މާޒިޔާ އިން ޓީސީ ބަލިކޮށް ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފި

Advertisement

މާޒިޔާ އިން ޓީސީ ބަލިކޮށް ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފި

ޢަލީ ޝަހީމް
މޮޅު ކުޅުމެއްދައްކައި ދެގޯލު ކާމިޔާބު ކޮށްދިން ދާދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ހަވާލުވަނީ. ފޮޓޯ: މާޒިޔާ ފޭސްބުކް

މޮޅުވާން މަޖުބޫރު މެޗުގައި ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކޮޅަށް ޖެހި ހަތަރު ގޯލާއެކު މާޒިޔާއިން ދިވެހި ޕްރިމިއާ ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފިއެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ޓީސީން ދެ ލަނޑުގެ ލީޑެއް ނަގައިފައިވަނިކޮށް މާޒިޔާއިން އިން މޮޅަށްކުޅެ 4-2 އިން ޓީސީ ބަލިކޮށްފައެވެ. މިއަދުގެ މެޗު އެއްވަރުކޮށްލައިގެންވެސް ލީގު ޗެމްޕިއަންކަން ލިބޭނީ ޓީސީއަށެވެ.

މިމެޗުން މޮޅުވުމުން މާޒިޔާ ވަނީ އެއްވަނައިގައި އޮތް ޓީސީ އާއި ދެޕޮއިންޓް ކައިރިއަށް ޖެހިލައިފައެވެ. ޓީސީ އެއްވަނައިގައި 39 ޕޮއިންޓާއެކު އޮތްއިރު މާޒިޔާ ދެވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ. ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. މާޒިޔާ ލީގުގައި ކުޅޭ ފަހުމެޗުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި ޓީސީ ވާދަކުރާނީ ކްލަބް އީގަލްސް އާއެވެ.

Advertisement

މާޒިޔާއަށް ލީގު ހޯދުމުގެ ފުރުސަތު ބޮޑުވާނީ ނިއު ރޭޑިއަންޓް އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އަނެއްކޮޅުން އެރޭ ކްލަބް އީގަލްސްއާ ވާދަކުރާ މެޗު ކާމިޔާބު ކޮށްގެން ޓީސީ އަށް ލީގު ޔަގީންވާނެއެވެ. މާޒިޔާ މޮޅުވެ ޓީސީ އެއްވަރުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ލިބޭނީ ފައިދާ ގޯލު ގިނަ ޓީމަކަށެވެ. މިއަދުގެ މެޗާއެކު ޓިސީ އޮތީ މާޒިޔާއަށްވުރެ ފައިދާ ހަތްގޯލު ކުރީގައެވެ.

މިއަދުގެ މެޗަށް ނުކުތްއިރު މާޒިޔާގެ މެދުތެރެއަށް ކުޅޭ ޔަސްފާދު ހަބީބު (މުލަކޭ) ހުރީ ސަސްޕެންޝަނުގައެވެ. ޓީސީ ޓީމުގައި މިއަދު ވަނީ ބިދޭސީ ޑިފެންޑަރު އަލާ ނާސިރު ހިމަނައިފައެވެ. އެންމެ ފަހުން ފ. ނިލަންދުއާ ކުޅުނު މެޗުގައި އަލާ އިންނީ ބެންޗުގައެވެ.

މެޗުގެ ފުރަތަމަ ހަމަލާ 12 ވަނަ މިނެޓުގައި އުފެއްދީ މާޒިޔާއިންނެވެ. ގޯލު އޭރިޔާގެ ބޭރު ރޮނގުމަތިން އަލާ ނާސިރު ދިފާއުކުރި ބޯޅަ މާޒިޔާގެ އަބްދުﷲ ޖުނެއިދަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ޓީސީގެ ނޭޕާލް ކީޕަރު ކިރަން ކުމާރު ވަނީ މަތަކޮށްފައެވެ.

ޓީސީން މެޗުގައި ލީޑު ނެގީ 16 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކާމިޔާބުކޮށްދިން ގޯލުންނެވެ. އަހުމަދު ފައްރާހު އޭރިޔާތެރެއަށް ނަގައިދިން ބޯޅަ އިޝާން އިބްރާހީމް (ސައްޓު) ފައިގައި ޖެހިފައި ލިބުނީ ފޭދޫ އިއްބެއަށެވެ. ފޭދޫ އިއްބެ ތިރިތިރިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މެދަށެވެ.

