ގަދަ ބާރުތަކާއެކު އަޔަކްސް ވެސް ދެވަނަ ބުރަށް
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ހަތް ޓީމަކުން ގަދަ 16 ގެ ޖާގަތައް ކަށަވަރު ކޮށްފިއެވެ. ރޭގެ މެޗުތަކުގެ ކުރިން ގަދަ 16 ގެ ޖާގަ ޔަގީންކޮށްފައިވަނ ހަމައެކަނި ސްޕެއިންގެ ބާސެލޯނާއިންނެވެ.
ގްރޫޕް “އީ”
ޖަރުމަނު ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ބަޔާން މިއުނިކް ރޭވަނީ އަމިއްލަ ދަނޑުގައި 5-1 އިން ޕޯޗުގަލްގެ ބެންފީކާ ބަލިކޮށްފައެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި ނެދަލެންޑްސްގެ އަޔަކްސް ވަނީ 2-0 އިން ގްރީސްގެ އޭއީކޭ އެތަންސް ބަލިކޮށްފައެވެ. މި ނަތީޖާއާއެކު ބަޔާނާއި އަޔަކްސް އަށް ދެވަނަ ބުރުގެ ފުރުސަތު ލިބި ތިންވަނަ ޓީމުގެ ގޮތުގައި ބެންފީކާ އަށް ފުރުސަތު ލިބުނީ ޔޫރޮޕާ ލީގުންނެވެ. އޭއީކޭ އެތަންސް ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ރޭގެ މެޗުގައި ބަޔާންގެ ގޯލުތައް ޖަހައިދިނީ އާޔެން ރޮބެން އާއި ރޮބާޓް ލެވަންޑޮސްކީގެ އިތުރުން ފްރޭންކް ރިބެރީ އެވެ. މީގެ ތެރެއިން ރޮބެން އަދި ލެވަންޑޮސްކީ ވެސް ވަނީ ދެ ލަނޑު ޖަހައިފައެވެ. ބެންފީކާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ގެޑްސަން ފެނާންޑޭސް އެވެ.
ގްރޫޕް “އެފް”
މި ގްރޫޕުގައި ކުޅުނު މެޗުތަކަށްފަހު ދެވަނަ ބުރުގެ ޖާގައެއް މެންޗެސްޓަރ ސިޓީ ވަނީ ހޯދައިފައެވެ. އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވީ ރޭ ފްރާންސްގެ ލިޔޯންގެ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރު ކޮށްގެންނެވެ. ރޭގެ މެޗުގައި ދެފަހަރުވެސް ފުރަތަލަ ލީޑު ނެގީ ލިޔޯނުންނެވެ. އެޓީމުގެ ދެ ލަނޑުވެސް ޖަހައިދިނީ މެކްސްވެލް ކޯނެޓް އެވެ. ސިޓީގެ ދެ ލަނޑު ޖެހީ ޑިފެންޑަރ އައިމެރިކް ލަޕޯޓް އާއި ސާޖިއޯ އަގުއޭރޯ އެވެ. ސިޓީއަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވީ 10 ޕޮއިންޓާއެކު އެވެ. އެކަމަކު ގްރޫޕުގެ އެއްވަނަ ހޯދަން ފަހު މެޗުގައި އެޓީމު މަދުވެގެން ޕޮއިންޓެއް ބޭނުންވާނެއެވެ. މި ގްރޫޕުގެ ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތް ލިޔޯންވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދަން މަދުވެގެން އެއް ޕޮއިންޓް ބޭނުންވެއެވެ.
މި ގްރޫޕުގައި ރޭ ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް ވަނީ ޖަރުމަނުގެ ހޮފެންހެއިމް 3-2 އިން ބަލިކޮށްފައެވެ. މި މޮޅާއެކު އެޓީމަށް ވަނީ ގަދަ 16 އަށް ދަތުރުކުރުމުގެ އުއްމީދު އާވެފައެވެ. މި ގްރޫޕުގެ ފަހު މެޗުތަކުގައި ޝަކްތާ އިން އަމިއްލަ ދަނޑުގައި ދެވަނައިގައި އޮތް ލިޔޯނާއި ވާދަކުރާއިރު މި މެޗުން މޮޅުވެގެން ދެވަނަ ބުރުގެ ޖާގައެއް އެޓީމަށް ލިބި ލިޔޯން ޔޫރޮޕާ ލީގަށް ދާނެއެވެ. ގްރޫޕުގެ ފުލުގައި ތިން ޕޮއިންޓާއެކު އޮތް ހޮފެންހެއިމް ޔޫރޮޕާ ލީގުގެ ޖާގައެއް ބޭނުންނަމަ ފަހު މެޗުގައި ޖެހޭނީ ސިޓީ ބަލިކުރާށެވެ.
ގްރޫޕް “ޖީ”
ރޭ ރެއާލް މެޑްރިޑާއި ބައްދަލުކުރި މެޗުން 2-0 އިން ބަލިވި ނަމަވެސް މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު ރޯމާ ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފައެވެ. ރޭގެ މޮޅާއެކު ރެއާލަށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ފުރުސަތު ލިބުނު އިރު ރޯމާއަށް ޖާގައެއް ކަށަވަރުވީ މި ގްރޫޕުގެ އަނެއް މެޗުގައި ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އަތުން ވިކްޓޯރިއާ ޕްލަޒެން 2-1 އިން މޮޅުވުމުންނެވެ.
ރެއާލްގެ ލަނޑުތައް ރޭގެ މެޗުގައި ޖަހައިދިނީ ގެރެތް ބޭލް އާއި ލޫކަސް ވަޒްކޭޒް އެވެ. އަމިއްލަ ދަނޑުގައި ސީއެސްކޭ އަތުން ޕްލަޒެން މޮޅުވީ ފަހަތުންއަރައެވެ. ރޭގެ މެޗުތައް ނިމުނުއިރު ރެއާލަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީ 12 ޕޮއިންޓާއެކުއެވެ. އަދި، ރޯމާ ދެވަނަ ބުރަށް ދިޔައީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގައި ކުޅޭ ފަހު މެޗުތަކަށްފަހު ޔޫރޮޕާ ލީގުގެ ގާޖަ ކަށަވަރުވާނެއެވެ.
ގްރޫޕް “އެޗް”
މި ގްރޫޕުން ދެވަނަ ބުރު ކަށަވަރު ކުރީ އިޓަލީގެ ގަދަބާރު ޔުވެންޓަސް އާއި އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑެވެ. ރޭގެ މެޗުން ޕޮއިންޓެއް ބޭނުންވެގެން ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތް ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވެލެންސިޔާ ބަލިކޮށްފައެވެ. މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން މާރިއޯ މަންޒުކިޗް އެވެ. މި މޮޅާއެކު އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބެނީ 12 ޕޮއިންޓާއެކުއެވެ. ގްރޫޕުގެ އެއްވަނަ ޔަގީންކުރަން ފަހު މެޗުގައި އެޓީމު ޔަންގް ބޯއީޒް ބަލިކުރަން ޖެހެއެވެ.
މި ގްރޫޕުން ދެވަނަ ބުރަށް ޔުނައިޓެޑް ކޮލިފައިވީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވިއިރު ޔުވެންޓަސް އަތުން ވެލެންސިއާ ބަލިވުމުންނެވެ. ރޭގެ މޮޅާއެކު އެޓީމު ވަނީ 10 ޕޮއިންޓް ހަމަކޮށްފައެވެ. މެޗުގެ ހަމައެކަނި ގޯލު ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން މަރުއާން ފެލައިނީ އެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލެވެ. ރޭގެ މެޗުގައިވެސް އެޓީމު ފެނުނީ އާދައިގެ ގޮތަކަށެވެ. މި މޮޅާއެކު ގްރޫޕުގެ އެއްވަނަ ހޯދަން ބޭނުންނަމަ ފަހު މެޗުގައި ވެލެންސިއާ ބަލިކުރަން އެޓީމަށް މަޖުބޫރުވާނެއެވެ. ޔުވެންޓަސް އާއެކު ގްރޫޕުގެ އެއްވަނައަށް އެޓީމު ވާދަކުރާއިރު ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެއްޖެނަމަ ހެޑް ޓު ހެޑް ގެ އުސޫލުން އެއްވަނަ ލިބޭނީ ޔުނައިޓެޑަށެވެ. މި ގްރޫޕުގެ ތިންވަނަ ލިބުނު ވެލެންސިއާ ދެން ވާދަކުރާނީ ޔޫރޮޕާ ލީގުގައެވެ.
ޗެމްޕިއަންސް ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އޭގެތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑްގެ ލިވަޕޫލް ވާދަކުރާ މެޗެވެ. މީގެ އިތުރުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާސް އާއި އިންޓަ މިލާން ވެސް މިރޭ ކުޅޭނެއެވެ.
Advertisement
Leave a Reply