ސޮބާ: ހިތި ތަޖުރިބާތަކާއެކުވެސް އަޒުމް ހަމަ ސަތޭކައިގަ
މީގެ ދިހަ އަހަރު ކުރިން ރާއްޖެއިން ސަރަހައްދީ ފުޓްބޯޅައިގެ ފުރަތަމަ ތަށި އުފުލާލިއިރު ސޮބާހު މުހައްމަދު (ސޮބާ) އަކީ ޓީމުގެ ދިފާއުގެ މައި އެއް ތަނބެވެ. ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފެށިގެން ސޮބާ ފެންނަމުން ދަނީ ކޯޗިންގެ ދާއިރާއިންނެވެ. ޒުވާން ކޯޗެއްގެ ގޮތުގައި ނުކުމެ ވޭތުވެދިޔަ އަހަރުތަކުގައި ސޮބާ ކުރަމުން ދިޔައީ ތަފާތު ތަޖުރިބާތަކެކެވެ. އޭނާއަށް ބައެއް ކްލަބްތަކާއި ހަވާލުވާންޖެހުނީ އެކްލަބްތައްއް ބޮއްސުންލައިފައި އޮތް ދަނޑިވަޅެއްގައެވެ.
ކޯޗިންގައި ސޮބާގެ ފުރަތަމަ މަންޒިލަކަށްވީ 2015 ވަނަ އަހަރު ނިއު ރޭޑިއަންޓެވެ. އެޓީމާއި ސޮބާ ހަވާލުވީ އެ އަހަރު ނިއު ރޭޑިއަންޓަށް އިރުޝާދުދިން ފިންލެންޑުގެ ކޯޗު މިކާ ލޮންސްޓްރޯމްއާއެކު އެ ޓީމުން ނެރުނު ނަތީޖާތައް ދަށްވުމުގެ ސަބަބުން ވަގުތީ ގޮތުންނެވެ. އެކަމަކު ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ނިއު ރޭޑިއަންޓުގައި ސޮބާ ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ސޮބާގެ އިރުޝާދުގެ ދަށުން އޭއެފްސީ ކަޕްގައި އެ އަހަރު ނިއުރޭޑިއަންޓް ކުޅުނު ތިންމެޗުންވެސް ބަލިވެފައެއް ނުވެއެވެ. ފުރަތަމަ މެޗުން މޮޅުވިއިރު އަނެއް ދެމެޗުން ވީ އެއްވަރެވެ. އަދި އެ އަހަރު ނިއު ރޭޑިއަންޓަށް ސޮބާގެ އިރުޝާދުގެ ދަށުން ގައުމީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ހޯދައިދިނެވެ.
ނިއު ރޭޑިއަންޓްގައި އެޅި ބިންގަލަށްފަހު ކޯޗިންގެ އަސްލު މަސައްކަތް 2016 ވަނަ އަހަރު ސޮބާ ފެށީ ދެވަނަ ޑިވިޝަނުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި އެކުއެވެ. ސޮބާގެ ކޯޗުކަމުގައި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ގްރީން އަށް ހޯދައިދީ 2017 ވަނަ އަހަރުގެ އެއްވަނަ ޑިވިޝަނަށް އެޓީމު ކޮލިފައި ކޮށްދިނެވެ. އަދި މާލޭ ލީގުގައި އެޓީމުން ނެރުނު ރަނގަޅު ނަތީޖާތަކާއެކު ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގަށްވެސް އެޓީމު ކޮލިފައިވިއެވެ. އެކަމަކު ދިވެހި ޕްރިމިއަރ ލީގުގެ ވަކި ހިސާބަކުން ނަތީޖާތައް ދަށްވެ ސީޒަން ނިމުމުގެ ކުރިން ސޮބާ އެޓީމުގެ ކޯޗުކަމުން ވަކިވިއެވެ. ދެވަނަ ޑިވިޝަނުގައި އޮތް ގްރީން ސްޓްރީޓްސް އެއްވަނަ ޑިވިޝަނަށް ގެނެސްދީ، ބޮޑެތި ހުރިހާ ކްލަބްތަކެއް އެޓީމުގެ އަތްދަށުވި އިރު ސޮބާގެ މަސައްކަތަށް ތައުރީފް ހައްގެވެ.
ގްރީން ސްޓްރީޓްސް އަށްފަހު ސޮބާ މިއަހަރު ހަވާލުވީ އަޑިގަނޑެއްގައި އޮތް ކްލަބް ވެލެންސިއާ އާއެވެ. ސޮބާގެ އިރުޝާދުގެ ދަށުން މާލޭ ލީގުގައި އެޓީމުން ނެރުނީ ދަށް ނަތީޖާތަކެކެވެ. މާލޭ ލީގުގައި ލިބުނު ދެމޮޅާއެކު އެޓީމު ޖެހުނީ މިއަހަރުގެ ރެލިގޭޝަނުގައި ވާދަކުރާށެވެ. ބޮއްސުންލައިފައި އޮތް މުޅި ޓީމުގެ ހުރިހާ ޒިންމާއެއް ނަގަމުންދިޔަ ސޮބާއަށް ވެލެންސިއާ ރެލިގޭޝަނުން ސަލާމަތްކޮށްދެވޭވަރެއް ނުވިއެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކްލަބް ސޮބާގެ ކޯޗުކަމުގައި ރެލިގޭޓްވިއިރު މެނޭޖްމަންޓުން ނަގަންޖެހޭ ހުރިހާ ޒިންމާއެއްވެސް ނަގަމުން ދިޔައީ ސޮބާއެވެ. ރިސްކު ނަގައިގެން ވެލެންސިއާގައި ކުރި ތަޖުރިބާ ހަމަގައިމުވެސް ސޮބާއަށް އުފާވެރިއެއް ނުވިއެވެ.
ވެލެންސިޔާގައި ކުރި ހިތި ތަޖުރިބާއަށްފަހު އެއްވެސް ޓީމަކާއި ހަވާލުނުވެ ހުރި ސޮބާ މިހާރު ހުރީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ނިއު ރޭޑިއަންޓުގެ ކޯޗުކަމުގައެވެ. ސޮބާ ނިއުއާއި ހަވާލުވީ އެޓީމުގެ ކާމިޔާބު ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ޓީމު ދޫކޮށް ބަންގްލަދޭޝްގެ ބަސަންދުރަ ކިންގާއި ގުޅުމުންނެވެ. ސޮބާ ނިއުއާއި ހަވާލުވިއިރު އަނެއްކާވެސް މަންޒަރު އޮތީ މުޅިން ބަދަލުވެފައެވެ. ރާއްޖޭގެ ގިނަ ކްލަބްތަކެކޭ އެއްފަދައިން މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަ ނިއު ރޭޑިއަންޓަށްވެސް އޮތީ އިންތިހާއަށް ކުރިމަތިވެފައެވެ. ޓީމުގެ ބިދޭސީ ބައެއް ކުޅުންތެރިން ފޮނުވާލަން ޖެހި ކްލަބްގެ މާލީ މައްސަލަތަކުގެ ސަބަބުން މެނޭޖްމަންޓާއި ކުޅުންތެރިންނާއި މައްސަލަޖެހި މީޑިއާއަށް އެވާހަކަތައް ތިލަވިއެވެ.
ސޮބާގެ އިރުޝާދުގެ ދަށުން ނިއު މިއަހަރު ނެރެފައިވަނީ ދަށް ނަތީޖާތަކެކެވެ. ލީގުގައި ބާކީ އެއްމެޗު އޮތްއިރު މިހާތަނަށް ލިބުނު 27 ޕޮއިންޓާއެކު އެޓީމަށް މިހާރު ވަނީ ހަތަރުވަނަ ކަށަވަރުވެފައެވެ. ސޮބާގެ އިރުޝާދުގެ ދަށުން ކުޅުނު 11 މެޗުގެ ތެރެއިން އެޓީމު މޮޅުވީ ފަސްމެޗުންނެވެ. އޭގެތެރޭގައި ހިމެނެނީ މިނިވަން ޗެމްޕިއަންޝިޕުން ކޮލިފައިވި ޓީމުތަކާއި ދެކޮޅަށް ކުޅުނު ހަތަރު މެޗާއި މާލީ ގޮތުން އަނދަވަޅަކަށް ވެއްޓިފައިއޮތް ވިކްޓްރީ ސްޕޯޓްސް ކްލަބާއި ވާދަކޮށް މޮޅުވި މެޗެވެ. ލީގުގައި ވާދަކުރަމުންދާ ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސް އަތުން އެޓީމު ވަނީ ބަލިވެފައެވެ. ސޮބާއާއެކު ލީގުގައި ނިއު ރޭޑިއަންޓަށް ބާކީ އޮތީ އަންނަ ހުކުރު ދުވަހު ހަވީރު މާޒިޔާ އާއި ވާދަކުރާ މެޗެވެ.
ނިއު ރޭޑިއަންޓާއެކު ސޮބާ ނެރެމުން އަންނަ ދަށް ނަތީޖާތަކާއި ގުޅިގެން ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށް އޭނާގެ ރައްދަކީ އެޓީމު އޮތް ހާލަތެވެ. ލީގުގައި އެންމެފަހުން އީގަލްސް އަތުން 2-0 އިން ބަލިވި މެޗަށްފަހު ސޮބާ ބުނީ ނިއުއާ ހަވާލުވީ ހާލަތު ރަނގަޅަށް އެނގިގެންކަމަށެވެ. ސޮބާ ބުނީ ލީގުގެ މެޗުތަކަށް ނިއުގެ ކުޅުންތެރިން އައުމަކީވެސް ޝުކުރުކުރަން ޖެހޭ ކަމެއްކަމަށެވެ. އޭނާ ބުނީ ނިއު އެހާލަތުގައި އޮތް ނަމަވެސް ކޯޗިންގައި ލިބޭ ފުރުސަތެއް އޭނާ ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.
“އެންމެ ފުރަތަމަ ދުވަހުވެސް އަޅުގަނޑު ބުނިން އަޅުގަނޑު މިތަނަށް އައިއިރުގަ އެނގެއޭ ހާލަތު. ދެން އަޅުގަނޑު ކޯޗިން ފަށައިގެން ކޮންމެ ގޮތެއްވިޔަސް މިކަހަލަ ފުރުސަތެއް ލިބުނީމަ ބޭނުން ނުހިފާ ދޫކޮށްލާކަށް ބޭނުމެއްނޫން. އަޅުގަނޑު ހުރެގެން މި ބަލިވަނީ އަނެއްކާވެސް. އެކަމަކުވެސް ބޯޅައިގަ އަޅުގަނޑަށް ހީވަނީ ހުރިހާ ދިމާލަކުން އެއްވަރަކަށް މަސައްކަތް ކޮށްގެން ކަންނޭނގޭ ނަތީޖާ ހަމަގައިމުވެސް މިއަށްވުރެ ރަނގަޅު ވާނީ. ކޮންމެއަކަސް ކޮންމެ ދުވަހަކު މޮޅުވާ ވާހަކައެއްވެސް ނޫން މި ބުނަނީ. އަޅުގަނޑުމެނަށް ފެނޭ މާ ބޮޑެތި ކްލަބްތައްވެސް މާ ރަނގަޅަށް ތައްޔާރުވެފަ ބަލިވެގެންދާތަން” ސޮބާ ބުންޏެވެ.
ދަށް ހާލަތެއްގައި އޮތް ދަނޑިވަޅެއްގައި ނިއު ރޭޑިއަންޓާއި ހަވާލުވުމަކީ ސޮބާ ގަބޫލުކުރާގޮތުގައި ރިގްރެޓް ކުރަންޖެހޭ ކަމެއް ނޫނެވެ. މިހާރު ރާއްޖޭގައި ފުޓްބޯޅަ އޮތް ހާލަތުން ހުރިހާ ކްލަބެއްގައިވެސް މައްސަލަތައް އެބަހުރި ކަމަށާއި އޭނާގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ފުޓްބޯޅައިގެ ހާލަތު އަނެއްކާވެސް ރަނގަޅުވަމުން ދިއުން ކަމަށް ސޮބާ ބުނެފައިވެއެވެ.
ކޯޗިންގައި މިހާތަނަށް ސޮބާ ކުރި އެންމެ ކާމިޔާބު މަސައްކަތަކީ ގްރީން ސްޓްރީޓްސް އާއެކު ކުރި މަސައްކަތެވެ. އެކަމަކު ނިއު ރޭޑިއަންޓާއި ވެލެންސިއާގައި ކުރި މަސައްކަތުގައި އެޓީމުތަކަށް ކުރިއެރުން ލިބިފައެއް ނުވެއެވެ. އެކަމަކު ތަފާތަކީ ސޮބާ އެޓީމުތަކާއި ހަވާލުވިއިރު ޓީމުތައް އޮތް ހާލަތެވެ. ސޮބާ ބުނީ ކޯޗިންގައި މީހަކު ބުނާ އެއްޗަކަށް ބަލައިގެން އޭނާގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
“އަޅުގަނޑު އެއްވެސް ވަރަކަށް ޖެހިލުމެއްނުވޭ އަޅުގަނޑާއި ދިމާލަށް ބައެއް ބޭފުޅުން ނޫނިއްޔާމު ދުރުގަ ތިބެގެން ބުނާ ބަހަކަށް. އެއްވެސް ޖެހިލުމެއް ނުވޭ. އެއްވެސް ވަރަކަށް ދެރައެއްވެސް ނުވޭ. އަޅުގަނޑުގެ އަޒުމަކަށް ބަދަލެއްވެސް ނާންނާނެ. އަޅުގަނޑުގެ ކޯޗިން ކެރިއަރު އަދި މީހަކު އެއްޗެކޭ ބުނެގެން ހުއްޓައެއްވެސް ނުލާނަން. މިއަދު ނިއު ރޭޑިއަންޓް ބަލިވިކަމުގައިވިޔަސް މާދަމާ އަޅުގަނޑު ނިއު ރޭޑިއަންޓުގައި ނުހުއްޓަސް ކޮންމެސް ދިމާލެއްގައި މަސައްކަތް ކުރާނަން” ނިއު ރޭޑިންޓުގައި ނެރެމުން އަންނަ ނަތީޖާތަކާއި ގުޅޭގޮތުން އަމާޒުވާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ސޮބާ ބުންޏެވެ.
ސޮބާ ބުނީ ކޯޗިން ކެރިއަރާއި އޭނާ ކުރިމަތިލީ ގިނަ ކާމިޔާބީތަކެއް ހޯދާފައިކަމަށާއި، އަމިއްލަ ނަފްސަށް ކުރާ އިތުބާރާއެކު ދެންވެސް ރަނގަޅު ޓީމަކުން ފެންނާނެކަމަށެވެ. ކޮންމެއަކަސް ކޯޗިންގެ ޅަފަތުގައި ސޮބާ މިވަނީ ގޮންޖެހުންބޮޑު ތަފާތު ތަޖުރިބާތަކެއް ކޮށްފައެވެ. އުނދަގޫ ހާލަތްތަކުގައިވެސް ސޮބާ ހުރީ ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
Advertisement
Leave a Reply