ފައިނަލް މެޗް ނުބޭއްވި އާޖެންޓީނާގެ ފުޓްބޯޅައަށް ބޮޑު ލަދެއް
ދެކުނު އެމެރިކާގެ ކްލަބްތަކުގެ މެދުގައި ބޭއްވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ލިބަޓަޑޮރަސް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ލެގުގައި އާޖެންޓީނާގެ ރިވަޕްލޭޓާއި ބޮކަ ޖޫނިއާސް ކުޅޭގޮތަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެކަމަކު މެޗް ފެށެން ވަރަށް ގާތްވެފައި ވަނިކޮށް ރިވަޕްލޭޓްގެ ސަޕޯޓަރުން ބޮކަ ޖޫނިއާސްގެ ކުޅުންތެރިން ދަތުރުކުރަމުންދިޔަ ބަހަކަށް ހަމަލާ ދިނުމާ ގުޅިގެން 24 ގަޑިއިރަށް މެޗް ލަސްކުރިއެވެ. އާޖެންޓީނާގެ 127 އަހަރުވީ ފުޓްބޯޅައިގެ ތާރީހްގައިވެސް ކުޅެވޭ އެންމެ ވާދަވެރި މެޗް ރޭ މާލޭ ގަޑިން މެންދަމުން އަލިވެ 1 ޖަހާއިރު ފަށަން އަލުން ހަމަޖެއްސި ނަމަވެސް ބޮކަ ޖޫނިއާސްގެ އެދުމުގެ މަތިން މެޗް ފެށެން އެންމެ ތިން ގަޑިއިރަށް ވެފައި ވަނިކޮށް އަނެއްވާވެސް ވަނީ ލަސްކޮށްފައެވެ. މެޗް އަލުން ކުޅޭނެ ތާރީހެއްވެސް މިފަހަރު އިއުލާންކޮށްފައެއް ނުވެއެވެ.
އާޖެންޓީނާގެ ކްލަބް ފުޓްބޯޅައިގައިވެސް އެންމެ ކާމިޔާބު އަދި އެންމެ ވާދަވެރި ދެ ކްލަބް ބައްދަލުކުރަން ހޮނިހިރު ދުވަހުގެރޭ ހަމަޖެހިފައި އޮތް މެޗް ކުޅޭ ރިވަޕްލޭޓްގެ ސްޓޭޑިއަމްއަށް ބޮކަ ޖޫނިއާސްގެ ކުޅުންތެރިން ބަހުގައި ދަތުރުކުރަމުން ދަނިކޮށް ރިވަޕްލޭޓްގެ ސަޕޯޓަރުން ދިން ހަމަލާގެ ސަބަބުން ބޮކަ ޖޫނިއާސްގެ ބައެއް ކުޅުންތެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބި ހޮސްޕިޓަލުން ފަރުވާ ހޯދައިފައިވެއެވެ. ބައެއް ކުޅުންތެރިންގެ ހަށިގަނޑުގެ އެކި ތަންތަނަށް ތަޅައިގެންދިޔަ ބިއްލޫރި ތަކުގެ އެތިކޮޅުތައް ހެރި ކަފައިގެން ގޮސްފައިވާއިރު، ހާދިސާ ހިނގި ސަރަހައްދުގައި ތިބި މީހުން ދުރުކުރުމަށް ފުލުހުން ކަރުނަ ގޭސް ބޭނުންކުރުމުގެ ސަބަބުން ބޯ އެނބުރުމާއި ހޮޑުލުންފަދަ މައްސަލަތައްވެސް ބައެއް ކުޅުންތެރިންނަށް ކުރިމަތިވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. މިގޮތުން ބޮކާގެ ޕަބްލޯ ޕެރޭޒްގެ ލޮލުގައި، ތަޅައިގެންދިޔަ ބިއްލޫރިގަނޑުގެ އެތިކޮޅަކުންޖެހި އަނިޔާވިއިރު ގޮންޒާލޯ ލަމާޑޯ ގެ ބޮލުން ތަންކޮޅެއް ކަފައިގެން ދިޔަކަމަށް އެނގިފައިވެއެވެ. އަދި، ބޮކާއަށް ކުޅޭ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ތަރި ކާލޯސް ޓެވޭޒްއަށް ބޯ އެނބުރުމާއި ހޮޑުލެވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ބޮކަ ޖޫނިއާސް އިން ވަނީ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެ ހާދިސާގައި އަނިޔާވި ކުޅުންތެރިން ރިކަވަ ވުމަށް އިތުރު ވަގުތު ދިނުމަށް އެދި ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާއަށް އިލްތިމާސްކޮށްފައެވެ. މި އިލްތިމާސާއި ގުޅިގެން އެ އިދާރާއިން ނެރުނު ބަތާނެއްގައި މެޗް ދެވަނަ ފަހަރަށް ލަސްކުރިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ ބޮކަ ޖޫނިއާސްގެ ކުޅުންތެރިންނަށް މެޗް ކުޅެން ފަސޭހަ ނުވާނެ ކަމަށް އެ އިދާރާގެ ރައީސް އަލެސަންދްރޯ ޑޮމިންގޭޒް އަށް ގަބޫލުފުޅުކުރެއްވޭ ކަމަށެވެ. އަދި، މި ބަޔާނުގައި ޑޮމިންގޭޒް ވަނީ ބަހަށް ހަމަލާދިނުމުގެ ހާދިސާގައި ޒިންމާ އުފަލަންޖެހޭ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގައި އެހީތެރިވެދިނުމަށް ކަމާ ބެހޭ އިދާރާތަކުގެ ކިބައިން އެދިފައެވެ.
މީގެ ތިން އަހަރު ކުރިން ކޮޕަ ލިބަޓަޑޮރަސް ކަޕްގެ ގަދަ ސޯޅައިގައި ރިވަޕްލޭޓާއި ބޮކަ ޖޫނިއާސް ވާދަކުރި މެޗެއްގެ ފުރަތަމަ ހާފް ނިންމައި ރިވަޕްލޭޓްގެ ކުޅުންތެރިން ޑްރެސިންގް ރޫމަށް ދަނިކޮށް ބައެއް ކުޅުންތެރިންގެ ގަޔަށް ބޮކާގެ ސަޕޯޓަރުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން މެޗް ހުއްޓާލަން ޖެހިފައިވެއެވެ. އެ ހާދިސާއާ ގުޅިގެން އެ މުބާރާތުން ބޮކާ ޑިސްކޮލިފައިކޮށް ރިވަޕްލޭޓަށް ކްއާޓަރ އިން ފުރުސަތު ދިނެވެ.
މި މުބާރާތުގެ ފައިނަލްގައި ބޮކަ ޖޫނިއާސް އާ ރިވަޕްލޭޓް ބައްދަލުކުރާ މިއީ ފުރަތަމަ ފަހަރެވެ. މިއީ މި މެޗްގެ ވާދަވެރިކަން މިހާވަރަށް ބޮޑުވުމުގެ އެއް ސަބަބުކަމަށް ބެލެވެއެވެ. މި ތާރީހީ މެޗް ކާމިޔާބުކުރުމަކީ ދެ ޓީމުގެވެސް ވަރަށް ވަރުގަދަ އަމާޒެކެވެ. ކްލަބް ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން އާޖެންޓީނާގައި ހޯމް ޓީމް ކުޅޭ މެޗަށް އަވޭ ޓީމްގެ ސަޕޯޓަރުން ވަނުން އޮންނަނީ މަނާކޮށްފައެވެ. ކޮޕަ ލިބަޓަޑޮރަސް ކަޕްގައިވެސް އާޖެންޓީނާގެ ދެ ކްލަބް ކުޅޭއިރު އަމަލުކުރަނީވެސް ހަމަ މި އުސޫލަށެވެ.
މި މަހުގެ 11 ވަނަ ދުވަހު ބޮކަ ޖޫނިއާސްގެ ދަނޑުގައި ކުޅުނު ލިބަޓަޑޮރަސް ކަޕް ފައިނަލްގެ ފުރަތަމަ ލެގް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއާއެކު ދެވަނަ ލެގަށް މި ދެޓީމް ނުކުންނައިރު ރަށުން ބޭރުގައި ޖެހި ދެ ގޯލާއެކު އެޑްވާންޓޭޖް އޮތީ ރިވަޕްލޭޓަށެވެ.
Advertisement
Leave a Reply