މާޒިޔާއިން ވަނީ އަމްދާން އަލީ (އެންޑީ) އަށް އަނިޔާވުމުން 23 ވަނަ މިނެޓުގައި މުޖުތާޒް މުހައްމަދު (މުޖޭ) ކުޅެން އަރުވައިފައެވެ. މުޖޭ ކުޅެން އަރައި ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް ޓީސީން ވަނީ މެޗުގެ ދެވަނަ ލަނޑު ޖަހައިފައެވެ. އަރިމަތިން ސައްޓު ތިރިތިރިން ނަގައިދިން ހުރަސް މާޒިޔާގެ ކީޕަރު ހުސައިން ޝަރީފުގެ އަތްދަށުން ގޮސް ލިބުނީ ހުސްކޮށްހުރި އަލީ އަޝްފާގު (ދަގަނޑޭ) އަށެވެ. ފަސޭހަކަމާއެކު ދަގަނޑޭ އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއިރު މާޒިޔާގެ ދެކުޅުންތެރިއަކު ދަގަނޑޭ ހުއްޓުވަން މަސައްކަތް ކުރިއެވެ. މިއީ ސީޒަނުގައި ދަގަނޑޭ ޖެހި 41 ވަނަ ގޯލެވެ.

މެޗުގެ 29 ވަނަ މިނެޓުގައި މާޒިޔާއަށް ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅުނު ސްޓެވާޓް ކޮނޭލިއަސް އަށެވެ. އަލާ ނާސިރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ކޮނޭލިއަސް އަށް ލިބުނު ބޯޅަ ހުސްކޮށްހުރެ ގޯލުގެ މަތީކަނަށް އަމާޒުކޮށްލުމުން ކީޕަރު ކިރަން އަތުން ޖައްސައި ބޭރުކޮށްލިއެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ކޮނޭލިއަސް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ކިރަންގެ އަތަށެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު ފަސްމިނެޓުގައި ގާތްގާތުގައި ދެގޯލު ޖަހައި މާޒިޔާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މާޒިޔާގެ ފުރަތަމަ ލަނޑު ކޮނޭލިއަސް ޖެހީ ކައިރީގައި ހުރި ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އޭގެ ތިންމިނެޓު ފަހުން މެޗުގެ ނަތީޖާ މާޒިޔާއަށް އެއްވަރު ކޮށްދިނީ މިދިޔަ ތިން ސީޒަނުގައި ޓީސީގައި މޮޅު ކުޅުމެއްދެއްކި ނާއިޒް ހަސަން (ދާދު) އެވެ. ދާދު ބޮލުން މި ލަނޑު ޖެހީ ކޮނޭލިއަސް ނަގައިދިން ހުރަހަކުންނެވެ. ގާތްގާތުގައި ދެ ލަނޑު ވަނުމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ޑިފެންޑަރު މުހައްމަދު އަޖުފާންގެ ބަދަލުގައި އަހުމަދު ރިލްވާން (ބެން) ކުޅެން އަރުވައިފައެވެ.

ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ސައްޓު ނަގައިދިން ހުރަސް ދަގަނޑޭ ބޮލުން ޖައްސާލުމުން ސަމޫހު އަލީ އެބޯޅަ ބޭރުކޮށްލިއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޓީސީން ވަނީ ސާދު ނިޒާރުގެ ބަދަލުގައި ޔާމީން އިބްރާހީމް (ޔާމްބެ) ކުޅެން އަރުވައިފައެވެ.

މާޒިޔާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 61 ވަނަ މިނެޓުގައި މޫސާ ޔާމީން ޖަހައިދިން ހިތްގައިމު ގޯލުންނެވެ. ޓީސީގެ އައްޒާމު ދިފާއުކުރަން ބޮލުން ޖައްސާލި ބޯޅަ އޭރިޔާ ބޭރުގައި ހުރި ޔާމީނަށް ލިބުމުން އޭނާ ވަނީ އެއްފަހަރުން ގޯލުގެ ތިރީ ކަނަށް އެބޯޅަ ފޮނުވާލައިފައެވެ. ޓީސީން ލަނޑެއް ޖަހަން ކުރިއަށް އެރުމުގެ ފައިދާނަގައި މެޗުގެ 79 ވަނަ މިނެޓުގައި މާޒިޔާގެ ދާދު ވަނީ އެޓީމަށް ހަތަރުވަނަ ގޯލު ޖަހައިފައެވެ. ކައުންޓަ އެޓޭކެއްގައި ލިބުނު ބޯޅަ އޭރިޔާތެރޭގައި ހުރެފައި ދާދު ފޮނުވާލީ ބޯޅައަށް އެރި ކިރަންއަށް އެއްވެސް ފުރުސަތެއް ނުދީއެވެ.

މާޒިޔާއިން ހަތަރު ލަނޑު ޖެހުމުން ޓީސީން ވަނީ ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެކަމަކު މާޒިޔާ ޓީމުންވަނީ ޓީސީގެ ކުޅުންތެރިން ހުއްޓުވުމުގައި ކުރި ހޯދައިފައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާއަށް ދެލަނޑު ކާމިޔާބު ކޮށްދިން ދާދު އެވެ.

ލީގުގައި މިރޭކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *