ގްރީން ސްޓްރީޓްސް އަތުން ބަލިވެ ވިކްޓްރީ ފުލަށް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ވާދަކުރި މެޗުން 4-2 އިން ބަލިވެ ދެވަނަ ބުރުގެ އެންމެ ފުލުގައި އޮވެ ވިކްޓްރީ ސްޕޯޓްސް ކްލަބުން ލީގު ނިންމާލައިފިއެވެ. މާލީ މައްސަލަތަކާހެދި ޓީމުގެ ކުޅުންތެރިން ކިރިޔާ ހަމަވާ ވިކްޓްރީ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބެވެ. އެކަމަކު ފަހަކަށް އައިސް އެޓީމުގެ އަސްލު ފެންވަރު ފެނިފައި ނުވާއިރު މި ސީޒަނުގައި ލީގުގެ ދެމެޗަކަށް އެޓީމު ހާޒިރު ވެފައެއްވެސް ނުވެއެވެ.
މިރޭގެ މެޗުން ބަލިވުމުން ކުޅުނު 16 މެޗުން ވިކްޓްރީ އަށް ލިބުނީ 10 ޕޮއިންޓެވެ. ދެވަނަ ބުރުގެ އަށްވަނަ ވިކްޓްރީ އަށް ލިބޭއިރު ލީގުގެ ހަތްވަނަ ލިބުނީ 16 މެޗުން 12 ޕޮއިންޓް ލިބުނު ށ. ފޯކައިދޫއަށެވެ. ލީގުގެ ހަ ވަނައިގައި ނިންމާލީ މިއަދު ފޯކައިދޫ އަތުން ބޮޑު މޮޅެއް ހޯދި ފ. ނިލަންދޫ އެވެ. ނިލަންދޫ ވަނީ ލީގުގައި ކުޅުނު 16 މެޗުން 13 ޕޮއިންޓް ހޯދައިފައެވެ. މިރޭގެ މެޗުން މޮޅުވުމުން ލީގުގައި ގްރީން ސްޓްރީޓްސް އަށް ލިބުނީ 26 ޕޮއިންޓެވެ. އެޓީމަށް ލީގުން ލިބުނީ ފަސް ވަނަ އެވެ. ލީގުގެ ހަތަރު ވަނަ 27 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ޔަގީން ކޮށްފައި ވާއިރު ތިންވަނަ ލިބުނީ ކްލަބް އީގަލްސް އަށެވެ. އެކަމަކު މާދަމާ ކުޅޭ މެޗުތަކަށްފަހު މި ދެޓީމަށްވެސް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.
ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނީ 10 ޓީމެވެ. ގަދަ އަށް ޓީމަށް ދެ ވަނަ ބުރުން ފުރުސަތު ދިންއިރު ފުރަތަމަ ބުރުގައި އެންމެ ފުލުގައި އޮވެގެން ލީގު ނިންމާލީ ތ. ތިމަރަފުށްޓެވެ. އެޓީމާއެކު ދެވަނަ ބުރުން ޖާގަ ގެއްލުނީ ބ. ފެހެންދޫ އަށެވެ.
މުހިއްމު ކަމެއް ނެތް މި މެޗުގެ ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ޖެހީ ވިކްޓްރީގެ މިރާހް މުހައްމަދެވެ. ވިކްޓްރީގެ ލަނޑަށްފަހު ގްރީން ސްޓްރީޓްސް ގެ އަސްހަދު އަލީ (އަޑުބަރޭ) ވަނީ މެޗުގެ ނުވަ ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސް ގެ ރޮލާންޑް ރަސެލް ކާމިޔާބު ކޮށްދިން ލަނޑާއެކު އެޓީމުން ލީޑު ނެގިއެވެ.
ދެވަނަ ހާފުގައި ގާތްގާތުގައި ޖެހި ދެ ލަނޑާއެކު ގްރީން ސްޓްރީޓްސް އިން މެޗުގައި ތިން ލަނޑުގެ ލީޑެއް ނެގިއެވެ. އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން ރަސެލް އެވެ. އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ޑިފެންޑަރ ސަމްދޫހު މުހައްމަދެވެ. ވިކްޓްރީގެ ދެ ވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖެހީ އަހުމަދު ރަޝީދު އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސް އަށް ދެ ލަނޑު ޖަހައިދިން ރަސެލް އެވެ.
ސީޒަނުގައ ބާކީ އޮތީ މާދަމާ ލީގުގައި ކުޅޭ ފަހު ދެމެޗެވެ. ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓާއި ވާދަކުރާއިރު މާދަމާ ރޭ ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ކްލަބް އީގަލްސް އާއި ދެކޮޅަށެވެ. މާދަމާ ކުޅޭ ދެމެޗަށްފަހު ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ޔަގީންވެގެންދާނެއެވެ. ލީގު ޗެމްޕިއަންކަމަށް ވާދަކުރަނީ މާޒިޔާ އާއި ޓީސީ އެވެ.
Advertisement
Leave a Reply