް ބޯޅަ ފޮނުވާލަނީ

މި މޮޅާއެކު ޔުވެންޓަސް އަށް އެއްވަނަ ލިބެނީ ކުޅުނު 14 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ. ލީގުގެ ދެ ވަނައިގައި އެއް މެޗު މަދުން ކުޅެފައިވާ ނަޕޯލީއަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. ތިން ވަނައިގައި 28 ޕޮއިންޓާއެކު އިންޓަ މިލާން އޮތްއިރު ހަތަރު ވަނައިގައި 23 ޕޮއިންޓާއެކު އޮތީ ލާޒިއޯ އެވެ. ލީގުގައި މިރޭ އެޓްލާންޓާއާއި ކުޅޭ މެޗު ކާމިޔާބު ކޮށްގެން ޔުވެންޓަސްއާ ދެމެދު އޮތް ފަރަގު ނަޕޯލީއަށް ކުޑަކުރެވޭނެއެވެ. ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން 13 މެޗު އެޓީމުން ވަނީ ކާމިޔާބު ކުރިއިރު އެއް މެޗު ވަނީ އެއްވަރުވެފައެވެ. މިދިޔަ ހަތް ސީޒަނުގައިވެސް އިޓާލިއަން ލީގު ކާމިޔާބު ކޮށްފައިވަނީ ޔުވެންޓަސް އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު 31 ވަނަ މިނެޓުގައި ޖެހީ ވޯލްޑް ކަޕްގައި އުރުގުއޭ ޓީމުން ފާހަގަކޮށްލެވުނު ރޮޑްރިގޯ ބެންޓަންކުއާ އެވެ. ބެންޓެންކުއާ މި ގޯލު ޖެހީ 18 ޔާޑު ދުރުން ފޮނުވާލި ހަމަލާއެއްގައެވެ. ޔުވެންޓަސްގެ ދެވަނަ ގޯލު 69 ވަނަ މިނެޓުގައި ޖެހީ ޖިއޯޖިއޯ ކިއެލީނީ އެވެ. މިއީ 18 މަސްތެރޭ ކިއެލީނީ ޖެހި ފުރަތަމަ ގޯލެވެ. މެޗުގެ 79 ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑު ޖެހީ ފިއޮރެންޓީނާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ.

ރެއާލް މެޑްރިޑަށް މިއަހަރު ލީގުގައި ޖަހައިދިން 22 ގޯލާއި ޔުވެންޓަސް އަށް ލީގުގައި ޖަހައިދިން 10 ގޯލާއެކު ރޮނާލްޑޯ ވަނީ މި އަހަރު މިހާތަނަށް 32 ލީގު ގޯލު ޖަހައިފައެވެ. ޔޫރަޕްގެ ފަސް ލީގުގެ ތެރެއިން އެއްވެސް ލީގެއްގެ ކުޅުންތެރިއަކަށް މި އަދަދަށް ގޯލު ޖެހިފައިނުވާއިރު ދެ ވަނައިގައި އޮތީ މިއަހަރު ސްޕެއިން ލީގުގައި ބާސެލޯނާއަށް 28 ގޯލު ޖަހައިދިން ލިއޮނެލް މެސީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *