އާސެނަލް އާއި ޗެލްސީން ވެސް އެއްވަނަ ކަށަވަރު ކޮށްފި

Advertisement

އާސެނަލް އާއި ޗެލްސީން ވެސް އެއްވަނަ ކަށަވަރު ކޮށްފި

ޢަލީ ޝަހީމް

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިންގްލެންޑްގެ އާސެނަލާއި ޗެލްސީގެ ގްރޫޕުގެ އެއްވަނަ ޔަގީން ކޮށްފިއެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި މޮޅުވީ ގްރީސްގެ ޕީއޭއޯކޭއާ ވާދަކޮށް 4-0 އިންނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ފަސް މެޗުންވެސް މޮޅުވެ ގްރޫޕް އެލްގެ އެއް ވަނައިގައި ޗެލްސީ އޮތީ 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބާޓޭ އަދި ތިންވަނައިގައި އޮތް ވިޑީ އަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ބާޓޭއަށް ދެވަނަ ލިވެނީ ހެޑް ޓު ހެޑް ގެ ރެކޯޑުން ވިޑީ އަށްވުރެ ކުރު ލިބިގެންނެވެ. ރޭ އެޓީމު ވަނީ 2-0 އިން ވިޑީ ބަލިކޮށްފައެވެ. ގްރޫގެ ފުލުގައި ތިން ޕޮއިންޓާއެކު އޮތީ ޕީއޭއޯކޭ އެވެ.

ރޭގެ މެޗުގައި ޗެލްސީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. އަނެއް ދެ ލަނޑު ޖެހީ އަލްވާރޯ މޮރާޓާ އާއި ޒުވާން ކުޅުންތެރިޔާ ހުޑްސަން-އޮޑޯއި އެވެ.

ރޭ ރަށުން ބޭރުގައި އާސެނަލް މޮޅުވީ ޔޫކްރޭންގެ ވޯސްކާއާ ވާދަކޮށް 3-0 އިންނެވެ. މި މޮޅާއެކު އާސެނަލަށްވެސް ވަނީ ބާކީ އެއްމެޗު އޮއްވައި ގްރޫޕުގެ އެއްވަނަ ކަށަވަރު ވެފައެވެ. ގްރޫޕް އީގެ އެއް ވަނައިގައި އާސެނަލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާ އެކުއެވެ. އާސެނަލަށް މޮޅު ނުވެނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާއި ކުޅުނު މެޗުން އެކަންޏެވެ. ގްރޫޕުގެ ދެ ވަނައިގައި ސްޕޯޓިން ލިޒްބަން އޮތީ 10 ޕޮއިންޓާއެކުއެވެ. އެޓީމު ވަނީ ރޭ އަޒަރުބައިޖާންގެ ގަރަބަގް އަތުން 6-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މޮޅާއެކު ސްޕޯޓިން އަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވި އިރު ތިން ވަނައިގައި އޮތް ވޯސްކާ އާއި ހަތަރު ވަނައިގައި ގަރަބަގަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. އެ ދެޓީމަށްވެސް ކުޅުނު ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިއީ 2010 ވަނަ އަހަރަށްފަހު ޔޫރަޕްގައި ޖެހިޖެހިގެން ކުޅުނު ފަސް މެޗުން ޗެލްސީ މޮޅުވި ފުރަތަމަ ފަހަރެވެ. ރޭގައި އެޓީމުގެ ތިން ވަނަ ލަނޑު ޖެހި ޒުވާން ކުޅުންތެރިޔާ ހުޑްސަން-އޮޑޯއީ އަކީ މުބާރާތް 2009 ވަނަ އަހަރު ރީބްރޭންޑް ކުރިފަހުން އިނގިރޭސި ޓީމަކަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އޭނާގެ އުމުރަކީ 18 އަހަރާއި 22 ދުވަހެއެވެ.

 

ރޭ ކުޅުނު މެޗުގައި އާސެނަލް އިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އެންމެ ފަހުން ލީގުގައި ބޯންމައުތާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގެ ފުރަތަމަ އެގާރައިން ރޭގެ މެޗުގައި ފުރުސަތު ލިބުނީ ޑިފެންޑަރ ރޮބް ހޯލްޑިން އަށެވެ. 10 ބަދަލާއެކު ނުކުތް އާސެނަލްގެ ޒުވާން ކުޅުންތެރިން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު އެމީލް ސްމިތް ރޯވް ކާމިޔާބު ކުރިއިރު ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން އާރޮން ރަމްސޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައިދިނީ ޖޯ ވިލޮކް އެވެ. ރޭގެ މޮޅަކީ ޔޫކްރޭންގެ ޓީމެއް އަތުން އެގައުމުގައި އާސެނަލް މޮޅުވި ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ކުރިން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ބަލިވެފައި ވާއިރު އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *