ދަގަނޑޭގެ ރެކޯޑާއި ތަކުރާރުވާ ދެވަނަ، ބުރަވާނީ ކޮންކޮޅަކަށް؟
![](https://fahuminet.com/wp-content/uploads/2018/11/Dhagandeyyyy-600x400.jpg)
ފުޓްބޯޅައާ ގުޅުވައިގެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޓީސީގެ ފޯވާޑް ޢަލީ އަޝްފާގް (ދަގަނޑޭ) އާ ބެހޭ ގޮތުން ދައްކާނެ އާ ވާހަކައެއް މިހާރު މަދުވާނެއެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ދެބަސްވާނެ ފުޓްބޯޅަ ދަންނަ ދިވެއްސަކު ހުންނާނެއެކޭ ހިއެއް ނުވެއެވެ. މީގެ ސަތާރަ އަހަރު ކުރިން އުމުރުން އެންމެ 16 އަހަރުގައި އަޝްފާގްގެ ކެރިއަރ ފެށިއިރެކޭ މިއަދެކޭ ކާމިޔާބީގެ ނިސްބަތުން ތަފާތެއް ނެތެވެ. ކެރިއަރ ގެ ނިމުމަކާ ގާތްވެފައިވާއިރު ދިވެހި ފުޓްބޯޅައިގައި އަޝްފާގް އިތުރަށް ހާސިލްކުރާނެ އެއްޗެއް ނެތެވެ.
ދިވެހި ފުޓްބޯޅައިގައި އަޝްފާގް ދަމަހައްޓަމުން އަންނަ ރެކޯޑްތައްވެސް ބައިވަރެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ރެކޯޑަކީ އޭނާ މިހާތަނަށް ކުޅެފައިވާ ކޮންމެ ކްލަބެއްވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް އުފުލައިލައިފައިވަނީ އޭނާގެ އެހީތެރިކަމާ އެކު ކަމަށްވުމެވެ. މި ސިލްސިލާ ފެށިގެން އައީ އަޝްފާގުގެ ކެރިއަރ ފެށި ކްލަބް ވެލެންސިޔާއާ ހަމައިންނެވެ. އެއީވެސް އަދި އޭނާ އެޓީމަށް ކުޅެން ފެށި ފުރަތަމަ އަހަރުއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ރަންޔޫބީލްއާ ގުޅިގެން ދެހާސްވަނަ އަހަރު އުފަންވި ދިވެހި ލީގް ޖެހިގެން އައި ދެހާސް އެއްވަނަ އަހަރު ކްލަބް ވެލެންސިޔާއިން ފުރަތަމަ ފަހަރަށް ކާމިޔާބުކުރިއިރު އަޝްފާގަކީ ޓީމުގެ މުހިއްމު އެކަކެވެ. އޭގެ ފަހުން ވެލެންސިޔާގައި އަޝްފާގް ހޭދަކުރި ހަތަރު ސީޒަންގެ ތެރެއިން ތިން ސީޒަންގައި ދިވެހި ލީގް އެޓީމަށް ކާމިޔާބުކޮށްދިނެވެ. ވެލެންސިޔާގައި އަޝްފާގް ދައްކަމުން އައި އާދަޔާ ހިލާފް މޮޅު ކުޅުމާއެކު ދެހާސް ހަވަނަ އަހަރު ނިއުރޭޑިއަންޓުން އޭނާގެ ސޮއި އަތުލިއެވެ. އަދި އަޝްފާގްގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި ފުރަތަމަ ފަހަރަށް ދިވެހި ލީގްގެ ތަށި ނިއުރޭޑިއެންޓުން ހަމަ އެ އަހަރު އުފުލާލިއެވެ.
![](https://fahuminet.com/wp-content/uploads/2018/11/Maziya-Dhagandey.jpg)
ދަގަނޑޭ 2016 ވަނަ އަހަރު މާޒިޔާގެ ޖާޒީގައި. އެޓީމަށް އެ އަހަރު ލީގު ހޯދައިދިނުމުގައި ދަގަނޑޭ މުހިއްމު ދައުރެއް އަދާކޮށްފައިވޭ.
ނިއުރޭޑިއަންޓްގައި ދެ އަހަރު ހޭދަކުރުމަށްފަހު އަޝްފާގްގެ ޖާދޫ ދެން ދައްކަން ފެށީ ވީބީ ސްޕޯޓްސް ގައެވެ. އަޝްފާގް ވީބީއާ ގުޅުމުގެ ކުރިން ކުޅުނު ދެ ކްލަބެކޭ އެއްގޮތަށް އޭނާއާއެކު ވީބީ އިން ފުރަތަމަ ފަހަރަށް ދިވެހި ލިގް ކާމިޔާބު ކުރިއެވެ. ވީބީއަށް ފަހު ދެން އަޝްފާގް ގުޅުނު އާ ކްލަބަކަށްވީ މާޒިޔާއެވެ. ދެހާސް ސޯޅަ ވަނަ އަހަރު އަޝްފާގް މާޒިޔާއާ ގުޅުނު އިރު އެއްވަނަ ޑިވިޝަންގައި އެޓީމް ކުޅޭތާ ދިހަ އަހަރެވެ. އޭރު ޗެރިޓީ ޝީލްޑާއި، އެފްއޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕްވެސް މާޒިޔާއިން އޮތީ ކާމިޔާބުކޮށްފައެވެ. އަޝްފާގާއެކު މާޒިޔާގެ ޓްރޮފީ ހަރުގަނޑަށް އިތުރުވީ އެއްކަލަ ދިވެހި ލީގެވެ. އަނެއްކާވެސް އަޝްފާގް ގެ ރެކޯޑް އޭނާ ދެމެހެއްޓީއެވެ.
ކޮންމެއަކަސް އަޝްފާގް މިހާރު މިހުރީ އަނެއްކާވެސް އާ ކްލަބެއްގައެވެ. އޭނާއާއެކު މާދަމާ ޓީސީއިން ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނަނީ ދިވެހި ލީގް ކާމިޔާބުކުރުމުގެ ފަހު ހަގުރާމައަށެވެ. ދިވެހި ޕްރިމިއާ ލީގުގެ މިހާ ހިސާބަށް ޓީސީ ގެނައުމުގައި ދަގަނޑޭ ގެ ހިއްސާ އޮތް މިންވަރާމެދު ބަހުސެއް ނެތެވެ. ލީގްގައި ޓީސީއިން މިހާތަނަށް ޖެހި 49 ލަނޑުގެ ތެރެއިން 21 ލަނޑު ޖެހީ އަޝްފާގެވެ. ކުރިން އަޝްފާގް ކުޅެފައިވާ ޓީމުތަކާއެކު އޭނާ ހޯދައިދިން ކާމިޔާބާއެކު ޓީސީގެ ސަޕޯޓަރުން ތިބީ ބޮޑު އުއްމީދެއްގައެވެ.
![](https://fahuminet.com/wp-content/uploads/2018/11/ޑހަގެޔ-ާޗހދ.jpg)
މިއަހަރުގެ އޭއެފްސީ ކަޕްގައި ދަގަނޑޭ ނިއު ރޭޑިއަންޓަށް ކުޅެނީ. މިދިޔަ އަހަރު ނިއުއިން ލީގު ހޯދީ ދަގަނޑޭގެ އެހީތެރިކަމާއެކު
ދެން އޮތީ މުޅިން އެހެން ވާހަކައެކެވެ. އަޝްފާގްގެ ރެކޯޑްގެ ވާހަކައިން ޓީސީގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދޭ ފަދައިން އެމީހުންނަށް ނުތަނަވަސްކަން ގެނެސްދެނީ މާޒީއެވެ. 2015 ވަނަ އަހަރުން ފެށިގެން އެއްވަނަ ޑިވިޝަންގައި ޓީސީ އިން މި ހޭދަކުރި ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހިތްދަތި ތަޖްރިބާތަކެއް އެޓީމުން ކޮށްފިއެވެ. ތަށްޓާ ކައިވަތެއްހާ ގާތަށް ދެވުނު ފަހަރުވެސް ނިސްބަތުން މަދެއް ނޫނެވެ. 2016 ވަނަ އަހަރު އޮތް އެފްއޭ ކަޕު ފައިނަލުން ހާލުގައި އޮތް ވެލެންސިޔާ އަތުން ޓީސީ ބަލިވީ ގިނަ ބަޔަކު ހީވެސް ނުކޮށް ތިއްބައެވެ. ޖެހިގެން އައި އަހަރުގެ އެފް އޭ ކަޕް ފައިނަލްގައި ނިއުރޭޑިއަންޓުން ޓީސީ ގެ މައްޗަށް ކުރި ހޯދީ ޓީސީއިން ދެ ލަނޑު ޖަހައި ކުރި ހޯދައިފައިވަނިކޮށް ފަހަތުން އަރައެވެ. އެއްވަނަ ޑިވިޝަނަށް ކޮލިފައިވީއްސުރެ މި ވޭތުވެގެންދިޔަ ތިން ސީޒަންގެ ދިވެހި ލީގްގައިވެސް ޓީސީ ގެ މަގާމަކަށްވީ ދެއެކެވެ. މިއަހަރުގެ ލީގުގައި އެންމެ ފަހުން ޓީސީ އާއި މާޒިޔާ ބައްދަލުކުރި މެޗްގައި ކަންވީ ގޮތުން މިފަހަރުވެސް ކުރީގެ ތަޖްރިބާ ތަކުރާރުވެދާނެ ކަމުގެ ހީތައް ޓީސީގެ ސަޕޯޓަރުންގެ ހިތުގައި އިތުރުވުން ގާތެވެ. ޕޮއިންޓެއް ހޯދައިގެން ލީގް ކަށަވަރުކުރެވެން އޮތް އެ މެޗުން މާޒިޔާ ކުރި ހޯދީ ޓީސީއިން ދެ ގޯލް ޖަހައި ކުރި ހޯދައިފައިވަނިކޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. އެއާއެކު ލީގް ހޯދުމުގެ ދަތުރު ކުރިއަށްވުރެ މިއޮތީ ޓީސީއަށް އުނދަގޫވެފައެވެ.
ކޮންމެއަކަސް މާދަމާރޭ ލީގްގެ ފަހު މެޗަށް އީގަލްސްއާ ދެކޮޅަށް އެޓީމުން ނުކުންނައިރު ކުރީ އަހަރުތަކުގެ ހިތްދަތި ތަޖްރިބާގެ ސަބަބުން ބައެއް ކުޅުންތެރިންގެ މެންޓާލިޓީއަށް އަސަރުކުރުމަކީ ވެދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެކަމަކު ހަމަ އެ ތަޖްރިބާއަކީ މާދަމާރޭގެ މެޗަށް ތައްޔާރުވުމަށް ލިބިފައި އޮތް އެންމެ ވަރުގަދަ ހަތިޔާރަށްވުންވެސް ގާތެވެ. ދަގަނޑޭ ހުރީ ތައްޔާރަށެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ހުރީ ޕޮޒިޓިވް އެޓިޓިއުޑެއްގައެވެ. އެއާއެކު ޓީސީގެ ބަދަލުނުވެ އޮތް ތާރީހްގެ މައްޗަށް ދަގަނޑޭގެ ރެކޯޑަށް ކުރި ހޯދިދާނެތޯ ބަލަން ތިބެމާ ހިނގާށެވެ.
Advertisement
![](https://fahuminet.com/wp-content/uploads/2022/09/768px-x-300px.png)
![](https://fahuminet.com/wp-content/uploads/2022/09/370px-x-500px.png)
Leave a Reply