ބަލިވީ ހުރިހާ ދިމާލަކުންވެސް ޓީމުގަ މައްސަލަތައް ހުރުމުން: ސާރީ

Advertisement

ބަލިވީ ހުރިހާ ދިމާލަކުންވެސް ޓީމުގަ މައްސަލަތައް ހުރުމުން: ސާރީ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މައުރީޒިއޯ ސާރީގެ ކޯޗުކަމުގެ ދަށުގައި ޗެލްސީ ފުރަތަމަ ފަހަރަށް ބަލިވީ މުޅި ޓީމުން ދެއްކި ދަށް ކުޅުމުގެ ސަބަބުން ކަމަށް އޭނާ ބުނެފިއެވެ. ރޭ ޓޮޓެންހަމް ހޮޓްސްޕާސްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން އެޓީމު ބަލިވީ 3-1 އިންނެވެ.

ރޭގެ މެޗުގެ ކުރިން އެއްވެސް މުބާރާތަކުން މުޅި ޔޫރަޕްގައިވެސް ބަލިނުވާ ހަމައެކަނި ޓީމަކަށް އޮތީ ޗެލްސީ އެވެ.

“ވަރަށް ނުތަނަވަސްވެފަ މިހުރީ އެއީ އަހަރެމެން ކުޅުނީ ވަރަށް ދަށްކޮށް. ހުރިހާ ދިމާލަކުންވެސް ޓީމު ފެނުނީ ވަރަށް ދަށްކޮށް. މެންޓަލީ ވެސް ޓެކްނިކަލީ ވެސް ޓެކްޓިކަލީ ވެސް” މެޗަށްފަހު ސާރީ ބުންޏެވެ.

ސާރީ ބުނީ ޗެލްސީގައި މައްސަލަތަކެއް ހުރިކަން އޭނާއަށް އެނގޭކަމަށާއި، ރޭގައި ދެއްކި ކުޅުމުން އެކަން ވަރަށް ސާފުވެއްޖެ ކަމަށެވެ.

“އެންމެ ފަހުން ކުޅުނު ތިނެއް ނޫނީ ހަތަރު މެޗުގައި އަހަރެމެން ފެށީ ވަރަށް ދަށްކޮށް. މެޗުގައި ދެއްކި ކުޅުމުން ޓީމުގައި ހައްލުކުރަންޖެހޭ މައްސަލަތަކެއް ހުރިކަން އެންމެނަށްވެސް ސާފު” މިދިޔަ ސީޒަނަށް ފަހު އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކުރުމުން ޗެލްސީގެ ކޯޗުކަމާއި ހަވާލުވި ސާރީ ބުންޏެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ޓޮޓެންހަމުން މެޗުގައި ލީޑު ނެގީ އަށް ވަނަ މިނެޓުގައެވެ. ކްރިސްޓިއަން އެރިކްސަން ނަގައިދިން ހުރަހަކުން މި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ޑެލެ އަލީ އެވެ. ލަނޑަށް ފަހުވެސް ޓޮޓެންހަމުން ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ހެރީ ކޭންގެ ލަނޑުން އެޓީމުން ލީޑު ފުޅާކުރިއެވެ. އެޓީމުން މެޗުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައި ސައުތް ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. މިއީ އެޓީމަށް އޭނާ ޖަހައިދިން 50 ވަނަ ލަނޑެވެ. ޗެލްސީގެ ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން އޮލިވިއޭ ޖިރޫ އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ޖިރޫ ލީގުގައި ޖެހި 20 ވަނަ ލަނޑެވެ. ޖިރޫ އަށްވުރެ ގިނައިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ލަނޑު ޖަހާފައިވަނީ 24 ލަނޑު ޖަހާފައިވާ ޖެމައިން ޑެފޯ އެވެ.

މެޗަށްފަހު ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިން ދެއްކި ކުޅުމަށްކަމަށެވެ.

“މެޗު މާބޮޑަށް އެނަލައިސް ކުރުމުގެ ބޭނުމެއް ނެތް. ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް އެއީ އެމީހުން ފެނުނީ އާދަޔާ ހިލާފުކޮށް. ސީޒަނުގެ ބާކީ އޮތް ބައިގައި އަހަރެމެންގެ އަމާޒަކީ އެއް ފެންވަރެއްގައި މިގޮތަށް ކުޅުން” ޕޮޗެޓީނޯ ބުންޏެވެ.

ރޭގެ މެޗުން ބަލިވުމުން ޗެލްސީ ވަނީ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. އެއްވަނައިގައި 35 ޕޮއިންޓާއެކު އޮތް ސިޓީ އާއި އެޓީމާއި ދެމެދު ހަތް ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ. މިދިޔަ ސީޒަން ޗެލްސީ ނިންމާލީ ފަސްވަނައިގައެވެ. ރޭގެ މެޗުން މޮޅުވުމުން ޓޮޓެންހަމް ވަނީ 30 ޕޮއިންޓާއެކު ތިންވަނަ އަށް ޖެހިލައިފައެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސިޓީ ވަނީ ރަށުން ބޭރުގައި 4-0 އިން ވެސްޓް ހޭމް ބަލިކޮށްފައެވެ. ސިޓީގެ ހަތަރު ލަނޑުގެ ތެރެއިން ލިރޯއި ސާނޭ ވަނީ ދެ ލަނޑު ޖަހައިފައެވެ. އަނެއް ދެ ލަނޑު ޖެހީ ރަނގަޅު ފޯމެއްގައި ތިބި ރަހީމް ސްޓާލިން އާއި ޑޭވިޑް ސިލްވާ އެވެ. ރޭ ވެޓްފޯޑް ދަނޑުގައި ލިވަޕޫލުވެސް ވަނީ މުހިއްމު މޮޅެއް ހޯދައިފިއެވެ. 3-0 އިން މި މެޗު ލިވަޕޫލް ކާމިޔާބު ކުރިއިރު ލަނޑުތައް ޖަހައިދިނީ މުހައްމަދު ސަލާހާއި އެލެކްޒެންޑާ އާނޯލްޑްގެ އިތުރުން ރޮބާޓޯ ފިރްމީނޯ އެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑް ރޭ ވަނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *