ނިއު އިން މާޒިޔާ ހުއްޓުވުމުން ޓީސީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ނިއު ރޭޑިއަންޓާއި ކުޅުނު މެޗު 4-4 އިން އެއްވަރުވުމުން ކުޅިބަލަން އޮތް ޓީސީ ސްޕޯޓްސް ކްލަބަކަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވެއްޖެއެވެ.
ލީގު ޗެމްޕިއަންކަން ހޯދަން މާޒިޔާއަށް އޮތް ހަމައެކަނި ގޮތަކީ މިއަދު ނިއު ރޭޑިއަންޓް ބަލިކުރުމެވެ. އެކަމަކު އެޓީމުން މޮޅުވާން ދަނިކޮށް މެޗު އެއްވަރުވީ 85 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ޖެހި ލަނޑުންނެވެ. ލީގު ޗެމްޕިއަންކަން ޓީސީ އަށް ލިބުނީ އެއްމެޗު ބާކީ އޮތްވައި 39 ޕޮއިންޓާއެކު އެވެ. މިއަދުގެ މެޗާއެކު މާޒިޔާއަށް ލީގު ނިމުނުއިރު 16 މެޗުން ލިބުނީ 38 ޕޮއިންޓެވެ. މިރޭ ކުޅޭ ލީގުގެ ފަހު މެޗުގައި ޓީސީ ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.
Congratulations @TC_Fraternity @TC_Dav for winning the @dhiraagu Dhivehi Premier League 2018
— Bassam Adeel Jaleel (@bassam_jaleeI) November 30, 2018
މިއީ ލީގު ޗެމްޕިއަންކަން ޓީސީ އަށް ލިބުނު ފުރަތަމަ ފަހަރެވެ. 2015 ވަނަ އަހަރު އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވުމަށްފަހު ވޭތުވެދިޔަ ތިން އަހަރުވެސް އެޓީމު ވަނީ ތަށި ހޯދުމާއި ދާދި ގާތަށް ޖެހިލައިފައެވެ. އެކަމަކު ގިނަ މުބާރާތްތަކަކުން އެޓީމަށް ލިބުނީ ދެ ވަނަ އެވެ. ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ފަހުން އެޓީމަށް ލިބުނު ހަމައެކަނި ކާމިޔާބީއަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް މުބާރާތެވެ. މިއީ ރާއްޖޭގެ މުބާރާތެއް އެޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފަސްވަނަ މިނެޓުގައި އުފެއްދީ މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓެވެ. ސްޓޭވާޓް ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖެހީ އަސަދުﷲ އަބްދުﷲ އެވެ. ނިއުގެ ގޯލްކީޕަރު ހަސަން އަބްދުލްހަކީމް އަތުގައި ޖެހިފައި ވެއްޓުނު ބޯޅަ އޭރިޔާ ތެރޭގައި ހުރި އަސަދުﷲ އަށް ލިބުމުން އޭނާ ގޯލުގެ ތެރެއަށް ފޮނުވާލީ ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށެވެ. އޭގެ މިނެޓެއްފަހުން ސްޓެވާޓް ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ހަސަން މަތަކުރިއެވެ. މެޗުގެ 15 ވަނަ މިނެޓުގައި ސްޓެވާޓް ނަގައިދިން ހުރަސް ހުސްކޮށްހުރެ އަސަދުﷲ ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އެކަމަކު އޭގެ މިނެޓެއްފަހުން އަސަދުﷲ ވަނީ އެޓީމަށް ދެ ވަނަ ލަނޑެއް ޖަހައިދީފައެވެ. އޭރިޔާ ތެރޭގައިހުރި އަސަދުﷲ އަށް ލިބުނު ބޯޅަ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. މާޒިޔާގެ ތިންވަނަ ލަނޑު 24 ވަނަ މިނެޓުގައި އަސަދުﷲ ދިން ބޯޅައަކުން ސްޓެވާޓް ޖެހީ ނިއުގެ ކީޕަރު ހަސަން ކައިރިން ނައްޓާލާފައި ގޮހެވެ.
