ދެ ފައިނަލް ކާމިޔާބުކޮށް އޭދަފުށި ތާރީހުގެ ތެރެއަށް
މިހާރު މާލޭގައި ކުރިއަށްދާ 11 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތާއި، 45 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކްލަބް އޭދަފުށި ހޯދައިފިއެވެ.
އިއްޔެ ހަވީރު މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށް ދިޔަ އަތޮޅު ލީގް މުބާރާތުގެ ފިރިހެން ބައިގެ ފައިނަލްގައި އައްޑޫ ސިޓީއާއި ވާދަކޮށް ކްލަބް އޭދަފުށި މެޗް ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. މިއީ އޭދަފުށްޓަށް ނިސްބަތްވާ ޓީމެއް މި މުބާރާތުގެ ތަށި ހޯދި ފަސް ވަނަ ފަހަރެވެ. މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ތޮއްޑޫ ބެޑްމިންޓަން ޓީމާއި ވާދަކޮށް ހޯދައިފައިވަނީ އައްޑޫ ސިޓީގެ ޓީމެވެ.
45 ވަނަ ގައުމީ މުބާރާތުގެ ފައިނަލްގައި ރޭ ކްލަބް އޭދަފުށި ވާދަކޮށްފައިވަނީ ގޯޅި ސްޕޯޓްސް ކްލަބާއެވެ. މި މެޗް ކާމިޔާބުކޮށް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކްލަބް އޭދަފުށިން ހޯދީ ގޯޅި ސްޕޯޓްސް ކްލަބަށް އެންމެ ގޭމެއްވެސް ނުދީ އެވެ. މީގެ ކުރިން އަތޮޅުތެރޭގެ ޓީމަކަށް މި މުބާރާތުގެ ތަށި ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ކްލަބް އޭދަފުށި ޓީމްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އިކްރާމް އިއްޔެގެ ކާމިޔާބަށްފަހު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނީ މިއީ މުޅި އޭދަފުށްޓަށްވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
“އަސްލު މި މުބާރާތަށް ތައްޔާރުވީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން. އެންމެ ފުރަތަމަވެސް ޓާގެޓަކަށް ހެދީ ދެ މުބާރާތްވެސް ކާމިޔާބުކުރުން. ހަގީގަތުގަ މިއީ ވަރަށް ބޮޑު ކާމިޔާބެއް. ހާއްސަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ދެވަނަ ޑިވިޝަންގަ ކުޅުނު ބައެއް ޓީމުތަކުގަ ވަރަށް ފެންވަރު ރަގަޅު ބިދޭސީ ކުޅުންތެރިންވެސް ތިބިކަން. އެއް ޓީމެއްގަ ހިމެނުނު ޕާކިސްތާނުގެ ނަންބަރ ވަން ކުޅުންތެރިޔާވެސް. އެހެންވީމަ އެ ހުރިހާ ކަމަކަށް ބަލާއިރު މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކޭ ބުނެވޭނީ” އޭދަފުށީ ޓިމަށް ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ތަޖްރިބާކާރު ކުޅުންތެރިޔާ ބުންޏެވެ.
އަތޮޅު މުބާރާތާއި، ދެވަނަ ޑިވިޝަންގެ އޯޕަން އިވެންޓްގެ މެޗްތައް މިއަދު ފަށާނެއެވެ.
Advertisement
Leave a Reply