ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލް އުނދަގޫ ހާލަތަކަށް

Advertisement

ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލް އުނދަގޫ ހާލަތަކަށް

ޢަލީ ޝަހީމް
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ނޭމާ އުފާފާޅު ކުރަނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަތުން ބަލިވެ އިންގްލެންޑްގެ ލިވަޕޫލަށް ދެވަނަ ބުރަށް ދިއުމަށް ފަހު މެޗުގައި އިޓަލީގެ ނަޕޯލި ބަލިކުރަން މަޖޫބޫރުވެއްޖެއެވެ. ރޭ ޕީއެސްޖީ އަތުން ލިވަޕޫލް ބަލިވީ 2-1 އިންނެވެ.

މި ގްރޫޕުގައި އިޓަލީގެ ނަޕޯލީ ރޭ ވަނީ ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އަތުން 3-1 އިން މޮޅުވެފައެވެ. މި މޮޅާއެކު ގްރޫޕް ސީގެ އެއްވަނައިގައި ނަޕޯލީ އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޕީއެސްޖީ އޮތީ އަށް ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް ހަ ޕޮއިންޓް ލިބިފައިވާއިރު ހަތަރު ޕޮއިންޓާއެކު ފުލުގައި އޮތް ރެޑްސްޓާ އަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ.

ފަހުމެޗުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ނުކުންނައިރު ޕީއެސްޖީ ރަށުން ބޭރުގައި ވާދަކުރާނީ ރެޑްސްޓާ އާއެވެ. ނަޕޯލީ އަތުން 1-0 އިން މޮޅުވެއްޖެ ނަމަ ދެވަނަ ބުރުގެ ފުރުސަތު ލިބޭނީ ލިވަޕޫލަށެވެ. އެކަމަކު އެމެޗުގައި ނަޕޯލީން ލަނޑެއް ޖަހައިފިނަމަ ދެވަނަ ބުރުގެ ޖާގައެއް ހޯދަން ލިވަޕޫން އިތުރު ދެ ލަނޑު ޖަހަން ޖެހޭނެއެވެ. 2-1 ނުވަތަ 3-2 ގެ ނަތީޖާއަކުން ނަޕޯލީ ބަލިވިޔަސް ލިވަޕޫލް މުބާރާތުން ކަޓާނެއެވެ.

މެޗު ފެށިގެން މޮޅަށް ކުޅުނު ޕީއެސްޖީން ލީޑު ނެގީ 13 ވަނަ މިނެޓުގައި ސްޕެއިންގެ ހުއާން ބަނާޓް ޖެހި ލަނޑުންނެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ތަރި ނޭމާ އެވެ. ނޭމާގެ ގޯލާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނައިން ލަނޑު ޖެހި ބްރެޒިލް ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ. ރޭގެ މެޗުގެ ކުރިން އެންމެ ގިނައިން ގޯލު ޖެހި ބްރެޒިލްގެ ކުޅުންތެރިއަކީ ކަކާ އެވެ. ކަކާގެ ރެކޯޑް ނޭމާ މުގުރާލީ 31 ގޯލު ޖަހައިގެންނެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއެއް ވައްދާލައި ލިވަޕޫލަށް އުއްމީދެއް ގެނެސްދިނީ ޖޭމްސް މިލްނާ އެވެ. ލިވަޕޫލަށް ޕެނަލްޓީ ލިބުނީ އެޓީމު ސަޑިއޯ މާނޭ އަށް ޕީއެސްޖީގެ އެންހެލް ޑި މާރިއާ ފައުލް ކުރުމުންނެވެ.

މެޗަށްފަހު ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ވަނީ މެޗުގައި ލިވަޕޫލަށް ދެއްކި ކާޑުތަކާއި ޕީއެސްޖީ ކުޅުންތެރިންގެ އަމަލުތައް ހުރިގޮތުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

“އަހަރެމެން އިންގްލެންޑުގައި ދެފަހަރު ފެއާޕްލޭ އެވޯޑު ހޯދިން. އެކަމަކު މިރޭ އަހަރެމެނަށް ދެއްކި ކާޑުތަކުން ހީވަނީ އަހަރެމެންނަކީ އިދިކޮޅު ޓީމަށް އޮތް ބޮޑު ނުރައްކަލެއްހެން” ލިވަޕޫލްގެ ހަ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކުމުން ހިތްހަމަނުޖެހިފައި ހުރި ކްލޮޕް ބުންޏެވެ.

“ޕީއެސްޖީގެ ކުޅުންތެރިން ވަރަށް ކުޅަދާނަ. ހާއްސަކޮށް ނޭމާ. އަދި އެޓީމުގެ ކުޅުންތެރިން ވެއްޓޭއިރު ހީވަނީ ވަރަށް ސީރިއަސް ކަމެއްވެގެން އުޅޭހެން” ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ދެވަނަ ބުރުގެ ޖާގަތައް ކަށަވަރު ކޮށްފައިވަނީ އެތްލެޓިކޯ މެޑްރިޑް، ބޮރޫޝިޔާ ޑޯޓްމަންޑް، އެފްސީ ޕޯޓޯ، އަދި ޝާލްކާ އެވެ. ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަ މިލާން 1-0 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ. ރޭގެ މެޗުން ބަލިވުމުން އިންޓައަށް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. އެކަމަކު ފަހު މެޗުގައި އެޓިމު ޕީއެސްވީއާ ދެކޮޅަށް ނުކުންނައިރު ޓޮޓެންހަމް ކުޅެން ޖެހޭނީ ގްރޫޕުގެ އެއްވަނަ މިހާރުވެސް ކަށަވަރު ކޮށްފައިވާ ބާސެލޯނާ އާއެވެ.

ޗެމްޕިއަންސް ލީގުގެ ފަހު މެޗުތައް ކުޅޭނީ އަންނަ މަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *