ސައްޓު: ތަށްޓާއެކު ހިތްފުރިއްޖެ، ދެންވެސް ފެންނާނީ ޓީސީއިން

Advertisement

ސައްޓު: ތަށްޓާއެކު ހިތްފުރިއްޖެ، ދެންވެސް ފެންނާނީ ޓީސީއިން

ޢަބްދުﷲ އަޝްރަފް
މިއަހަރުގެ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ސައްޓު ޓީސީގެ ޖޯޒީގައި. - ފޮޓޯ: މޯލްޑިވްސޮކާ

ޓީސީ ސްޕޯޓްސް ކުލަބުގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ގެ ވާހަކަ ފަށާނެ ހިސާބެއް ވިސްނަންވެސްވީ އުދަގޫކަމަކަށެވެ. އޭދަފުށްޓަށް އުފަން މި ކުޅުންތެރިޔާގެ ފުޓްބޯޅަ ކެރިއަރުގެ ކޮންމެ ހިސާބަކަށް ބެލިއަސް ފެންނަންހުރީ ކާމިޔާބެވެ. ގަލޮޅު ދަނޑުން ސައްޓު ފެންނަން ފެށިތާ ގިނަ އަހަރުތަކެއް ނުވިޔަސް އެއީ އަތޮޅު ތެރޭގެ ފުޓްބޯޅައިގައި ކުރިންވެސް މަޝްހޫރު ނަމެކެވެ. އެކަމަކު ށ. މިލަންދޫ އިން މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގަށް ސައްޓުގެ ބޭނުން ހިފުމާއެކު އެންމެ ޓޮޕް ލެވެލްގައި ސައްޓު ވިދަން ފެށިއެވެ. ރާއްޖޭގެ ވަރުގަދަ އެއް ކްލަބް ޓީސީ ސްޕޯޓްސްގައި ހުރެ ރާއްޖޭގެ އެންމެ ޝަރަފްވެރި ލީގުގެ އައްޑަނަ އުފުލާލުމުގެ ޝަރަފް ލިބުމަކީ އޭގެ ނަތީޖާއެވެ.

ގަލޮޅު ދަނޑުގައި ސައްޓުގެ ފެށުން އައީވެސް ތަށްޓާއެކުއެވެ. 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ތިމަރަފުށްޓާ ވާދަކޮށް އޭދަފުށިން ކާމިޔާބުކުރިއިރު ސައްޓުއަކީ ޓީމުގެ ހިތެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު މިލަންދޫ ފުޓްބޯޅަ ޓީމުގައި ދެއްކި މޮޅު ކުޅުމާއެކު ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތް ސައްޓު ފަތަހަކުރިއެވެ. މިލަންދޫގެ މަޑު ނޫ ޖޯޒީގައި ކުޅުނު 13 މެޗް ގައި 8 ގޯލް ޖަހައި 4 މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރު އޭނާ ހޯދިއެވެ. އެއާއެކު ރާއްޖޭގެ ބޮޑެތި ގިނަ ކްލަބްތަކުން ސައްޓުއަށް ފާރަލާން ފެށިއެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ނިއުރޭޑިއަންޓުން ސައްޓުގެ ސޮއި ހޯދުމާ ވަރަށް ގާތަށްވެސް ދިޔައެވެ. އެކަމަކު އެންމެ ފަހުން ސައްޓުގެ ޗޮއިސްއަކަށްވީ ޓީސީ އެވެ.

 

ލީގު ފަހު މެޗުގެ ފަހުވަގުތު އީގަލްސް ކޮޅަށް ގޯލު ޖެހުމަށްފަހު ސައްޓު އުފާފާޅުކުރަނީ. – ފޮޓޯ: މިހާރު / އަހުމަދު ނިޝާތު

