ޓީސީން ލީގުގެ އައްޑަނަ ފުރަތަމަ ފަހަރަށް އުފުލާލައިފި

Advertisement

ޓީސީން ލީގުގެ އައްޑަނަ ފުރަތަމަ ފަހަރަށް އުފުލާލައިފި

ޢަލީ ޝަހީމް
ޓީސީ ޓީމު ލީގުގެ އައްޑަނައާއެކު. މިއީ އެޓީމުން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރު. ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

މިރޭ ކްލަބް އީގަލްސްއާ ވާދަކުރި މެޗު 4-4 އިން އެއްވަރުކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ފުރަތަމަ ފަހަރަށް އުފުލާލައިފިއެވެ. މިރޭގެ މެޗަށް ނުކުތުގެ ކުރިން ޓީސީ އަށް ލީގު ޗެމްޕިއަންކަން ލިބުނީ މިއަދު ހަވީރު މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 4-4 އިން އެއްވަރުވުމުންނެވެ.

ދަގަނޑޭ މެޑަލްއާ ހަވާލުވަނީ. ޓީސީ އަށް ލީގު ހޯދައިދިނުމުގައި ދަގަނޑޭގެ ދައުރު ބޮޑު. ފޮޓޯ: އެފްއޭއެމް

ލީގުގެ މެޗުތައް ނިމުނުއިރު ޓީސީ އެއްވަނަ ހޯދީ 40 ޕޮއިންޓާއެކު އެވެ. ޓީސީގެ ފަހަތުން ފަހު މެޗާއި ހަމައަށް ލީގު ހޯދުމަށް މަސައްކަތްކުރި މާޒިޔާއަށް ދެވަނަ ލިބުނީ 38 ޕޮއިންޓާއެކުއެވެ. މިރޭ މެޗު ފެށުމުގެ ކުރިން އީގަލްސްގެ ކުޅުންތެރިން ވަނީ ޓީސީއަށް މަރުހަބާ ކިއުމުގެ ގޮތުން ގާޑް އޮފް އޮނާ އެއް ދީފައެވެ.

މިރޭގެ މެޗު އެއްވަރުކުރި ލަނޑު ފަހުވަގުތު ޖެހި ސައްޓު. ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ ސީޒަނުގައި ސައްޓު ވަނީ 14 ގޯލު ޖަހައިފައި. ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި ދަގަނޑޭ ލީގުގެ އައްޑަނައާއެކު. ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

ލީގުގެ އައްޑަނަ ޓީސީ އަށް ހަވާލުކޮށްދެއްވީ ކުރިން ނިއު ރޭޑިއަންޓުގެ ޗެއާމަންކަމުގެ މަގާމު އަދާކުރެއްވި އަދި މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު (ބަލަކް) އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ޓީސީގެ ނޭޕާލް ކީޕަރު ކިރަން ކުމާރު އެވެ. ލީގުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ފަސްވަނަ މަގާމް ހޯދި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ޓީސީގެ ނޭޕާލް ކީޕަރު ކިރަން ކުމާރު ޓްރޮފީއާ ހަވާލުވަނީ. ކިރަން މި އަހަރު ޓީސީއާ ގުޅުނީ ލީގާ ހިސާބުން. ފޮޓޯ: އެފްއޭއެމް

ފެއާޕްލޭ ޓީމުގެ މަގާމް ލިބުނު ގްރީން ސްޓްރީޓްސް އިން ޓްރޮފީއާ ހަވާލުވަނީ. ފޮޓޯ: އެފްއޭއެމް

ޓީސީން މިއަދުގެ ލީގު ކަށަވަރު ކުރިއިރު ކުޅުނު 16 މެޗުގެ ތެރެއިން 13 މެޗުން މޮޅުވިއެވެ. އެޓީމު ބަލިވީ ދެވަނަ ބުރުގައި ގްރީން ސްޓްރީޓްސް އަދި މާޒިޔާ އާއި ވާދަކުރި މެޗުންނެވެ. ގްރީން އަތުން 2-1 އިން ބަލިވިއިރު މާޒިޔާ އަތުން ބަލިވީ 4-2 އިންނެވެ. ލީގުގައި އެޓީމު އެއްވަރުވީ ހަމައެކަނި މިރޭ ކުޅުނު މެޗުންނެވެ. ކުޅުނު 16 މެޗުގައި 53 ލަނޑު ޖެހިއިރު ބައިކޮޅަށް ވަނީ 12 ގޯލެވެ. ޓީސީން ޖެހި 53 ގޯލުގެ ތެރެއިން 22 ގޯލު އެޓީމަށް ޖަހައިދިނީ ލީގަށް އެޓީމާ ގުޅުނު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ލީގުގެ އައްޑަނައަށް ފަހު ޓީސީގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަދި ދަގަނޑޭ ފޮޓޯއަކަށް ހުއްޓިގެން. ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

ޓީސީގެ ބައެއް ކުޅުންތެރިން ކޯޗު ނިޒާމްބެ އަދި އެސިސްޓެންޓް ކޯޗު އާފިއު އާއެކު. ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

ޓީސީ އެއްވަނަ ޑިވިޝަނަށް ކޮލިފައިވީ 2014 ވަނަ އަހަރު އޮތް ފުރަތަމަ ޑިވިޝަން ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ ބޮޑު ތަފާތަކުން ބަލިކުރުމަށްފަހު އެވެ. ޓީސީގެ ކުރިން އެ މަގާމުގައި އޮތީ ކްލަބް އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އެވެ. ފުޓްބޯޅައިގެ އެންމެ މަތީ ފަންތިން އެ ކްލަބް ފެނުމުގެ ކުރި ޓީސީ އަކީ ބައިބަލާގައި މަޝްހޫރު ނަމެކެވެ. އެހެންނަމަވެސް ފުޓްބޯޅައިގައި 2015 އަހަރުން ފެށިގެން އެއް ފެންވަރެއްގައި އެންމެ ރަނގަޅު ވާދައެއް ކުރަމުން އަންނަނީ އެޓީމެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުޅުނު ގިނަ މުބާރާތްތަކެއް އެޓީމުން ނިންމާލީ ދެ ވަނައިގައެވެ. މިހާތަނަށް ރާއްޖޭގެ މުބާރާތެއް ކާމިޔާބު ކުރުމުގައި އެޓީމު ފެނުނީ ނަސީބު ދެރަކޮށެވެ. އެކަމަކު މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ޓީސީން މި ހޯދި ކާމިޔާބަށް “ފަހުމިނެޓް” ޓީމުގެ ނަމުގައި މަރުހަބާ ކިޔަމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *