ސައްޓުގެ ގޯލުން ޗެމްޕިއަން ޓީސީ ފަހުވަގުތު ސަލާމަތްވެއްޖެ

Advertisement

ސައްޓުގެ ގޯލުން ޗެމްޕިއަން ޓީސީ ފަހުވަގުތު ސަލާމަތްވެއްޖެ

ޢަލީ ޝަހީމް
ލީގުގައި މާޒިޔާ އާއި ޓީސީ ވާދަކުރި މެޗުގައި ލަނޑު ޖެހުމަށްފަހު ސައްޓު އަދި ފޭދޫ އިއްބެ އުފާފާޅުކުރަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް މޮޅުވާން ދަނިކޮށް ފަހު މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) ވައްދާލި ގޯލާއެކު ޗެމްޕިއަން ޓީސީ ޕޮއިންޓަކާއެކު ލީގު ނިންމާލައިފިއެވެ. ސައްޓުގެ ގޯލާއެކު މިރޭގެ މެޗު ނިމުނީ 4-4 އިން ދެޓީމު އެއްވަރުވެގެންނެވެ.

މިރޭގެ މެޗާއެކު ލީގު އަދި ފުޓްބޯޅަ ސީޒަން ނިމުނުއިރު އެއްވަނަ ޑިވިޝަނުގެ ކްލަބްތަކުން މި އަހަރު ކުޅުނީ އެންމެ ދެ މުބާރާތެވެ. އެންމެ ފުރަތަމަ ކުޅުނު މާލޭ ލީގުގެ ޗެމްޕިއަންކަން ނިއު ރޭޑިއަންޓް ހޯދިއިރު ދިވެހި ލީގު ޓީސީއަށް ލިބުނީ މިއަދު ހަވީރު މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗު 4-4 އިން އެއްވަރުވުމުންނެވެ. މި ދެމުބާރާތުގެ އިތުރުން އަތޮޅު ފުޓްބޯޅައަށް އަމާޒުކޮށްގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ތ. ތިމަރަފުށްޓެވެ. މި މުބާރާތްތަކުގެ އިތުރުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއު ވާދަކުރިއިރު ގްރޫޕް ސްޓޭޖުގެ ކޮލިފައިންގައި ޓީސީ ވާދަކުރިއެވެ.

Advertisement

ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ނިމުނުއިރު އެއްވަނަ ޓީސީއަށް ލިބުނީ ކުޅުނު 16 މެޗުން ހޯދި 40 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ލިބުނީ 16 މެޗުން 38 ޕޮއިންޓެވެ. 36 ޕޮއިންޓާއެކު އީގަލްސް އަށް ތިން ވަނަ ލިބުނު އިރު 28 ޕޮއިންޓާއެކު ހަތަރު ވަނަ ލިބުނީ ނިއު ރޭޑިއަންޓަށެވެ. ފަސްވަނަ 26 ޕޮއިންޓާއެކު ކްލަބް ގްރީން ސްޓްރީޓްސް ހޯދިއިރު ހަ ވަނަ ލިބުނު ފ. ނިލަންދޫ އަށް ލިބުނީ 13 ޕޮއިންޓެވެ. ނިލަންދޫގެ ފަހަތުން ހަތް ވަނައިގައި އޮތީ 12 ޕޮއިންޓް ލިބުނު ށ. ފޯކައިދޫ އެވެ. ލީގުގެ ދެވަނަ ބުރުގެ އަށް ވަނަ ލިބުނީ 10 ޕޮއިންޓާއެކު ނިންމާލި ވިކްޓްރީ ސްޕޯޓްސް ކްލަބަށެވެ. ލީގުގެ ފުރަތަމަ ބުރުން ނުވަ ވަނަ ލިބުނު ބ. ފެހެންދޫ އަދި ފުލުގައި އޮތް ތ. ތިމަރަފުށި ދެވަނަ ބުރަށް ކޮލިފައިވެފައެއް ނުވެއެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޓީސީ އަށް ލީގު ޔަގީންވެފައި އޮތްނަމަވެސް ދެޓީމުންވެސް މަސައްކަތް ކުރީ މޮޅަކާއެކު ލީގު ނިންމާލުމަށެވެ. މެޗުގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޖެހީ ޓީސީގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. އޭގެ ހަ މިނެޓުފަހުން އެޓީމުގެ ދެވަނަ ލަނޑު ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިރޭގެ ލަނޑާއެކު ސީޒަނުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމް ދަގަނޑޭ ހޯދީ 42 ގޯލާއެކުއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އަށް ފަރަގު ކުޑަކޮށްދިނީ 36 ވަނަ މިނެޓުގައި މުހައްމަދު ނާއިމް އެވެ.

ދެވަނަ ހާފު ފެށިގެން އީގަލްސް އިން މޮޅަށް ކުޅެ ވަނީ އިތުރު ތިން ލަނޑު ޖަހައި 4-2 އަށް ނަތީޖާ ބަދަލުކޮށްލައިފައެވެ. އެޓީމުގެ ފަހު ތިން ލަނޑުވެސް ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ރިޒޭ ފުރަތަމަ ލަނޑު ޖެހީ 54 ވަނަ މިނެޓުގައެވެ. ރިޒޭގެ ދެވަނަ ލަނޑު 61 ވަނަ މިނެޓުގައި އަދި ހެޓްރިކް ހެދި ތިންވަނަ ލަނޑު 69 ވަނަ މިނެޓުގައި ޖެހީވެސް ލިބުނު ދެ ޕެނަލްޓީންނެވެ. މެޗުން އީގަލްސް މޮޅުވާނެކަމަށް ބެލެވުނު ނަމަވެސް ޓީސީން ވަނީ ފަހުވަގުތު ހިތްވަރުނެރެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޓިސީން މެޗުގައި ފަރަގު ކުޑަކުރީ 75 ވަނަ މިނެޓުގައި ބިދޭސީ ޑިފެންޑަރ އަލާ ނާސިރު ޖެހި ލަނޑުންނެވެ. މެޗުގެ އިތުރުވަގުތުގެ ފަހު ސިކުންތުގައި ޓީސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ސައްޓު ޖެހީ އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ސައްޓުގެ ގޯލާއެކު ޓީސީގެ ބެންޗާއި ކުޅުންތެރިން އަދި ސަޕޯޓަރުންވެސް ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ރިޒޭ އެވެ.

މިރޭގެ މެޗަށްފަހު ވަނީ ލީގު ޗެމްޕިއަންކަން ހޯދި ޓީސީ ސްޕޯޓްސް ކްލަބަށް ލީގުގެ އައްޑަނަ ހަވާލުކޮށްފައެވެ. ޓީސީއަށް ލީގުގެ އައްޑަނަ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *