އީގަލްސް އިން ހާލުގައި އޮތް ނިއު ރޭޑިއަންޓް ބަލިކޮށްފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއު ރޭޑިއަންޓާއި ކުޅުނު މެޗު ކްލަބް އީގަލްސް އިން 2-0 އިން ކާމިޔާބު ކޮށްފިއެވެ. ރޭގެ މޮޅާއެކު އީގަލްސް ވަނީ ލީގުގެ ގަދަ ތިނެއްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
ރޭގެ މޮޅާއެކު އީގަލްސްއަށް ގަދަ ތިނެއްގެ ޖާގައެއް ކަށަވަރުވީ 35 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނައިގައި 37 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. މެޗުން ބަލިވި ނިއު ރޭޑިއަންޓް އޮތީ 27 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
ރޭގެ މެޗަށް ނުކުތްއިރު އެންމެ ފަހުން ގްރީން ސްޓްރީޓްސް އާއި ވާދަކުރި މެޗުން ނިއު ރޭޑިއަންޓް ވަނީ 5-1 އިން ބަލިވެފައެވެ. ލީގުގެ ދެވަނަ ބުރުގައި އެޓީމަށް ހަމައެކަނި މޮޅުވެވުނީ ވިކްޓްރީ އާއި ނިލަންދޫ އަދި ފޯކައިދޫ އަތުންނެވެ. މާޒިޔާ، ޓީސީ އަދި ގްރީން ސްޓްރީޓްސް އަދި އީގަލްސް އަތުން އެޓީމު ވަނީ ބަލިވެފައެވެ. މުސާރައިގެ މައްސަލަ ނިއު ރޭޑިއަންޓަށްވެސް ކުރިމަތިވެފައި ވާއިރު އެޓީމުގައިވެސް މެޗު ކުޅޭ ވަރަށް ކުޅުންތެރިން ހަމަވަނީ ކިރިޔާ އެވެ. ލީގުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް މާޒިޔާއާއެވެ.
އީގަލްސް އެންމެ ފަހުން ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުނުވާތީ އެޓީމަށް ވަނީ ނުކުޅެ މެޗު ލިބިފައެވެ. އީގަލްސް އަކީ މިއަހަރުގެ މާލޭ ލީގުގެ ދެވަނަ ހޯދި ޓީމެވެ. އެޓީމަށް ޕްރިމިއަރ ލީގުގެ ދެވަނަ ލިބެން އޮތީ ފަހު މެޗުގައި މާޒިޔާ ނިއު ރޭޑިއަންޓް އަތުން ބަލިވެ އީގަލްސް ޓީސީ އަތުން މޮޅުވެގެންނެވެ.
ރޭގެ މެޗުގައި އީގަލްސްގެ ގޯލުތައް ޖަހައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ހަސަން ރާއިފް (ހަންނަ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ރިޒޭ ލަނޑު ޖެހީ މެޗުގެ އަށްވަނަ މިނެޓުގައެވެ. އީގަލްސްގެ ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ނާއިމް އެވެ. ނާއިމް ފޮނުވާލި ހަމަލާ ގޯލަށް ވަނީ ނިއުގެ އިމްރާން ނަޝީދު ފައިގައި ޖެހިފައެވެ. މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނިއު ރޭޑިއަންޓަށް ލިބި ވަނީ ބޭކާރުވެފައެވެ. އާއްމުކޮށް ފުރަތަމަ އޭގާރައިގައި ހިމެނޭ ހަމްޒާ މުހައްމަދު (ހަމްޕު) އަދި ބިދޭސީ ކުޅުންތެރިޔާ ކަންޑޭލާ ރޭފެ މެޗުގައި ކުޅެންއެރީ ބެންޗުންނެވެ. މި ދެކުޅުންތެރިން އެރުމުން ނިއުގެ އެޓޭކުތައް ވަރުގަދަވެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެކަމަކު އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އީގަލްސްއަށް ކުޅޭ ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސްއަށް މޮޅު ކުޅުމެއްދެއްކި އަބްދުﷲ ސަމީހު މޫސާ އެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ ށ. ފޯކައިދުއާއި ދެކޮޅަށެވެ. އަދި މިރޭ ކުޅޭ މެޗުގައި ވިކްޓްރީ އަދި ފ. ނިލަންދޫ ވާދަކުރާނެއެވެ.
Advertisement


Leave a Reply