Congratulations @Tcneverdies & coach @nixam02 , CHAMP1ONS DHIVEHI PREMIER LEAGUE 2018 pic.twitter.com/eqNliuNVSQ
— ALI SUZAIN (@alisuzain) November 30, 2018
މާޒިޔާއިން ތިން ލަނޑުގެ ލީޑެއްގައި އޮވެ މެޗު ފަސޭހަ ކަމާއެކު މޮޅުވާނެ ކަމަށް ބެލެވިފައި ވަނިކޮށް ނިއުއިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ނަތީޖާ 3-2 އަށް ބަދަލު ކޮށްލައިފައެވެ. ނިއުގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ޖެހީ އާމިރު ގުރުބާނީ އެވެ. ގުރުބާނީއަށް ލިބުނު ބޯޅަ މާޒިޔާގެ ކުޅުންތެރިން މަޑުކޮށްގެންތިބީ އެބޯޅަ ހުރަސްކުރާނެ ކަމަށެވެ. އެކަމަކު ގުރުބާނީ ވަނީ ހަނި އޭންގަލުން އެއްފަހަރުން އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. ނިއުގެ ދެވަނަ ގޯލު މެޗުގެ 42 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕު ޖެހި ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފްގެ އަތުގައި ޖެހިފައެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ސްޓެވާޓް ފޮނުވާލި ބޯޅަ ޖެހުނީ ގޯލުގެ އަރިމަތީ ދަނޑީގައެވެ. ނިއުއިން މެޗު އެއްވަރުކުރި ލަނޑު 56 ވަނަ މިނެޓުގައި ޖެހީވެސް ގުރުބާނީ އެވެ. މާޒިޔާގެ ޑިފެންޑަރުންގެ ބޯމަތިން ލިބުނު ބޯޅަ ގުރުބާނީ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. އޭގެ ފަހުން އަނެއްކާވެސް ފެނުނީ މާޒިޔާގެ ގޯލެކެވެ. މެޗުގެ 64 ވަނަ މިނެޓުގައި މި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އިސްމާއީލް އީސާ (މެސީ) އެވެ. މެސީ މި ގޯލު ޖެހީ މާޒިޔާއަށް ލިބުނު ކޯނަރެއް ނާއިޒް ހަސަން (ދާދު) ނަގައިދިނުމުން ބޮލުންނެވެ.
Al hamdhu lillaahi
Al hamdhu lillaahi
Al hamdhu lillaahi
we are The CHAMPIONS of Dhiraagu DHIVEHI PREMIER LEAGUE 2018.— TC Sports Club (@TC_Fraternity) November 30, 2018
މާޒިޔާއިން ލީޑު ނެގުމުން ނަތީޖާ އެއްވަރުކުރަން އޭގެ ހަތަރު މިނެޓުފަހުން ނިއުއަށް ޕެނަލްޓީއެއް ލިބުނެވެ. ގުރުބާނީއަށް ކުރި ފައުލަކަށް ނިއުއަށް ލިބުނު ޕެނަލްޓީ ސެންޓޭ ފޮނުވާލުމުން މާޒިޔާގެ ކީޕަރު ހުސައިން މަތަކުރިއެވެ. މިއީ މި ސީޒަނުގައި ސެންޓޭ އަށް ވައްދާނުލެވުނު ހަތަރު ވަނަ ޕެނަލްޓީ އެވެ. ނިއުގެ ޕެނަލްޓީ ވައްދާނުލެވުމުން ލީޑުގައި ހިފަހައްޓައިގެން މެޗު ނިންމާލަން މާޒިޔާއިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.
މާޒިޔާއިން ލީގު ހޯދަން ކުރަމުންދިޔަ އުއްމީދަށް ހުރަސްއެޅީ ކުރިން އެޓީމަށް ކުޅުނު އިބްރާހީމް އަތީގް ހަސަން އެވެ. އަތީގް މި ލަނޑު ޖެހީ އަރިމަތިން ހަސަން އަދުހަމް ނަގައިދިން ހުރަސް ހުސްކޮށްހުރެ ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަތީގުގެ ލަނޑަށް ފަހު މުޅި މާޒިޔާ ޓީމު ކުރިއަށް ޖެހުނެވެ. ލީގު ހޯދުމަށް ކުރާ އުއްމީދުގައި ކޮންމެހެން ލަނޑެއް ޖަހަން މަޖުބޫރުވުމުން މެޗުގެ ބާކި ވަގުތުގައި އުފެއްދި ހަމަލާތައް އެޓީމަކަށް ގޯލަކަށް ބަދަލެއް ނުކޮށްލެވުނެވެ. މެޗުގެ އިތުރު ވަގުތުގައި މާޒިޔާއަށް ލިބުނު ކޯނަރެއްގައި އަސަދުﷲ ބޮލުން ޖެހި ބޯޅަ ނިއުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ކަމަށްބުނެ އެޓީމުން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލް ކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ލަނޑު ޖެހި ބިދޭސީ ކުޅުންތެރިޔާ ގުރުބާނީ އެވެ.
ޓީސީން މި ހޯދި ކާމިޔާބީއަށް “ފަހުމިނެޓް” ގެ ނަމުގައި މަރުހަބާ ކިޔަމެވެ.
Advertisement


Leave a Reply