ޑެހެއާގެ އެއްބަސްވުމުން ނެގެންއޮތް ހުރިހާ ފައިދާއެއް ޔުނައިޓެޑުން ނަގައިފި
މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްޕެއިންގެ ގައުމީ ޓީމުގެ ގޯލް ކީޕަރ ޑޭވިޑް ޑެހެއާއެކު ޔުނައިޓެޑުން ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްފިއެވެ. އުމުރުން 28 އަހަރުގެ ގޯލްކީޕަރާއެކު ޔުނައިޓެޑުން މިހާރު ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާގޮތަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު އެ އެއްބަސްވުމުގައިވާ ގޮތުން ޔުނައިޓެޑުން ބޭނުންވެއްޖެ ހިނދެއްގައި އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު ދިގުކުރެވިދާނެއެވެ.
ގަބުލުކުރެވޭގޮތުގައި ޔުނައިޓެޑުން ޑެހެއާގެ އެއްބަސްވުމުގެ މުއްދަތު މި އިތުރުކުރީ އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާއާ ދިމާކޮށް ޑެހެއާ ކްލަބް ދޫކޮށްލަފާނެ ކަމަށް އުފައްދައިފާނެ ޝައްކުތައް ފިލުވައިލުމުގެ ގޮތުންނެވެ. މިދިޔަ ފަސް ސީޒަންގެ ތެރެއިން ހަތަރު ސީޒަންގައި، އިނގިރޭސި އެންމެ ކާމިޔާބު އެއް ކްލަބުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފައިވާ ޑެހެއާ ޔުނައިޓެޑާ ގުޅިފައިވަނީ 2011 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުންނެވެ. ޔުނައިޓެޑާއި ޑެހެއާ ދެމެދު ހަދައިފައި އޮތް އެއް ބަސްވުމުގައި ކުރިން އޮތްގޮތުން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން އިނގިރޭސިވިލާތުން ބޭރު ކޮންމެ ކްލަބާކާވެސް ވާހަކަދައްކައި ޕްރީ އެގްރީމެންޓެއް ހެދުމުގެ ފުރުސަތު ޑެހެއާއަށް ލިބެއެވެ.
އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ޗެމްޕިއަންސް ލީގް މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ވެސް ބުނެފައިވަނީ ޑެހެއާ ހިފަހައްޓަން ކްލަބުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.
“ޑޭވިޑް ޑެހެއާ އަކީ ދުނިޔޭގެ ފެންވަރުގެ ގޯލްކީޕަރެއް. ފަހަރެއްގަ އެއީ މިވަގުތު ދުނިޔޭގަހުރި އެންމެ މޮޅު ގޯލް ކީޕަރަށްވެސް ވެދާނެ” މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޑެހެއާ ކުރި މޮޅު ސޭވް އާއެކު ޔަންގް ބޯއީސް އަތުން ހަނިގޮތަކަށް ޔުނައިޓެޑް މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން މޮރީނިއޯ ބުނެފައިވެއެވެ.
“ކާމިޔާބު ކްލަބެއްގައި ހުންނަން އެދޭ ކަމަށް ވަންޏާ އެއީ އަސްލު ކުޅުންތެރިއެއްގެ ކިބައިން ފެންނަން ބޭނުންވާނެ ކަމަކީ. އަދި، އެއީ އަހަރެމެން އެހާވަރަކުން ޑެހެއާ މި ކްލަބުގައި ބަހައްޓަން ބޭނުންވާ ސަބަބަކީވެސް” ޑެހެއާ މެޗްގައި ދެއްކި ކުޅުމަށް ތައުރީފްކުރަމުން މޮރީނިއޯ އިތުރަށް ބުނެފައިވެއެވެ.
Advertisement
Leave a Reply