ބާސެލޯނާ އެއްވަނައިގައި، ސޮލާރީގެ ރެއާލަށް ހިތްދަތި ބައްޔެއް

އަހުލާގީ މައްސަލަތަކާއި ހެދި ބާސެލޯނާއިން ވިއްކާލަފާނެކަމަށް ބެލެވިފައިވާ އޮސްމާނޭ ޑެމްބެލޭ ފަހުވަގުތު ވައްދާލި ގޯލުން އެޓީމު ސްޕެނިޝް ލީގުގެ އެއްވަނަ ދިފާއުކުރިއިރު، ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ. ރޭ އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ބާސެލޯނާ އާއި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިވީ އެއިބާ އާއި ވާދަކޮށް 3-0 އިންނެވެ.
ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ 25 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 24 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި 23 ޕޮއިންޓާއެކު އޮތީ ސެވިއްޔާ އެވެ. އެކަމަކު މިރޭ ރެއާލް ވަލަޑޮލިޑް އަތުން މޮޅުވެގެން އެޓީމަށް ތާވަލުގެ އެއްވަނަ މަގާމް ލިބޭނެއެވެ. އިއްޔެގެ މެޗުން ބަލިވި ރެއާލް މެޑްރިޑް އޮތީ 20 ޕޮއިންޓާއެކު ފަސްވަނައިގައެވެ.
މޮޅަކާއެކު ލީގުގެ އެއްވަނަ ހޯދަން ނުކުތް އެތްލެޓިކޯގެ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ޖެހީ އެންޓޮއިން ގްރިޒްމަން ނަގަދިން ކޯނަރަކުން ޖެހީ ޑިއެގޯ ކޮސްޓާ އެވެ. އެތްލެޓިކޯ މެޗުން މޮޅުވާނެ ކަމަށް ބެލެވިފައިވަނިކޮށް ޑެމްބެލޭ މެޗުގެ ފަހު މިނެޓުގައި ލަނޑު ޖެހީ ލިއޮނެލް މެސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. މިއީ މި ސީޒަނުގައި ޑެމްބެލޭ ބާސެލޯނާއަށް ޖަހައިދިން ހަތް ވަނަ ގޯލެވެ. ބާސެލޯނާ ވަނީ ލީގުގައި އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލް ބެޓިސް އަތުން 4-3 އިން ބަލިވެފައެވެ.
ރެއާލް މެޑްރިޑާއި އެއިބާ ބައްދަލުކުރި މެޗުގައި އެޓިމުގެ ލަނޑުތައް ޖެހީ މެޗުގެ 16 ވަނަ މިނެޓާއި 52 އަދި 57 ވަނަ މިނެޓުގައެވެ. ރޭގެ މޮޅަކީ ލީގުގެ ތާރީހުގައި އެއިބާއަށް ރެއާލް އަތުން މޮޅުވެވުނު ފުރަތަމަ މެޗެވެ. އަދި، މިއީ ރެއާލްގެ ކޯޗުކަމާއި ސޮލާރީ ދާއިމީކޮށް ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ މެޗެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ.
Advertisement


Leave a Reply