އެމްޒެޑްޖީ އަތުން ބަލިވެ ވިލިމާލެ ކެޓިއިރު ހުޝާމްގެ ލަނޑުތަކުން ހެލްޕިން ހޭންޑަށް އުންމީދެއް

Advertisement

އެމްޒެޑްޖީ އަތުން ބަލިވެ ވިލިމާލެ ކެޓިއިރު ހުޝާމްގެ ލަނޑުތަކުން ހެލްޕިން ހޭންޑަށް އުންމީދެއް

ފަހުމިނެޓް
ވިލިމާލެ ޔުނައިޓެޑާއި އެމްޒެޑްޖީ ބައްދަލުކުރި މެޗުގެ ޝަރަފްވެރި މެހެމާން، ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އާފިއު މުހައްމަދު ހާމިދު ވިލިމާލެ ޔުނައިޓެޑުގެ ކުޅުންތެރިންނާ ސަލާމް ކުރައްވަނީ. ފޮޓޯ: އެފްއޭއެމް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު މެޗުތަކުން މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) އާއި އެމްއެސް ހެލްޕިން ހޭންޑް މޮޅުވެއްޖެއެވެ.

މާފަންނު ޓާފުގައި ކުޅެވުނު މެޗުން ހެލްޕިން ހޭންޑް 6-3 އިން ފެލްކަން ސްޕޯޓްސް ކުލަބް ބަލިކުރިއިރު އެޓީމުން ޖެހި ހަ ގޯލުވެސް ޖަހައިދިނީ އަލީ ހުޝާމް އެވެ. ބުރު ސްޕޯޓްސް ކުލަބުގެ ޝިނާޒް ހިލްމީ، އެޓީމުން އެލްޓީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދި ދެ ހެޓްރިކަށް ފަހު މިއީ މިއަހަރުގެ މިމުބާރާތުގައި އެއް ކުޅުންތެރިއެއްގެ ފަރާތުން އެއް މެޗުގައި ދެ ހެޓްރިކް ފެނުނު ދެވަނަ ފަހަރެވެ. ފެލްކަންގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ހަސަން ރަޝީދާއި ހައިޝަމް ވަހީދު އަދި އިބްރާހިމް މުހައްމަދެވެ.

ހެލްޕިން ހޭންޑް އަތުން ބަލިވުމާއެކު ފެލްކަން އަށް މިހާރު ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅާ ދިޔުމުގެ ހުރިހާ ފުރުސަތެއް ގެއްލިފައެވެ. ކުޅުނު ދެމެޗުންވެސް ބަލިވެ ފެލްކަން އޮތީ ގުރޫޕް 1ގެ ފުލުގައެވެ. މިގުރޫޕުގައި ހިމެނޭ ރޭޖް ސްޕޯޓްސް އަދި ކޮންފެރޭއަށް ހަރަތު ޕޮއިންޓް ލިބިފައި ވާއިރު ހެލްޕިން ހޭންޑަށް ލިބެނީ ތިން ޕޮއިންޓެވެ.

ހެންވޭރު ދަނޑުގައި ކުޅެވުނު ގުރޫޕް 2ގެ މެޗުގައި އެމްޒެޑްޖީ އިން ވިލިމާލެ ޔުނައިޓެޑް ބަލިކުރީ 4-1 އިންނެވެ. މިމެޗުގައި އެމްޒެޑްޖީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުﷲ ރައްފާން އާއި އާދަމް ޝަރީފްގެ އިތުރުން އިބްރާހިމް ބިޝާރާއި މުހައްމަދު ފަޒީލެވެ. ވިލިމާލޭން ޖެހި ހަމައެކަނި ލަނޑު މެޗުނިމެނިކޮށް ކާމިޔާބު ކޮށްދިނީ މުއީން އަހުމަދެވެ.

މިނަތީޖާއާއެކު މިގުރޫޕުން ދެވަނަ ބުރުގެ ޖާގަ ހޯދާނެ ޓީމެއް ކަނޑައެޅިގެންދާނީ ގުރޫޕްގެ އެންމެ ފަހު މެޗުގައި އެމްޒެޑްޖީ އާއި ބުރު ސްޕޯޓްސް ބައްދަލުކުރާ މެޗަށް ފަހުއެވެ. ދެޓީމަށްވެސް ކުޅުނު ދެމެޗުން ހަ ޕޮއިންޓް ލިބޭއިރު ފައިދާ ގޯލުން ކުރި ލިބެނީ ބުރު ސްޕޯޓްސް އަށެވެ. ވިލިމާލޭގެ އިތުރުން މިގުރޫޕުގައި ހިމެނޭ އެލްޓީ ސްޕޯޓްސް ވެސް ވަނީ ކުޅުނު ދެމެޗުން ބަލިވެ، މުބާރާތުން ކަޓާފައެވެ.

ތިންވަނަ ޑިވިޝަން މުބާރާތުގައި ދެން މެޗެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ހޮނިހިރު ދުވަހުގެ 15:45 ގައި ދެމެޗެއް ކުޅެވިގެންދާއިރު މާފަންނު ޓާފުގައި ބައްދަލުކުރާނީ ގުރޫޕް 3ގެ ސީބީއެލް ސްޕޯޓްސް އާއި ޓެންޓް ސްޕޯޓްސް ކުލަބެވެ. ގުރޫޕް 4ގެ ސްޕޯޓްސް ކުލަބް ހޮސްކޯވޯ އާއި ރޮކް ސްޓްރީޓް ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗު ކުޅެވިގެންދާނީ ހެންވޭރު ދަނޑުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *