ފޯކައިދޫން ގްރީން ސްޓްރީޓްސް އަތުން ބޮޑު މޮޅެއް ހޯދައިފި

Advertisement

ފޯކައިދޫން ގްރީން ސްޓްރީޓްސް އަތުން ބޮޑު މޮޅެއް ހޯދައިފި

ޢަލީ ޝަހީމް
މިއަދުގެ މެޗުގައި ދެ ލަނޑު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަލީލް. މިއަދު ކެޕްޓަނެއްގެ ޒިންމާ ނެގީވެސް އޭނާ. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ތާވަލުގެ ހަވަނަ އަށް ކުރިއަށް ޖެހިލައިފިއެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އިން ލަނޑެއް ޖަހައިފައިވަނިކޮށް ފޯކައިދޫ މެޗުން މޮޅުވީ ދެވަނަ ހާފުގައި ޖެހި ހަތަރު ގޯލާއެކު 4-1 ގެ ނަތީޖާއަކުންނެވެ. މިއީ ފުރަތަމަ ޑިވިޝަންގެ ޓީމެއް އަތުން ލީގަށް ކޮލިފައިވި މިނިވަން ޗެމްޕިއަންޝިޕް ޓީމަކަށް މި ސީޒަނުގައި މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު ފޯކައިދޫއަށް ވަނީ ކުޅުނު 15 މެޗުން 12 ޕޮއިންޓް ލިބިފައެވެ. ހަތްވަނައިގައި ވިކްޓްރީ އޮތީ 10 ޕޮއިންޓާއެކުއެވެ. އެކަމަކު ލީގުގައި މިރޭ ފ. ނިލަންދޫ ބަލިކޮށްގެން ވިކްޓްރީ އަށް އަލުން ހަވަނަ މަގާމް ލިބޭނެއެވެ. ލީގުގައި ފޯކައިދޫއަށް ބާކީ އޮތީ ނިލަންދޫއާ ވާދަކުރާ މެޗެވެ.

މި މެޗަށް ނުކުތްއިރު އެންމެ ފަހުން ނިއު ރޭޑިއަންޓާއި ވާދަކުރި މެޗު 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ގްރީން ސްޓްރީޓްސް އޮތީ ރަނގަޅު ރޫހެއްގައެވެ. މިމެޗަށް ނުކުތްއިރު ލީގުގައި އެންމެފަހުން ކުޅުނު ދެމެޗުންވެސް 5-0 ގެ ނަތީޖާއަކުން ފޯކައިދޫ ވަނީ ބަލިވެފައެވެ. ލީގުގައި އެންމެފަހުން ކުޅުނު ތިންމެޗުގައި އެޓީމު ކޮޅަށް 15 ގޯލު ވަދެފައިވާއިރު ޖެހުނީ އެންމެ ގޯލެކެވެ.

މިއަދުގެ މެޗުގައި ގްރީން ސްޓްރީޓްސް ގެ އަސްހަދު އަލީ (އަޑުބަރޭ) ކާޑު ހަމަވުމުގެ ސަބަބުން ހުރީ ސަސްޕެންޝަނުގައެވެ.

މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ޖެހީ ފަހަކަށް އައިސް ގްރީން ސްޓްރީޓްސް ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އަންނަ ޒުވާން ކުޅުންތެރިޔާ އަލީ ނަސޫހް އެވެ. ގްރީން ސްޓްރީޓްސް އިން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ފޯކައިދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ހާފުގައި ހަތަރު ގޯލު ޖަހައިފައެވެ.

ފޯކައިދޫ ޓީމުގެ ފުރަތަމަ ގޯލު ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ޖެހީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު މިސްރުގެ ކުޅުންތެރިޔާ ހަލީލް ގަމާލް އެވެ. ފޯކައިދޫ ޓީމުން ލީޑު ނެގީ މެޗުގެ 57 ވަނަ މިނެޓުގައި ހަސަން ނަޒީމް ވައްދާލި ގޯލުންނެވެ. ގްރީން ސްޓްރީޓްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ ފަހު 15 މިނެޓުގައި ފޯކައިދޫން ވަނީ އިތުރު ދެގޯލު ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލައިފައެވެ. ފޯކައިދޫގެ ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި އަހުމަދު ޝަމާލް ޖެހިއިރު ފަހުލަނޑު 83 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަލީލް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *