އާއްލަ: ހެޓްރިކުން ފަހިވި ފުރުސަތާއެކު ޔަގީންކުރީ ޕްރިމިއާ ލީގް ހައެއް
އެއީ މީގެ އެގާރަ އަހަރު ކުރިއެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅެން އޮތީ ތައްޔާރުވެފައެވެ. މުބާރާތުގެ އެހާހިސާބަށް އައި އިރުވެސް އުމުރުން އޭރު އެންމެ 14 އަހަރުގެ އާދިލް އަލީ (އާއްލަ) އަކަށް އެއްވެސް މެޗެއްގެ ފުރަތަމަ އެގާރައަކުން ޖާގައެއް ނުލިބެއެވެ. އެކަމަކު އެ މެޗަށް އައިއިރު ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެމުންއައި މުހިއްމު ކުޅުންތެރިއަކަށް އަނިޔާވެފައި ހުރުމުގެ ސަބަބުން އާދިލްއަށް އެ މެޗް ފަށްޓަން ފުރުސަތު ލިބުނެވެ. އެއާއެކު މެޗްގައި ހެޓްރިކް ހަދައި އެންމެން ހައިރާންކޮށްލިއެވެ. ފ. ނިލަންދޫގެ ގިނަ ބަޔަކަށް އާދިލްގެ ފުޓްބޯޅައިގެ ހުނަރު އެނގެން ފެށީ އެހިސާބުންނެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2015 ވަނަ އަހަރު ފެށުނީއްސުރެ އެ މުބާރާތުގައި ބައިވެރިވަމުންއައި ނިލަންދޫ ފުޓްބޯޅަ ޓީމުގައި އާދިލް ހިމެނެމުން އައީ އެ ހުނަރުގެ ސަބުންނެވެ. ނިލަންދޫއިން މުބާރާތުގައި ބައިވެރިވި ފުރަތަމަ ތިން އަހަރު މާ އެދެވޭ ކާމިޔާބެއް އެޓީމަކަށް ހޯދިފައެއް ނުވެއެވެ. އެކަމަކު މިފަހަރު އެ ޓީމް ފެނުނީ މުޅިން ތަފާތުކޮށެވެ. އަތޮޅު މުބާރާތް ފަހަނައަޅައިގޮސް ޒޯން މުބާރާތް ނިލަންދޫއިން ކާމިޔާބުކުރީ ދ. މީދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ކުރިން މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން މުބާރާތްވެސް ނިލަންދޫއަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެއާއެކު އެކާމިޔާބީ އާދިލްގެ ހަނދާނުގައި ހަރުލައިފައި އޮތީ އާދަޔާ ހިލާފަށް ލޮލުން ކަރުނަ ހިލުވާލި އުފާވެރިކަމެއްގެ ގޮތުގައެވެ. އޭގެ އެހެން ސަބަބެއްވެސް އާދިލް “ފަހުމިނެޓް” އާ ވާހަކަދައްކަމުން ކިޔައިދިނެވެ.
“އަސްލު އެކަން ދިމާވި ގޮތަކީ ކުރީ އަހަރުގެ މުބާރާތުގައިވެސް ފައިނަލްގައި ކުޅެން ލިބުނު. އެފަހަރުވެސް ޖެހުނީ ޕެނަލްޓީ ޖަހަން. އެ ފަހަރު އަހަރެމެން ބަލިވީ ވަރަށް ގިނަ ޕެނަލްޓީތަކެއް މިސްވެގެން. އަހަރެން ޖެހި ޕެނަލްޓީވެސް ނުވަތް. އެހެންވެ. ޕެނަލްޓީއާ ހަމައަށް ދިޔައިރު އެ ހަނދާން ސިކުނޑީގައި ހަރުލައިފައި ހުރި. އެކަމަކު އެ ދުވަހު ޕެނަލްޓީ ކާމިޔާބުކުރެވުމުން ހަމަ ރަގަޅަށްވެސް ރޮވުނީ” ޒޯން މުބާރާތުގެ ތަށި ހޯދި ދުވަހުގެ އިހްސާސްތައް ބަންޑުންކޮށްލަމުން އާދިލް ބުންޏެވެ.
ޒޯން މުބާރާތުގެ ތައްޓާއެކު ނިލަންދޫ ދެން ކުރިމަތިލީ މުޅިން އާ ތަޖުރިބާއަކާއެވެ. ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު އެ ޗެލެންޖް ކާމިޔާބުކުރުމަށްޓަކައި ޒޯން މުބާރާތުގެ ފައިނަލްބުރު އެމީހުން އަމިއްލަ ރަށަށް ގެނައެވެ. އަދި، ފުރުސަތުގެ ބޭނުން އެންމެ ރަގަޅަށް ހިފައި ދިވެހި ޕްރިމިއަރ ލީގުން ނިލަންދޫ ޖާގަ ހޯދިއެވެ. މިކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވި އެކަކީ ޔަގީނުންވެސް އާދިލެވެ. އާދިލް ވަނީ އެ ބުރުގައި ކުޅުނު ފަސް މެޗްގައި ތިން ގޯލް ޖަހައި ގިނަ ގޯލްތަކެއް ޖަހަން އެހީތެރިވެދީފައެވެ.
އާދިލް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދުވެލި ބާރު އަދި ޑްރިބްލިން ރަގަޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އާދިލްއާއެކު މަސައްކަތްކުރި ގިނަ ކޯޗުން ފާހަގަކުރާ ގޮތުގައި އާދިލްގެ ހަމައެކަނި މަދުވަނީ ގޯލް ޖެހުމަށް ކުރާ މަސައްކަތާއި އޭގެ ތޫނުފިލި ކަމެވެ.
“އެންމެ ފަހުން ޓީމާ ހަވާލުވި ލައްޗޭ ކޯޗްވެސް ބުނާނެ ވަރަށް ރަގަޅަށް ކުޅެއޭ. ގޯލޭ ނުޖެހެނީ. އަސްލު މައިންޑްގަ އިންނަނީ ރޮނގަށް ކުޅޭތީވެ ކްރޮސް އޭ ނަގަންޖެހޭނީ. އަބަދުވެސް ވިސްނެނީ އަހަރެންނަށް ގޯލެއް ޖަހަން ޗާންސެއް އިނަސްވެސް މީހަކު ހުސްކޮށް ގޯލާ ދިމާވާގޮތަށް ހުރެއްޖިއްޔާ އެމީހަކަށް ދޭން. ދެން ބައެއް ފަހަރު ކޯޗް ވަރަށް ރުޅިވެސް އަންނާނެ ބައެއް ފަހަރު ހާފްޓައިމްގަ ބުނާނެ ހުސްކޮށް އޮތަސް މާ އަވަހަށް ޕާސް ދޭށޭ އުޅެނީ. އެއެއްޗިހި ޖަހާ ބަލާށޭ. ޖެހީމަ ނޫންހޭ ވަންނާނީ. ގޯލް ޖަހާށޭ. އާދިލް އެބަޖެހެއޭ ގޯލްޖަހަން. އޭތި އެކަންޏޭ މިސްވަނީ” އާދިލް ބުންޏެވެ.
ކޯޗްގެ އިރުޝާދު އާދިލް އަޑުއެހީ ކަނުލައެވެ. އެކަން ރަގަޅުކުރަން ގިނަ ހޯމް ވާކްތަކެއް އޭނާ ހެދިއެވެ. ދަނޑުމަތީގައި ކަށިން ހިތްވަރު ނެރެގެން މަސައްކަތްވެސް ކުރިއެވެ. ނަތީޖާއާ މެދު ސުވާލެއް ނެތެވެ. ކޮލިފައިވެފައި އޮތަސް މާލީ ސަބަބުތަކާ ހުރެ ކިރިޔަކިރިޔާ ޕްރިމިއާ ލީގަށް ކުޅެން އާދެވުނު ނިލަންދޫއިން އިއްޔެ ހަވީރު ފޯކައިދޫ އަތުން މޮޅުވެ ހަވަނަ ކަށަރުކުރިއިރު ތަރިއަކަށްވީ އާދިލްއެވެ. މެޗްގައި އޭނާ ދެ ގޯލް ޖަހައި އިތުރު ގޯލެއް ޖަހަން އެހީތެރިވެދީފައިވެއެވެ. މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ލިބުނީ އާދިލްއަށެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒުގެ އިދާރީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އާދިލް ގަބޫލުކުރާ ގޮތުގައި ދިވެހި ޕްރިމިއާ ލީގްގައި ކުޅެން ލިބުމަކީވެސް ބޮޑު ފަހުރެކެވެ. ލީގުގެ ހަވަނައާއެކު އޭނާ ހުރީ މާބޮޑަށްވެސް ހިތްހަމަޖެހިގެންނެވެ. އިތުރު ޑްރީމެއް މިވަގުތަކަށް ނެތެވެ. މާލޭގެ ކްލަބަކަށް ކުޅުމުގެ ވިސްނުމެއްވެސް އަމުދުން ނެތެވެ.
“އަސްލު މާލެއަކީ އެހާ އުޅޭހިތްވާ ތަނެއް ނޫން. އަނެއްކޮޅުން މިހާރު މިހުރީވެސް ދާއިމީ ވަޒީފާއެއްގަ. މާލެ ގޮސް ވަޒީފާއެއް އަދާކުރަމުން ކުޅޭ ޓީމަކަށް ބަރާބަރަށް ވަގުތު ދިނުމަކީ އެހާ ފަސޭހަކަމަކަށް ވާނެ ހެނެއްވެސް ހިއެއް ނުވޭ. އަނެއްކާ ހުސް އެކަނި ކުޅެގެން މާލޭގަ ދިރިއުޅުމަކީވެސް އުނދަގޫކަމަކަށް ވާނެހެން ހީވަނީ. އެކަމަކު ރަގަޅު އޮފާ އެއް ލިބިއްޖެއްޔާ ނުވިސްނާނަމެކޭ ނޫން މި ބުނަނީ” އާދިލްގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުންޏެވެ.
ކޮންމެއަކަސް އަތޮޅު މުބާރާތުން ފެށިގެން ދިވެހި ޕްރިމިއާ ލީގްގެ ނިމުމާ ހަމައަށް ނިލަންދޫ ކުރި ދިގު ދަތުރަކީ އާދިލްގެ ފުޓްބޯޅަ ކެރިއަރުގައިވެސް ކުރި އެންމެ ވަރުގަދަ ތަޖުރިބާއެވެ. މަދު މެޗްތަކެއްގައި ފިޔަވައި އޭނާގެ ހިދުމަތް ނިލަންދޫ ޓީމަށް ބަރާބަރަށް އައީ ލިބެމުންނެވެ. އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން މާލޭގައި ކުޅުނު ބައެއް މެޗްތަކަށް ނާދެވުނަސް އާދިލްގެ ހިތް ޓީމަކާ ކައިވަތަކަށްވެސް ދުރަކަށް ނުދެއެވެ. އެކަން ނިލަންދޫގެ މުޅި ޓީމާއި ސަޕޯޓަރުން ފާހަގަކުރާނެކަން ޔަގީނެވެ. އާދިލްއާ ނިލަންދޫއިން ފުޓްބޯޅައިގައި މިއަހަރު ހޯދި ކުރިއެރުމާއި ކާމިޔާބީއަށް “ފަހުމިނެޓް” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.
Advertisement
Leave a Reply