އެގިފައިވާ ގޮތުގައި ޓީސީއިން ސައްޓުގެ ސޮއި ކަށަވަރުކުރީ މިދިޔަ އަހަރުގެ ސީޒަނާ ހަމައަށް އެ ޓީމަށް ކުޅެމުންއައި ހުނަރުވެރި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ނެތްތަން ފޫބެއްދުމަށެވެ. ޓީސީއާ ސައްޓު ގުޅުނީވެސް އެކަން ރަގަޅަށް އެގިހުރެއެވެ. އެ ޗެލެންޖާ ސައްޓު ކުރިމަތިލީ އިތުބާރާއެކުއެވެ. ފުޓްބޯޅައިގެ ޑިސިޕްލިން އަބަދުވެސް ހިފަހައްޓާ އެ ކުޅުންތެރިޔާއަށް ސީޒަންގެ ފުރަތަމަކޮޅު ދަތިތަކާ ކުރިމަތިވިއެވެ. މިލަންދޫގައި އެއްވެސް ޕްރެޝަރެއް ނެތި ފްރީ ރޯލެއް އަދާކުރުމަށްފަހު ބޮޑު ކްލަބަކަށް އައިސް ކޯޗްގެ ގޭމް ޕްލޭނަށް ހޭނެން ސައްޓުއަށް ވަގުތު ނެގިއެވެ. އެކަމަކު ފޯކަސް ގެއްލުވައި ނުލައި ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ސީޒަންގެ މެދު ތެރެއިން ފެށިގެން ފުރަތަމަ އެގާރައިން ސައްޓުއަށް ބަރާބަރަށް ޖާގަ ލިބެންފެށުމެވެ. ކޯޗް ނިޒާމްބެ ދިން އިތުބާރާއެކު މޮޅަށް ކުޅެ ޓީސީއަށް 13 ގޯލް އޭނާ ކާމިޔާބުކޮށްދިނެވެ. ރޭ އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލީގް ކަށަވަރުވެފައި އޮތަސް ބައްޔަކާއެކު ސީޒަން ނިންމާނުލަން ޓީސީން ކުރި މަސައްކަތް ކާމިޔާބުވީވެސް ފަހުވަގުތު ސައްޓު ޖަހައިދިން ގޯލުންނެވެ. ސައްޓުއަށް ދާދު ރީޕްލޭސް ކުރެވުނުތޯ ނިންމާނީ ކްލަބާއި ސަޕޯޓަރުންނެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރުގައި ސައްޓު ސީޒަނެއް ފުރިހަމަކުރި މިއީ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ސީޒަނަށް ސައްޓު ޓީސީއަށް ސޮއިކުރިއިރު އޭނާގެ އުއްމީދުތައް މައްޗެވެ. ކެރިއަރުގެ އެންމެ ކާމިޔާބު އެއް އަހަރަށް މިއަހަރު ހަދަން ގަދަ އަޒުމެއް އޭނާ ކަނޑައެޅިއެވެ. ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށްފަހު ޓީސީން ކާމިޔާބުކުރި ތަށްޓާއެކު ސައްޓުގެ ގިނަ ހުވަފެންތަކެއް ހަގީގަތަކަށްވީއެވެ.

ސައްޓު 2017 ވަނަ އަހަރުގެ ޕްރިމިއަރ ލީގު މެޗެއްގައި ށ. މިލަންދޫ ޓީމަށް ކުޅެނީ. ފޮޓޯ: މިހާރު / ނިޝާން އަލީ

“މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިހިރީ ވަރަށް އުފަލުން.” މާޒިޔާ އާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗް އެއްވަރުވުމާއެކު ޓީސީއަށް ލީގް ކަށަވަރުވިތާ އިރުކޮޅެއް ފަހުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ސައްޓު ބުންޏެވެ. ޓީސީއާއެކު ސައްޓު މި ހޯދި ކާމިޔާބީ އޭނާއަށް ހާއްސަވި އެހެންކަމެއްވެސް އެބައޮތެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޢަލީ އަޝްފާގް (ދަގަނޑޭ) އާ އެއް ޓީމަކަށް ކުޅެ އެ ކާމިޔާބީ ހޯދުމެވެ.

“ދުވަހަކުވެސް އުއްމީދުކުރި ކަމެއް ނޫން މިއީ ރާއްޖޭގަ ހުރި އެންމެ މޮޅު ކުޅުންތެރިޔާ ދަގޭއާ އެއްކޮށް ކުޅެލާ އެއް ޓީމަކަށް ތަށްޓެއް ނަގައިދީ މިއީ ދުވަހަކުވެސް ހިތަށްވެސް ނާރާ ކަމެއް ވަރަށް ބޮޑު އުފަލެއް ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެއީ އަހަރެންގެ ހިސްޓްރީއަށް ދާނެ ވަރަށް މުހިއްމު އެއްޗެއް އަސްލު.” އުފާވެފައިހުރި ސައްޓު ބުންޏެވެ.

އުމުރުން ތިރީސް އަހަރުގައި ރާއްޖޭގެ ބޮޑު ކްލަބަކަށް އެންމެ މަތީ ފެންވަރުގައި ސައްޓު ކުޅޭތަން ފުރަތަމަ ފަހަރަށް މިއަހަރު ފެނުނު ކަމުގައިވިޔަސް މީގެ މާކުރިންވެސް މިކަހަލަ ކިތަންމެ ފުރުސަތެއް ސައްޓުއާ ހަމައަށް އައެވެ. އެކަމަކު އޭރެ އަމިއްލަ ގިނަ ސަބަބުތަކާހުރެ މާލެ އަންނަން އޭނާ ބޭނުންނުވީއެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސައްޓުއަށް ގަލޮޅު ދަނޑުގައި ދެއްކުނު ކުޅުމާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ތައުރީފާއެކު ކުރިން ލިބުނު ފުރުސަތުތައް ދޫކޮށްލެވުމުގެ އުނިކަން ސައްޓު މިއަދު އިހްސާސްކުރެއެވެ. އޭގެ ފަހަތުގައި މުހިއްމު އެހެން ސަބަބެއްވެސް އޮތީމައެވެ.

“އަސްލު ފުޓްބޯޅައިގަ ކުރިން ނޭގޭ ވަރަށް ގިނަ އެއްޗެހި މިވީ އަހަރެއްހާ ދުވަހުގެ ތެރޭގަ ދަސްވެއްޖެ. ހާއްސަކޮށް ފުޓްބޯޅައިގެ ވަރަށް ބޭސިކް ކަންކަން. އަސްލު އަޅުގަނޑަށް ހީވާ ގޮތުގަ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެން ބޭނުންކަމަށް ވަންޏާ މިއުމުރަށް އަންނައިރު އެނގިފަ ހުންނަންޖެހޭނެ އެއްޗެހި އެއީ.” ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުން އަންނަ ސައްޓު ބުންޏެވެ.

ކޮންމެއަކަސް ކާމިޔާބް ފުޓްބޯޅަ ސީޒަނެއް ޓީސީއާއެކު ސައްޓު ނިންމާލިއަސް ނިމުމެއް ނާންނަ އިންތިޒާރެއް އަދިވެސް ސައްޓުގެ އެބައޮތެވެ. ގައުމީ ޖާޒީގައި އެންމެ މެޗެއް ނަމަވެސް ކުޅުމަކީ މިފަހަކަށް އައިސް ސައްޓު ދެކެމުން އަންނަ ހުވަފެނެކެވެ. ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސައްޓުއަށް އެވަރު މާބޮޑަށްވެސް ހައްގެވެ ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި މޮޅު ކުޅުމެއް ދަމަހައްޓަމުން އަންނަ ކުޅުންތެރިއަކަށް އެ ފުރުސަތު ނުލިބޭންވީ ސަބަބެއް ނެތެވެ. އުމުރު ތިރީހުގައި ހުއްޓަސް ސައްޓު ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަދި ދެތިން އަހަރު ރާއްޖޭގެ އެންމެ މަތީ ފަންތީގައި އޭނާ ކުޅޭނެއެވެ. އެހެންކަމަށްވާނަމަ އުމުރު އުޒުރަކަށް ހަދައި ބާކީ ކުރުން އެއީ އިންސާފެއް ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ކޮންމެ ގޮތަކަށް ކަން އޮތަސް ސައްޓު އަދިވެސް ހުރީ އުއްމީދުގައެވެ.

އަލީ އަޝްފާގް (ދަގަނޑޭ) އާއެކު ސައްޓު ޕްރިމިއަރ ލީގު އައްޑަނަ އުފުލާލައިގެން. ފޮޓޯ: އިޝާން އިބްރާހިމް ފޭސްބުކް

“މިދިޔަ އަހަރު ޕްރިމިއަރ ލީގުގައި ކުޅެން ފެށީއްސުރެ އުއްމީދުކުރިން ގައުމީ ޓީމުން ފުރުސަތެއް ލިބޭނެކަމަށް. އެއީ ދެން އަދި ހާސިލް ނުވެ އޮތް ކަމެއް އެކަމަކު އެ އުއްމީދު ދޫކޮށެއް ނުލަން.” ފުޓްސަލްގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ސައްޓު ބުންޏެވެ.

މިއަހަރުގެ ދިވެހި ފުޓްބޯޅަ ސީޒަން ނިމުމާއެކު ޓީސީ އާއެކު ސައްޓު ހަދައިފައިވާ އެއްބަސްވުންވެސް ނިމުމަކަށް އައީއެވެ. އެއާއެކު ދެން އުފެދޭނެ ސުވާލަކީ އަންނަ އަހަރު ސައްޓު ފެންނާނީ ކޮން ކްލަބަކުން ހެއްޔެވެ؟

“މިހާރު މި ދެކެވެނީ އަންނަ އަހަރުގެ ސީޒަން ޖޫން ޖުލައި ހިސާބުގަ ފަށާ ވާހަކަ، އެހެންވީމަ އަދި އުނދަގޫ އަންނަ އަހަރުގެ ސީޒަނާ ބެހޭގޮތުން އެއްޗެއް ބުނަން. އެކަމަކު އަހަރެން އަންނަ އަހަރު މާލޭގައި ކުޅެން ހުރިއްޔާ ފެންނާނީ ޓީސީއިން.” ސައްޓުގެ ޖަވާބަކީ މިއެވެ. އެއާއެކު ޓީސީއަށް ސައްޓުގެ ހިތް ދޫވި ސަބަބުވެސް އޭނާ ކިޔައިދިނެވެ.

“މެނޭޖްމަންޓުން ދުވަހަކުވެސް ކުޅުންތެރިންނަށް ޕްރެޝަ އެއް ނުކުރާނެ. ހަމަ ފެމިލީ އެއް ގޮތަށް އެންމެންވެސް ދެކެނީ. އަނެއްކޮޅުން ކޯޗާއި ސީނިއަރ ކުޅުންތެރިންގެ ފަރާތުން އެ ލިބޭ ހިތްވަރާއި އެ ކިޔާދޭ އެއްޗިއްސާ އަސްލު ވަރަށް ރަގަޅު. ދެން ޓީސީ ގަ އަހަރެންނަށް އެންމެ ކަމުދާ އަނެއް ތަންކޮޅަކީ ޕްރެކްޓިސްއަށް އައިސް މަސައްކަތްކޮށްފިއްޔާ އެގާރައިން ޖާގަ ލިބޭނީ. އަނެއްކާ ކޯޗް ދޭ އެ ޔަގީންކަން. ކޯޗް އަބަދުވެސް ބުނާނެ ތިމަންނަގެ ޓީމަކަށް ނާރާނެއޭ މަސައްކަތްނުކުރާ ޕްރެކްޓިސްއަށް ފަރުވާ ކުޑަ ކުރާ ކުޅުންތެރިޔަކު.  ހަމަ އެކަން އެބަހުރި ފެނިފަވެސް.” ޓީސީގައި ސައްޓުކުރި ފުރަތަމަ ތަޖްރިބާ “ފަހުމިނެޓް” އާ ހިއްސާކުރަމުން ބުންޏެވެ.

ސައްޓުއާ ޓީސީއިން ހޯދި ފުރިހަމަ ކާމިޔާބީއަށް “ފަހުމިނެޓް” ގެ ފަރާތުން މަރުހަބާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *