ފުޓްބޯޅައިގެ ބޮޑު ދުވަހެއް، ދަނޑު ފުރާލާކަށް ނުދާނަންތަ؟
ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފަހު މެޗުތަކާއި ކުރިމަތިލާއިރު މިއީ ފުޓްބޯޅައިގައި ގިނަ ކަންކަން ހިނގި އަހަރެކެވެ. ފުޓްބޯޅަ ކަލަންޑަރަށް އައި ބަދަލުތަކާއި ބާއްވަން އޮތް މުބާރާތްތައް ކެންސަލް ކުރުމުން ފުޓްބޯޅައިގެ ފޯރި މި އަހަރު އިންތިހާއަށް ކުޑަވިއެވެ. ފާޑުކިޔުންތައް އަމާޒުވި ސީޒަނުގައި ބާކީ އޮތީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުޅޭ ފަހު ދެ މެޗެވެ. މި ދެމެޗު ވެގެންދާނީ މިއަހަރުގެ ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއްވެސް ޔަގީންވާ ދެމެޗަށެވެ.
ދަނޑަށް ވަންނަ ސަޕޯޓަރުން މަދުވި ނަމަވެސް، ފުޓްބޯޅައިގެ ވާދަވެރިކަމަށް ބަލާއިރު މިއީ ހަމަ އެންމެ ފައްކާ ސީޒަނޭ ބުނެވިދާނެއެވެ. ފަހު މެޗުތަކާއި ކުރިމަތިލާއިރު ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައި ނުވުމަކީ މީގެ އެއް ސަބަބެވެ. ވޭތުވެދިޔަ އަހަރުތަކުގައި ލީގު ޗެމްޕިއަންކަން ހޯދާނެ ޓީމެއް މާކުރިން ލަފާކުރެވި ލީގުގެ ފޯރި ވަކި ހިސާބަކުން ކެނޑެއެވެ. އެކަމަކު މިއަހަރުގެ ލީގުގައި ޗެމްޕިއަންކަން ކަނޑައެޅޭނީ މިއަދު ހަވީރު މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލަކުރާ މެޗާއި މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ލީގު ތާވަލަށް ބަލާއިރު މިވަގުތު 39 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޓީސީ އެވެ. އެޓީމުގެ ފަހަތުން 37 ޕޮއިންޓާއެކު ދެވަނައިގައި ވިއްދާފައި އޮތީ މާޒިޔާ އެވެ. ދެޓީމުގެ ފައިދާ ގޯލަށް ބަލާއިރު ހަތް ގޯލާއެކު ކުރި ލިބެނީ ޓީސީއަށެވެ. ލީގު ތާވަލު މިހާރު އޮތްގޮތުން އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަތު ޓީސީ އަށް ވަނީ ތަނަވަސްވެފައެވެ. އެކަމަކު ފަހަކަށް އައިސް މާޒިޔާ ދައްކަމުން އަންނަ މޮޅު ކުޅުމަކީ އެޓީމު ފަހު މެޗާއި ހަމައަށް ލީގާމެދު ކުރާ އުއްމީދު ދެމިއޮތުމުގެ ސަބަބެވެ.
މޮޅުވުން ނޫން ގޮތެއް މާޒިޔާއަކަށް ނެތް
ލީގު ހޯދުމުގެ ފުރުސަތު ވީހާވެސް ބޮޑުކުރަން ބޭނުންނަމަ މިއަދު ނިއު ރޭޑިއަންޓް އަތުން މާޒިޔާ ބޮޑު ތަފާތަކުން މޮޅުވާންޖެހެއެވެ. ފައިދާ ހަތް ގޯލާއެކު ޓީސީ ކުރީގައި އޮތުމުން ގޯލު ފަރަގު ނައްތާލަން ބޭނުންނަމަ އެޓީމުން ނިއު ކޮޅަށް މަދުވެގެން އަށް ގޯލު ޖަހަން ޖެހޭނެއެވެ. އެކަމަކު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބް ކޮޅަށް މާޒިޔާއަށް އެވަރުގެ މޮޅެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ހަތް ގޯލަށްވުރެ ކުޑަ ތަފާތަކުން މާޒިޔާ މޮޅުވި ނަމަވެސް ޓީސީން އީގަލްސްއާ އެއްވަރު ކޮށްލައިގެންވެސް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެއެވެ. އަނެއްކޮޅުން މިއަދުގެ މެޗުން މާޒިޔާ އާއި ނިއު ރޭޑިއަންޓް އެއްވަރުވިޔަސް ލީގު ޗެމްޕިއަންކަނަކަށް ވާނީ ޓީސީ އެވެ.
ލީގުގައި ނިއު ރޭޑިއަންޓް ފޯމު ގެއްލިފައިވުމަކީ މެޗަށް ނުކުންނައިރު މާޒިޔާއަށް އޮތް އެންމެބޮޑު ހިތްހަމަޖެހުމެވެ. އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުންވެސް ނިއު ރޭޑިއަންޓް ވަނީ ބަލިވެފައެވެ. ގްރީން ސްޓްރީޓްސް އަތުން 5-1 އިން ބަލިވިއިރު އީގަލްސް އަތުން އެޓީމު ބަލިވީ 2-0 އިންނެވެ. ނިއުގެ ފޯމާއި އަޅާބަލާއިރު މާޒިޔާ ފެންނަނީ މާބޮޑަށްވެސް ތަފާތުކޮށެވެ. އެންމެފަހުން ކުޅުނު އެގާރަ މެޗުންވެސް މޮޅުވެފައިވާއިރު ގިނަ ގޯލުތަކެއް އެޓީމުން ވަނީ ޖަހައިފައެވެ. އެޓީމު ލީގު މެޗަކުން އެންމެފަހުން ބަލިވީ މިދިޔަ ޖުލައި 17 ވަނަ ދުވަހު ޓީސީއާ ވާދަކޮށް 3-0 އިންނެވެ.
ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ފަހަތުން އަރައި 4-2 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރި މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ، ފަހު ވަގުތާއި ހަމައަށްވެސް އެޓީމުން ލީގު ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.
“ލީގުގެ އެންމެ ފަހުމެޗާ ހަމައަށްވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. އެގޮތުގަ މިހާރު އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ. ހުރިހާ ކުޅުންތެރިންވެސް އެތިބީ ހަމަ އެރޫހުގަ” ޓީސީ ބަލިކުރި މެޗަށްފަހު އިންމަ ބުންޏެވެ.
ޓީސީ ގަދަ އަޒުމްގައި، ޕްރެޝަރެއް ނެތް
މިއަދު ހަވީރު ކުޅޭ މެޗުގެ ނަތީޖާއަށް އެންމެ ބޮޑަށް އިންތިޒާރު ކުރާނީ ޓީސީންނެވެ. ކުޅި ބަލަން އޮވެގެން އެޓީމަށް ޗެމްޕިއަންކަން ލިބުމަކީ ޔަގީނުންވެސް ބޭނުންވާނެ ކަމެކެވެ. އެކަމަކު އެޓީމު ވާދަކުރަން ޖެހެނީ ލީގުގައި ގިނަ ގޯލުތަކެއް ޖަހައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އީގަލްސް އާއެވެ. މި ދެޓީމަކީ ފާއިތުވި އަހަރުތަކުގައި ވާދަވެރި ދެޓީމެވެ. އީގަލްސް އިން އެއްވަނަ ޑިވިޝަނުގެ ހަމައެކަނި ކާމިޔާބީ ހޯދީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓީސީ ބަލިކޮށްގެންނެވެ. އަނެއްކޮޅުން މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައިވެސް މި ދެޓީމުގެ ވާދަވެރިކަން ބޮޑެވެ. ގަދަ ހަތަރަކުން ޓީސީ އަށް ފުރުސަތު ލިބުނީ ލީގުގެ ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން އީގަލްސް ބަލިވުމުންނެވެ. މުޅި ލީގުގައިވެސް މޮޅަށް ކުޅުނު އީގަލްސް އެދުވަހު 1-0 އިން ބަލިވެ ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ގެއްލުމުން އެޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ހިތްދަތި ގޮތަކަށް އެޓީމު ޕްރިމިއަރ ލީގަށް ކޮލިފައިނުވީ ޓިސީ އާއި ޕޮއިންޓުގެ ގޮތުން އެއްވަރުގެ ފައިދާ ގޯލުގެ ތަފާތުން ކުރި ނުލިބުމުންނެވެ. އެމެޗަށްފަހު އީގަލްސްގެ މަހުމޫދު ސައީދާއި ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަރަށް ބޮޑަށް ރުޔެވެ.
މާޒިޔާ އަތުން ބޮޑު ލީޑެއްގައި އޮވެ ބަލިވި މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އެވަރުގެ މެޗަކަށް ކުޅުންތެރިން އާވެފައި ޑިފެންސް ކޮށްގެން ކުޅެން ޓީސީ އަށް އުނދަގޫވި ކަމަށެވެ.
“މި ޓީމަކީ ބަލިވެއްޖެއްޔާ ޖެހިގެން އަންނަ މެޗުގަ ހަމަ ގައިގަ ނެތްވަރު ދައްކައިގެން ކުޅޭ ޓީމެއް. އެހެންވީމަ އޭތި ދަނޑުމަތިން ފެންނާނެ ކަމަށް މި ގަބޫލުކުރަނީ” ފަހު މެޗާއި ގުޅޭގޮތުން ނިޒާމްބެ ބުންޏެވެ.
“ޓީސީ އަށް ވަރަށް އުނދަގޫ ވާނެ ޑިފެންސް ކޮށްގެން ކުޅެން. އެހެންވީމަ އެ އުނދަގޫ ކަންނޭނގެ މިއަދު އައީ. އަންނަ މެޗުގައި ޓީސީ އަށް އެބައިން އަމިއްލަ ބާރުގަ މޮޅުވެވޭނެ ކަމުގެ ގެރެންޓީ. އެހެންވީމަ އެ ތަފާތު ދައްކާނޭ ޓީސީން ފަހުމެޗުގަ” ނިޒާމްބެ ބުންޏެވެ.
ސީޒަނުގެ ބާކީ އޮތް ދެ މެޗަކީ ހަމަ ޔަގީންވެސް ވާދަވެރި އަދި ފޯރިގަދަވާނެ ދެމެޗެވެ. ދެން އޮތީ ސަޕޯޓަރުންގެ ހިތްވަރެވެ. ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި އަލުން ގެންނަން ބޭނުންނަމަ މެޗުތައް ބަލަން ދަނޑަށް ދާން މިއީ އެންމެ ރަނގަޅު ދުވަހެވެ.
Advertisement
Leave a Reply