އަމާޒެއް ނެތް ވިކްޓްރީ، ނިލަންދޫ އަތުން ބަލިވެއްޖެ
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗުތަކަށް ކުޅުންތެރިން ކިރިޔާ ހަމަވާ ވިކްޓްރީ ސްޕޯޓްސް ކްލަބް ލީގުގައި މިރޭ ފ. ނިލަންދުއާ ވާދަކުރި މެޗުން 4-1 އިން ބަލިވެއްޖެއެވެ. މާލީ މައްސަލަތަކުގެ ސަބަބުން ޓީމުގެ ހުރިހާ ކަމެއް ބޮއްސުއްލާފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބް މިރޭގެ މެޗަށް ނުކުތްއިރު އެންމެފަހުން އެޓީމު ކްލަބް އީގަލްސް އާއި ކުޅެން އޮތް މެޗަށް ހާޒިރުވެފައެއްވެސް ނުވެއެވެ. އަދި ލީގުގެ ފުރަތަމަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކުޅެން އޮތް މެޗަށްވެސް އެޓީމު ހާޒިރުވެފައެއް ނުވެއެވެ.
މިރޭގެ މޮޅަކީ އެއްވަނަ ޑިވިޝަނުގެ ޓީމެއް އަތުން ނިލަންދޫ އަށް ލިބުނު ފުރަތަމަ މޮޅެވެ. މި މޮޅާއެކު ކުޅުނު 15 މެޗުން ލިބުނު 10 ޕޮއިންޓާއެކު އެޓީމު ވަނީ ޕޮއިންޓުގެ ގޮތުން ވިކްޓްރީ އާއި އަރައި ހަމަކޮށްފައެވެ. އެކަމަކު ފައިދާ ގޯލުގެ ތަފާތުން ކުރީގައި އޮތީ ވިކްޓްރީ އެވެ. ލީގުގެ ހަތްވަނަ ވިކްޓްރީ އަށް ލިބޭއިރު ނިލަންދޫ އޮތީ އަށް ޓީމު ވާދަކުރާ ދެވަނަ ބުރުގެ ފުލުގައެވެ.
ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތްއިރު ނިލަންދޫ ނުކުންނާނީ ށ. ފޯކައިދުއާ ދެކޮޅަށެވެ. އަދި ފަހުމެޗުގައި ވިކްޓްރީ ކުޅެން ޖެހޭނީ މިއަދު ހަވީރު ށ. ފޯކައިދޫ އަތުން ބަލިވި ކްލަބް ގްރީން ސްޓްރީޓްސް އާއެވެ.
މެޗަށް ނުކުތްއިރު ވިކްޓްރީ ޓީމުގައި ތިބީ 12 ކުޅުންތެރިންނެވެ. ޓީމުގެ ބެންޗުގައި އިނީ ބަދަލު ކީޕަރު އަބްދުﷲ ޒިޔަޒަން އެކަންޏެވެ. އިތުރު ކުޅުންތެރިއަކު ނެތުމުން އެޓީމުގެ އަހުމަދު ރިޒުވާން އިސްމާއީލްގެ ބަދަލުގައި މެޗުގެ 78 ވަނަ މިނެޓުގައި ޒިޔަޒަން ވަނީ ކުޅެން އަރައިފައެވެ. އެއްވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެ އަދި އުފަން ރަށް އޭދަފުއްޓާއެކު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ ޒިޔަޒަން އަކީ ތަޖުރިބާކާރު ގޯލްކީޕަރެކެވެ.
މިރޭގެ މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ނިލަންދޫން ވަނީ އިބްރާހީމް ފުރުގާންގެ ލަނޑުން ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 28 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ލޫކަސް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓްރީ އަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރ ހުސައިން ނިހާން (ނިހާޓް) ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ދެވަނަ ހާފުގައި ނިލަންދޫގެ ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލޫކަސް އެވެ. ނިލަންދޫގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ އަހުމަދު ޝާން އެވެ.
ލީގުގައި ދެން ކުޅޭނީ ފަހު މެޗުތަކެވެ. މި މެޗުތައް ކުޅޭނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ އާއި ނިލަންދޫ އެވެ. އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ވިކްޓްރީ ވާދަކުރާނެ އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާނެ އެވެ.
ލީގުގެ ޗެމްޕިއަންކަން ލިބޭ ޓީމެއް ކަށަވަރު ވާނީ ހުކުރު ދުވަހު ކުޅޭ މެޗުތަކަށް ފަހުއެވެ. އެދުވަހު ހަވީރު ނިއު ރޭޑިއަންޓް އަތުން މާޒިޔާ މޮޅުވެއްޖެ ނަމަ ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ އެރޭ ޓީސީ އާއި އީގަލްސް ވާދަކުރާ މެޗަށްފަހު އެވެ. ލީގު ޗެމްޕިއަންކަމަށް ޓީސީ އާއި މާޒިޔާ ވާދަކުރާއިރު ލީގު ހޯދުމުގެ އަމިއްލަ ބާރު އޮތީ ޓީސީ އަށެވެ.
Advertisement
Leave a Reply