ޝަރަފަކާއެކު ލީގު ނިންމާލަން ފޯކައިދޫއާއި ނިލަންދޫ ގަދަހިފުމަކަށް

ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހު މެޗްތަކާ ހަމަޔަށް އައި އިރު ފޯރިއެއް ނެތަސް މިއަދާއި މާދަމާއަކީ ލީގުގެ އެންމެ ވާދަވެރި މެޗްތައް ފެންނާނެ ދެ ދުވަހަށް ވާނެކަމަށް ބެލެވެއެވެ. ލީގުގެ އެންމެ ފަހު ދެ ދުވަހު ކުޅޭ ހަތަރު މެޗްގެ ތެރެއިން ދެ މެޗަކީ ލީގް ޗެމްޕިއަންކަމާ ގުޅިފައި އޮތް ދެ މެޗެވެ. ދިވެހި ލީގު އަލުން އަނބުރާ ހޯދުމަށް އަމިއްލަ ބާރުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރަން ހުކުރު ދުވަހު ހަވީރު ނިއުރޭޓިއަންޓާ ދެކޮޅަށް މާޒިޔާ ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބުން ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ މަތީ ފެންވަރުގެ މުބާރާތެއް ކާމިޔާބުކުރުމުގެ އަޒުމުގައިކަން ޔަގީނެވެ. މިއަދު ކުޅޭ ދެ މެޗްގެ ތެރެއިން އެއް މެޗްގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވިކްޓަރީ ވާދަކުރާއިރު ލީގްގެ ފުލުގައި ނޯވެ ފަހު ބުރު ނިންމާލުމުގެ މެތަމެޓިކަލް ފުރުސަތެއް ވިކްޓަރީއަށް އޮތުމާއެކު އެ މެޗް އެޓީމުން ސީރިއަސްކޮށް ނަގާނެކަމަށް ގަބޫލުކުރެވެއެވެ.
ދެން އޮތީ އަސްލު ދައްކަން މިއުޅޭ މެޗްގެ ވާހަކައެވެ. މިއަދު ހަވީރު ފޯކައިދޫއާއި ނިލަންދޫ ބައްދަލުކުރާ މެޗްވެސް އެހާ ހާއްސައެވެ. ބާރަ ޕޮއިންޓާއެކު ލީގްގެ ހަވަނައިގައި ފޯކައިދު އޮތްއިރު ނިލަންދޫ އޮތީ ދިހަ ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. ލީގުގައި ފޯކައިދޫ މިހާރު އޮތް މަގާމް ކަށަވަރުކުރަން އެޓީމަށް ތިން ޕޮއިންޓް ބޭނުންވެއެވެ. ފޯކައިދޫއާއި ނިލަންދޫގެ މެޗް އެއްވަރުވެ ވިކްޓަރީ އާއި ގްރީންގް މެޗް ހަ ގޯލްގެ ތަފާތުން ވިކްޓަރީ ކާމިޔާބުކޮށްފިނަމަ ފޯކައިދޫއަށް މަގާމް ގެއްލޭނެއެވެ. އެކަމަކު މުޅި ލީގުގައިވެސް ވިކްޓަރީއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ އަށް ލަނޑެވެ. އެހެންވެ އެވަރުގެ ނަތީޖާއަކުން ވިކްޓަރީ މޮޅުވުމަކީ ވުން އެހާ ގާތްކަމެއް ކަމަކަށް ނުބެލެވެއެވެ. ނިލަންދޫ އަށްވެސް ފުލަށް ނުގޮސް ލީގްގެ ދެވަނަ ބުރު ނިންމާލެވޭނެ ކަމުގެ ޔަގީންކަމެއް އޮތީ ފޯކައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ނިލަންދޫގައި އޮތް މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި އެރަށުގެ ކުޅުންތެރިއަކު ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ. ފޮޓޯ: ނިލަންދޫ ފުޓްބޯޅަ ޓީމް
މިހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ފޯކައިދޫއާއި ނިލަންދޫ މިއަދު ކުޅޭ މެޗްގެ ފޯރި ގަދަވާނެކަމަށް ބެލެވޭ އެއް ސަބަބަކީ ފުޓްބޯޅައިގައި އަތޮޅުތެރޭގެ އެއް ޓީމް އަނެއް ޓީމާއި އޮންނަ ވާދަވެރިކަމެވެ. މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރު ވާދަކުރި ޓީމުތަކުގެ ތެރެއިން މުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވީވެސް ފޯކައިދޫއާއި ނިލަންދޫއެވެ. މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ ފައިނަލް ބުރު ބާއްވައިފައިވަނީވެސް މި ދެރަށުގައެވެ. ފުޓްބޯޅައަށްޓަކައި މިއަހަރު އެކަނިވެސް މި ދެރަށުން މިލިއަނުން ހަރަދުކޮށްފިއެވެ. ނަތީޖާ ނިސްބަތުން ގޯހެއްވެސް ނޫނެވެ. އެތައް ގޮންޖެހުންތަކަކާއި އެކުވެސް މިއަދު އެ ދެޓީމް ވާދަކުރަމުން އެ އަންނަނީ ރާއްޖޭގެ އެންމެ ޝަރަފްވެރި ލީގްގެ ގަދަ އަށެއްގައެވެ. އެކަމަކު އެވަރުން އަދި މި ދެޓީމުގެ މެނޭޖްމަންޓާއި، ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތް ފުރޭނެހެނެއް ހީއެއް ނުވެއެވެ. ލީގް ނިންމާލާއިރު އަތޮޅުތެރެއިން ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ ކުރި ހޯދާ ޓީމަކަށް މި ދެ ޓީމުންވެސް ވާން ބޭނުންވާނެކަން ޔަގީނެވެ.
މި މަސައްކަތް ކާމިޔާބުކުރުމަށް ލީގުގެ ފަހު މެޗަށް ފޯކައިދޫ އާއި ނިލަންދޫ ނުކުންނައިރު އެޑްވާންޓޭޖް އޮތީ ފޯކައިދޫއަށެވެ. ލީގް ތާވަލްގައި ނިލަންދޫގެ މައްޗަށް ކުރި ހޯދަން ފޯކައިދޫއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ނިލަންދޫއަށް ކުރި ލިބެން އޮތް ހަމައެކަނި ގޮތަކީ ކިތަންމެ ކުޑަ ތަފާތަކުން ވިޔަސް ފޯކައިދޫ ބަލިކުރުމެވެ. މި ދެ ޓީމްވެސް މި މެޗާ ކުރިމަތިލަނީ އެންމެ ފަހުން މި ދެޓީމުން ކުޅުނު މެޗް ވެސް ބޮޑު ތަފާތަކުން މޮޅުވެފައިވުމުގެ ހިތްހަމަޖެހުމާއެކުއެވެ. ހާއްސަކޮށް މާލެއަށް ނިސްބަތްވާ ޓީމެއް އަތުން ލިބުނު އެ މޮޅާއެކު ދެޓީމުގެ ކުޅުންތެރިންވެސް މެޗާ ކުރިމަތިލާނެކަމަށް ބެލެވެނީ އިތުބާރާއެކުއެވެ.

ލީގުގެ ފުރަތަމަ ބުރުގައި ފޯކައިދޫ އާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން. އެމެޗު 2-0 އިން ކާމިޔާބުކުރީ ފޯކައިދޫ ޓީމުން. ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގަށް އައުމުގެ ކުރިން މި ދެޓީމްވަނީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ބައްދަލުކޮށްފައެވެ. ފޯކައިދޫގައި ކުޅުނު މި މެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފޯކައިދޫއެވެ. އޭގެ ފަހުން ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމް ބައްދަލުކުރި މެޗްވެސް ހަމަ އެނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ފޯކައިދޫއެވެ. އެހެންވެ ފޯކައިދޫ އަތުން ތިން ބަލި ނުވެ ސަލާމަތްވުމަކީވެސް މި މެޗް ނިލަންދޫއިން ސީރިއަސްކޮށް ނަގާނެކަމަށް ބެލެވޭ އެއް ސަބަބެވެ.
ކޮންމެއަކަސް ފޯކައިދޫއާއި ނިލަންދޫ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ގަދަ އަށަކާ ހަމައިން މި ނިންމާ ދަތުރަކީ ދިގު ދަތެރެކެވެ. ކުޅުންތެރިންނާއި، މެނޭޖްމަންޓްގެ އިތުރުން ދެ ރަށުގެ ގާތްގަނޑަކަށް މުޅި ރައްޔިތުން ޝާމިލްވި ދަތުރެކެވެ. ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށްޓަކައި އެ ދެރަށުގެ ރައްޔިތުން މިދަތުރުގައި ވީ ގުރުބާނީ މިއަދުވެސް ހަނދާންކުރަންޖެހެއެވެ. އެ މަސައްކަތުގެ ނަތީޖާ އެންމެ ފުރިހަމައަށް ނެރުމަށް ދެ ޓީމުންވެސް ބޭނުންވާނެ ކަމާމެދަކު ސުވާލެއް ނެތެވެ.
Advertisement


Leave a Reply