މުޅި އިޓާލިއަން ލީގު އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ތެދުވެއްޖެ

Advertisement

މުޅި އިޓާލިއަން ލީގު އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ތެދުވެއްޖެ

ޢަބްދުﷲ އަޝްރަފް
މި ހަފްތާ ބަންދުގައި ޔުވެންޓަސް ކުޅުނު މެޗުގައި އެޓީމުގެ ރޮނާލްޑޯގެ ކޮލުގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަ ޖަހައިފައި. ފޮޓޯ: ޓްވިޓާ

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށާ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން އިޓާލިއަން ސީރިއޭ ގެ ކްލަބްތަކްގެ މެނޭޖްމަންޓާއި ކުޅުންތެރިން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ ލީގްގައި މި ހަފްތާގެ ހޮނިހިރުން ފެށިގެން ހޯމަ ދުވަހާއި ހަމައަށް ކުޅުނު މެޗްތަކާ ގުޅުވައިގެންނެވެ.

އަންހެނުންނާ ކުރާ އަނިޔާއާ ދެކޮޅަށް މުޅި ދުނިޔޭގައި މިހާރު ކުރިއަށްގެންދާ ކެމްޕޭނަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން މިހަފްތާގައި އޮތް މެޗްތަކުގައި ކުޅުންތެރިން ކުޅެފައިވަނީ ކޮލުގައި ރަތް ކުލައިގެ ފާހަގައެއް ޖަހައިގެންނެވެ. ކުޅުންތެރިންގެ އިތުރުން މި މެޗްތަކުގައި ހަރަކާތްތެރިވި އޮފިޝަލުން ވެސް މެޗަށް އަރައިފައިވަނީ ރަތް ކުލައިގެ މާކް ކޮލުގައި ޖަހައިގެންނެވެ. މި ރަތް ކުލައިގެ މާކަކީ މިހަރަކާތުގެ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަށް ތާއިދުކުރާ ކަން ރަމްޒުކޮށްދިނުމަށް މި ހަރަކާތުގައި ބޭނުންކުރާ ސިމްބަލް އެވެ.

އިޓާލިއަން ލީގުގެ މަޝްހޫރު ކުޅުންތެރިން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބޭނުންކުރާ ނިޝާން ޖަހާފައި.

“އަނިޔާ ލިބޭ ފަރާތްތަކުން ކޮންމެ ދުވަހަކު ތަހައްމަލުކުރަމުން އަންނަ ބިރުވެރިކަން ނައްތާލަން އަހަރެމެން އެންމެން މަސައްކަތްކުރަންޖެހޭ” އިޓާލިއަން ސީރިއޭ ގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކުޅުންތެރިންގެ ކޮލުގައި ރަތްކުލައިގެ ފާހަގަ ޖެހުމުގެ އިތުރުން މި ހަފްތާގައި ކުޅެވުނު މެޗްތަކަށް ޓީމްތަކުން ދަނޑަށް އެރީ ކެމްޕެއިންއާ ގުޅޭ ހެދުން ލައިގެން ތިބި އަންހެން ކުދިންނާއެކުގައެވެ. މީގެ އިތުރުން މެޗް ކުޅުނު ކޮންމެ ސްޓޭޑިއަމް އެއްގައި ކެމްޕޭން ބެނާއެއް ހަރުކޮށް، އެތަންތަނުގައި ބަހައްޓާފައިހުރި ބޮޑެތި ސްކްރީންތަކުން ކެމްޕޭންއާ ގުޅޭ ވީޑިއޯ އެއް ދައްކައިފައިވެއެވެ.

މި ހަރަކާތްތަކަކީ އަންހެނުންނާއި ކުޑަކުދިންގެ ދިފާއުގައި މަސައްކަތްކުރާތާ ވިހި އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ “ވީވާލްޑް އޮންލަސް” އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގައި އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ބައެއް ތަރިން ކަމަށްވާ އަލްސަންދްރޯ ކޮސްޓަކޫޓާ އާއި ފްރެންޗެސްކޯ ޓޯލްޑޯ އިސް ދައުރެއް އަދާކޮށްފައިވެއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ ދުވަހަކީ 25 ނޮވެމްބަރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *