ޕެނަލްޓީ ޖަހައިގެން މޮޅުވެ، ރާއްޖޭގެ އަންހެން ޓީމު ތިންވަނަ ހޯދައިފި
އެފްއޭއެސް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރެގިއުލާ މުބާރާތުގެ ތިންވަނަ ދިވެހި ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމް ހޯދައިފިއެވެ. ތިންވަނަ ހޮވަން ސިންގަޕޫރުގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ރާއްޖޭގެ ޓީމު ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑު ނުޖެހުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 2-1 އިން އިންޑޮނޭޝިޔާގެ މައްޗަށް ކުރި ހޯދައިގެންނެެ.
ރާއްޖޭގެ ޓީމް އެޓޭކް އަދި ޑިފެންސްގައި ވެސް ދާދި ހަމަހަމަކޮށް ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިހާފުގައި ރާއްޖޭގެ ޑިފެންސް ފޫއަޅުވާލުމަށް އިންޑޮނޭޝިއާގެ ހަލުވި ދުވެއްޔާއި ވަރުގަދަ ފިޒިކަލްގެ ބޭނުން ވަނީ ނުކުރެވިފައެވެ. އަދި ރާއްޖޭގެ ގޯލަށް އަމާޒުކޮށް އެންމެ ބޯޅައެއް ވެސް އިންޑޮނޭޝިޔާއަށް ފޮނުވާލެވިފައެއް ނުވެއެވެ.
މީގެ ކުރިން ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ވަނީ ދެފަހަރެއްގެ މަތިން އިންޑޮނޭޝިޔާއާ ވާދަކޮށްފައެވެ. އެއީ މިއަހަރު އޮތް އޭޝިއަން ގޭމްސްގައި އަދި އޮލިމްޕިކް ކޮލިފައިން މުބާރާތުގައެވެ. މި ދެކުރިމަތިލުމުގައިވެސް ރާއްޖޭގެ ޓީމު ބަލިވެފައި ވާއިރު އިންޑޮނޭޝިޔާއިން ވަނީ ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހާފައެވެ. ރާއްޖެއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.
މެޗުގެ ފަހު ފަނަރަ ވަރަކަށް މިނިޓުގައި އިންޑޮނޭޝިޔާއިން ރާއްޖޭގެ ޑިފެންސަށް ނުރައްކާކުރިއިރު 83 ވަނަ މިނިޓުގައި އެޓީމުން ވަނީ ލީޑު ނެގުމާ ގާތަށް ޖެހިލާފައެވެ. އިންޑޮނޭޝިޔާގެ ޒަހްރާ ފޮނުވާލި ބާރު ހިލޭޖެހުން ރާއްޖޭގެ ކީޕަރު އާމިނަތު ލީޒާ ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި ދާނިއާލް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އެއްވަރުވެގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރާއްޖޭގެ ޓީމުން ވަނީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ރާއްޖޭން ޕެނަލްޓީ ކާމިޔާބުކުރީ މަރިޔަމް މިރުފަތު އަދި ބަދަލު ކުޅުންތެރިއެއްގެގޮތުގައި ފަހުވަގުތު ކޯޗު މުހައްމަދު އާތިފް ކުޅެން އެރުވި ޝަހުލާ ތައުފީގެވެ. ކެޕްޓަން ފަދުވާ ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު ޑިފެންޑަރު އާމިނަތު ޒާހިޔާ ޖެހި ޕެނަލްޓީގެ ހުރަހަކަށްވީ އިންޑޮނޭޝިޔާގެ ކީޕަރު ރިސްކާ ޖޫލިއާނީ އެވެ.
އިންޑޮނޭޝިޔާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. ކެޕްޓަން ރާނީ އަދި ވީވީ އޮކްޓާވިއާ ޖެހި ޕެނަލްޓީ ރާއްޖޭގެ ކީޕަރު ލީޒާ ދިފާއުކުރިއިރު ޒަހްރާ އާއި ދާނިއާލް ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިއަދުގެ މެނެދުރުފަހު 14:00ގައެވެ. ބައްދަލުކުރާނީ ސިންގަޕޫރާއި ލަގްޒެމްބާގެވެ.
Advertisement
Leave a Reply