ބޮޑު މޮޅަކާއެކު ނިލަންދޫން އަމާޒު ޔަގީންކޮށްފި

Advertisement

ބޮޑު މޮޅަކާއެކު ނިލަންދޫން އަމާޒު ޔަގީންކޮށްފި

ޢަލީ ޝަހީމް
މިއަދު ހަވީރު ނިލަންދޫ އާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ 4-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް ފ. ނިލަންދޫން ލީގުގައި އެޓީމުން ބޭނުންވި އަމާޒަށް ވާސިލްވެއްޖެއެވެ. މި މޮޅާއެކު ނިލަންދޫ ވެފައިވަނީ މިނިވަން ޗެމްޕިއަންޝިޕުން ލީގަށް ކޮލިފައިވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމަށެވެ. މިއަދުގެ މެޗުގައި އެޓީމުގެ ހަތަރު ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައެވެ.

ލީގުގެ ކުޅުން މި ދެޓީމަށް ނިމުނުއިރު 16 މެޗުން ލިބުނު 13 ޕޮއިންޓާއެކު ނިލަންދޫ މިހާރު އޮތީ ހަ ވަނައިގައެވެ. އެޓީމުގެ ފަހަތުން ފޯކައިދޫއަށް ހަތް ވަނަ ލިބެނީ ކުޅުނު 16 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން ވިކްޓްރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ ނަމަ ލީގުގެ ހަ ވަނަ ލިބޭނީ ވިކްޓްރީއަށެވެ. އެނޫން ނަތީޖާއެއް ނުކުމެއްޖެ ނަމަ ލީގު ތާވަލުގައި މި ތިން ޓީމު އޮތް މަގާމަށް ބަދަލެއް ނާންނާނެއެވެ.

Advertisement

ލީގުގައި ނިލަންދޫ ކުޅުނު 16 މެޗުގެ ތެރެއިން އެޓީމު މޮޅުވީ ހަތަރު މެޗުންނެވެ. އެއީ ލީގުގެ ފުރަތަމަ ބުރުގައި ބ. ފެހެންދޫ އާއި ތ. ތިމަރަފުއްޓާއި ބައްދަލުކުރި މެޗުގެ އިތުރުން ދެވަނަ ބުރުގައި ވިކްޓްރީ އަދި މިއަދުގެ މެޗެވެ. އަދި ފުރަތަމަ ބުރުގައި ވިކްޓްރީއާ ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގުގައި އެޓީމު ކޮޅަށް 60 ގޯލު ވަތްއިރު 20 ގޯލު ވަނީ ޖަހައިފައެވެ.

ފޯކައިދޫން ކުޅުނު 16 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު ތިން މެޗުން ވަނީ އެއްވަރުވެސް ވެފައެވެ. މޮޅުވީ ފުރަތަމަ ބުރުގައި ފެހެންދޫ އަދި ނިލަންދޫ އާއި ވާދަކުރި މެޗާއި ދެވަނަ ބުރުގައި ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗުންނެވެ. އެޓީމު އެއްވަރުވީ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އާއި ބައްދަލުކުރި މެޗާއި ތިމަރަފުށްޓާއި ވާދަކުރި މެޗުގެ އިތުރުން ދެވަނަ ބުރުގައި ވިކްޓްރީ އާއި ވާދަކުރި މެޗުގައެވެ. ލީގުގައި އެޓީމުން 16 ގޯލު ޖެހިއިރު ބައިކޮޅަށް 39 ގޯލު ވަނީ ވަދެފައެވެ.

ލީގުގެ ފުރަތަމަ ބުރާއި މިނިވަން ޗެމްޕިއަންޝިޕްގައި މިދެޓީމު ބައްދަލުކުރި މެޗުވެސް ކާމިޔާބު ކުރީ ފޯކައިދޫ އެވެ. މި ދެމެޗުންވެސް 2-0 އިން ފޯކައިދޫން ކާމިޔާބު ކުރިއިރު މިއަދުގެ މެޗާއެކު ނިލަންދޫން ވަނީ ފޯކައިދޫގެ ކިބައިން ބަދަލުހިފައިފައެވެ.

މެޗުގައި ނިލަންދޫ ޓީމުގެ ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި ޖެހީ ފާރޫގު އިސްމާއީލް އެވެ. ފާރޫގަކީ ކުރިން ނިއުރޭޑިއަންޓަށް ކުޅުމަށްފަހު މިއަހަރުގެ މާލޭ ލީގުގައި މާޒިޔާއިން ފެނުނު ކުޅުންތެރިއެކެވެ. މެޗުގެ 10 ވަނަ މިނެޓުގައި ފޯކައިދޫ ޓީމުގެ އަހުމަދު މުހައްމަދު (އައްމަޑޭ) ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ނިލަންދޫ ޓީމުގެ ގޯލްކީޕަރު އަލީ ސޮބާހު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ނިލަންދޫ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އިބްރާހީމް ފުރުގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ އާދިލް އަލީ އެވެ. އާދިލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފޯކައިދޫގެ ކީޕަރު މުހައްމަދު ޝިފާން އަތުގައި ޖެހިފައެވެ. ނިލަންދޫން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ފޯކައިދޫން މެޗުން މޮޅުވުމަށްކުރި އުއްމީދަށް ހުރަސްއަޅައިފައެވެ. ފުރަތަމަ ލަނޑު ޖެހި އާދިލް ނަގައިދިން ހުރަހަކުން މި ބޯޅަ ގޯލަށް ވައްދާލީ ލީގުގައި ނިލަންދޫއަށް މޮޅު ކުޅުމެއްދެއްކި ބިދޭސީ ފޯވާޑް ލޫކަސް އެވެ.

26 ވަނަ މިނެޓުގައި އައްމަޑޭ ނަގައިދިން ކޯނަރަކުން ލަނޑު ޖަހާނެ ފުރުސަތެއް ފޯކައިދޫގެ ހަލީލް އަށް ލިބި ވަނީ ބޭކާރުވެފައެވެ. ހުސްކޮށްހުރި ހަލީލަށް އެބޯޅަ ގޯލަށް ފޮނުވާނުލެވުނީ ބޯޅައިގައި ރަނގަޅަށް ލައްވާނުލުމުންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ނިލަންދޫގެ ލޫކަސް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ނިލަންދޫ ޓީމުގެ އާދިލް ވަނީ މެޗުގައި ނިލަންދޫގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. އެޓީމުގެ އަހުމަދު ނަބީލަށް ލިބުނު ބޯޅަ ފޯކައިދޫގެ ޑިފެންޑަރުންގެ ދޭތެރެއިން ހުސްކޮށްލާފައި ދިނީ އާދިލް އަށެވެ. އާދިލް ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ދެވަނަ ފަހަރަށް ލިބުމުން ބޯޅަ ފޮނުވާލީ ހުސް ގޯލުގެތެރެއަށެވެ.

ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓުގައި ފޯކައިދޫގެ ބިދޭސީ ޑިފެންޑަރު މަހުމޫދު ސައީދު އޭރިޔާތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ބޯޅަ ޖެހުނީ ގޯލުގެ ދަނޑީގައެވެ. އަދި އޭގެ މިނެޓެއްފަހުން އެޓީމުގެ އަހުމަދު އުސާމް ނަގައިދިން ބޯޅަ ހަސަން ނަޒީމް ބޮލުން ފޮނުވާލުމުން ނިލަންދޫގެ ކީޕަރު ސޮބާހު މަތަކުރިއެވެ. 77 ވަނަ މިނެޓުގައި ނިލަންދޫގެ އަޒްހާން ހަލީލް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މެޗުގެ ފަހު ފަސްމިނެޓުގައި ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ވަނީ ފެނިގެންގޮސްފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫ ޓީމަށް ދެ ލަނޑު ޖަހައިދިން އާދިލް އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *