ޔޫއެން ފްރެންޑްސް އާއި ލީނޭޖް ދެވަނަބުރާ ގާތަށް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޔޫއެން ފްރެންޑްސް އާއި ލީނޭޖް ސްޕޯޓްސް ކުލަބް ދެވަނަބުރުގެ ޖާގަޔަކާ ގާތަށް ޖެހިލައިފިއެވެ.
މާފަންނު ޓާފުގައި މިއަދު ކުޅެވުނު ގުރޫޕް 7ގެ މެޗުން ޔޫއެން ފްރެންޑްސް މޮޅުވީ 1-0 އިން ކުލަބް ޑްރިބްލިން ސްޓާސް ބަލިކޮށްގެންނެވެ. ޔޫއެން ފްރެންޑްސްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ހަސަން ސޮބާހެވެ. މިނަތީޖާއާއެކު ޔޫއެން ފްރެންޑްސް ކުޅުނު ދެމެޗުންވެސް މޮޅުވެ، ދެވަނަ ބުރުގެ ޖާގަޔަކާ ގާތަށް ޖެހިލިއިރު، ދެމެޗުންވެސް ބަލިވެ ޑްރިބްލިން ސްޓާސް ވަނީ މުބާރާތުން ކަޓާފައެވެ.
ހެންވޭރު ދަނޑުގައި ކުޅެވުނު ގުރޫޕް 8ގެ މެޗު ވާދަވެރި ކުޅުމަކަށްފަހު ލީނޭޖް ސްޕޯޓްސް ކުލަބް ކާމިޔާބުކުރީ 5-4 އިން ސީކޭގެ މައްޗަށް ކުރިހޯދައިގެންނެވެ. ފުރަތަމަ ހާފުގެ ހަތްވަނަ މިނިޓުގައި ސީކޭއިން ލީޑު ނެގީ ރީހާން މުހައްމަދު ޖަހައިދިން ގޯލުންނެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން އަބްދުއްރަހްމާން އިބްރާހީމް ވަނީ ލީނޭޖް އަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. ތޭރަ ވަނަ މިނިޓުގައި ލީނޭޖް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އިބްރާހިމް އަލީ އެވެ. އަދި ސަތާރަވަނަ މިނިޓުގައި ރީހާން އިތުރު ގޯލެއްޖަހާ ސީކޭއަށް ނަތީޖާ އެއްްވަރު ކޮށްދީފައި ވަނިކޮށް ލީނޭޖްގެ މާޖިދު އަބްދުލް ޣަފޫރު ވަނީ އޭގެ ފަސް މިނިޓު ފަހުން ލީނޭޖް އަށް އަލުން ލީޑު ނަގާދީފައެވެ.
ލީނޭޖްގެ މުހައްމަދު ވަސީމް 29 ވަނަ މިނިޓުގައި އިތުރު ގޯލެއްޖަހާ ލީޑު ފުޅާކުރިތާ މިނިޓެއް ފަހުން ސީކޭއަށް ފަރަގު ކުޑަކޮށްދިނީ މުހައްމަދު އައްފާނެވެ. ރީހާންގެ ހެޓްރިކާއެކު މެޗުގެ 71 ވަނަ މިނިޓުގައި ސީކޭއިން ނަތީޖާ ހަމަހަމަ ކޮށްފައި ވާއިރު ލީނޭޖް މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު މިނިޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު ވަޖީހެވެ.
މި ނަތީޖާއާއެކު ތިން ޓީމު ހިމެނޭ ގުރޫޕް 8ގެ ފޯރިވެސް މިވަނީ ގަދަވެފައެވެ. ދެމެޗުންވެސް ބަލިވެ ސީކޭއަށް މުބާރާތް ނިމުނުއިރު މިގުރޫޕުގެ އެއްވަނަ ޓީމެއް އެނގިގެންދާނީ ޑިސެމްބަރު 7 ވަނަ ދުވަހު ބައުސް އާއި ލީނޭޖް ބައްދަލުކުރާ މެޗަށް ފަހުއެވެ. ބައުސް ވަނީ ފުރަތަމަ މެޗުގައި ފަހަތުން އަރާ 4-3 އިން ސީކޭ ބަލިކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ކުޅެވުނު މެޗުތަކުން ރިވަލްސާ އާއި ސުޕަރ ޔުނައިޓެޑު ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން މޮޅުވެފައެވެ. ގުރޫޕް 5ގައި ރިވަލްސާއަތުން 7-0 އިން ބަލިވެ ވިޔަންސާ މުބާރާތުން ކެޓިއިރު އެޓީމުން ޖެހި ހަތް ގޯލުވެސް ޖަހާދީފައިވަނީ ހަތް ކުޅުންތެރިންނެވެ. ފުރަތަމަ ހާފުގައި ސަނީމް ޝަމާއިލް އާއި އައްޒާމް ނިޔާޒް ދެގޯލު ޖަހައިދިންއިރު ދެވަނަ ހާފުގައި ގޯލްތައް ކާމިޔާބު ކޮށްދިނީ ނާއިހް މުފީދާއި އަހުމަދު ޒިދާން އަދި ސައިފާން އަހުމަދު މަނިކުގެ އިތުރުން އަހުމަދު ވިޝާލް އާއި ރިޝްވާން އަހުމަދެވެ.
ގުރޫޕް 6ގެ ސުޕަރ ޔުނައިޓެޑް މޮޅުވީ ކެޕިޓަލް ސިޓީއާ ވާދަކޮށް 12-4ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި ސުޕަރ ޔުނައިޓެޑްގެ އަހުމަދު ސިމްހާން ހަތަރު ގޯލު ކާމިޔާބު ކޮށްފައިވާއިރު އަލީ މާއިސް އާއި އަހުމަދު އަޝްރަފް ޔޫސުފް މިއިން ކޮންމެ ކުޅުންތެރިޔެއް ވަނީ ދެ ލަނޑު ޖަހާފައެވެ. ސުޕަރ ޔުނައިޓެޑުގެ އެއް ލަނޑު ކެޕިޓަލް ސިޓީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަންއިރު ބާކީ ތިން ގޯލު ކާމިޔާބު ކޮށްދިނީ ޔާމިން މުހައްމަދާއި އަހުމަދު އަފްރާދު އަދި ޔޫސުފް އުމަރެވެ.
މެޗުން ބަލިވި ނަމަވެސް މިމެޗުގައި ކެޕިޓަލް ސިޓީގެ އިސްމާއިލް ހުސައިން ތިން ގޯލުޖަހާ ހެޓްރިކް ހަދާފައި ވާއިރު އިސްމާއިލް މަމްދޫހް ވެސް ވަނީ ގޯލެއް ޖަހާފައެވެ.
މިމުބާރާތުގައި މާދަމާވެސް ދެމެޗު ކުޅެވިގެންދާނެއެވެ. މާފަންނުު ޓާފުގައި ގުރޫޕް 1ގެ ފެލްކަން އާއި އެމްއެސް ހެލްޕިން ހޭންޑް ބައްދަލުކުރާއިރު ހެންވޭރު ދަނޑުގައި ބައްދަލުކުރާނީ ގުރޫޕް 2ގެ ވިލިމާލެ ޔުނައިޓެޑާއި މައްޗަންގޮޅީ ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) އެވެ. މި ދެމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގައެވެ.
Advertisement


Leave a Reply