ބޮކާ ޖޫނިއާސްގެ ސަޕޯޓަރުން ޓީމުގެ ޕްރެކްޓިހުގައި ދަނޑު ފުރާލައިފި!
ކޮޕަ ލިބަޓަޑޮރަސްގެ ފައިނަލްގެ ދެވަނަ ލެގަށް ބޮކާ ޖޫނިއާސް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން ބޭއްވި އެ ޓީމްގެ ފަރިތަކުރުންތައް ބަލާލުމަށް ސަޕޯޓަރުން ވަދެ މުޅި ދަނޑު ފުރާލައިފިއެވެ. ވާދަވެރި ރިވާ ޕްލޭޓާ ދެކޮޅަށް ކުޅޭ މި ތާރީހީ މެޗްގެ ކުރިން ސަޕޯޓަރުންނަށް ވަދެވޭ ގޮތަށް ބޭއްވި ފަރިތަކުރުންތައް އޮތީ ގާތްގަނޑަކަށް ބައިލައްކަ މީހުންނަށް ކުޅިބަލަން ވަދެވޭ އާޖެންޓީނާގެ ލަބޮމްބޮނޭރީ ސްޓޭޑިއަމް ގައެވެ. މި ފަރިތަކުރުންތައް ފަށަން ހަމަޖެހިފައި އޮތް ގަޑިއަށްވުރެ މާކުރިން ސަޕޯޓަރުން ތިބީ ދަނޑަށް ވަންނަން ކިއޫ ހަދައިފައެވެ. އޭގެ ތެރެއިން އެތައް ބަޔަކު ދަނޑު ފުރުމުގެ ސަބަބުން އަނބުރާ ދާންވެސް ޖެހުނެވެ. ކްލަބުން ވަނީ އެކަން އެގޮތަށް ދިމާވިކަމަށްޓަކައި ސަޕޯޓަރުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.
ދެކުނު އެމެރިކާގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތުގެ ފައިނަލުގައި އާޖެންޓީނާގެ އެންމެ ވާދަވެރި ދެ ކްލަބްކަމަށްވާ ބޮކާ ޖޫނިއާސް އާ ރިވާ ޕްލޭޓް ބައްދަލުކުރާ މިއީ ފުރަތަމަ ފަހަރެވެ. މިއީ މި މެޗް ދެ ޓީމަށްވެސް ހާއްސަވާ އެއް ސަބަބެވެ. އެހެންވެ މި ތާރީހީ މެޗް ކާމިޔާބުކުރުމަކީ ދެ ޓީމުގެވެސް ވަރަށް ވަރުގަދަ އަމާޒެކެވެ. ބޮކާ ޖޫނިއާސްގެ ސަޕޯޓަރުންގެ ފަރާތުން އެ ފެނުނީ އެ މީހުން އެކަމަށް އެދިއެދި ތިބި މިންވަރު ހާމަކޮށްދޭ ހަމަ އެންމެ މިސާލެކެވެ.
ފުޓްބޯޅައިގައި އިންތިހާއަށް ވާދަވެރި މި ދެ ކްލަބުގެ ކުރިމަތިލުމަށް ސުޕަކްލަސިކޯގެ ނަމުން ނަންދީފައިވާއިރު މިދެޓީމު ބައްދަލުކުރާ މެޗުތަކަކީވެސް އަބަދުވެސް މުޅި ދުނިޔޭގެ ސަމާލުކަމަށް އަންނަ މެޗުތަކެވެ. އާޖެންޓީނާގެ އެންމެ ކާމިޔާބު މި ދެޓީމަކީ ތަށީގެ ގޮތުން ބެލިޔަސް ވަރަށް ވާދަވެރި ދެޓީމެވެ. އާޖެންޓީނާގެ ލީގު ރިވާ ޕްލޭޓް 36 ފަހަރު ކާމިޔާބު ކޮށްފައިވާއިރު ބޮކާ ޖޫނިއާސް އަށް ޗެމްޕިއަންކަން ލިބިފައިވަނީ 34 ފަހަރު އެވެ. އެކަމަކު ދެ ކްލަބުގެ ތާރީހުގައި އެންމެ ގިނައިން ތަށި ހޯދާފައިވަނީ ބޮކާ ޖޫނިއާސް އެވެ. އެޓީމުން 67 ތަށި ކާމިޔާބު ކޮށްފައިވާއިރު ރިވާ ޕްލޭޓަށް ލިބިފައިވަނީ 63 ތައްޓެވެ.
Morning. A reminder that so many people wanted to watch Boca Juniors train yesterday that they exceeded their capacity and the city council has now shut the stadium down as punishment. pic.twitter.com/or1W10Ta3R
— Rory Smith (@RorySmith) November 23, 2018
ކޮޕަ ލިބަޓަޑޮރަސް ގައި ބޮކާ ޖޫނިއާސް ވަނީ 10 ފަހަރު ފައިނަލުގައި ކުޅެ ހަ ފަހަރު ތަށި ކާމިޔާބު ކޮށްފައެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ހަތް ފަހަރު ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ އިންޑިޕެންޑިއެންޓެވެ. މާދަމާރޭގެ މެޗު ކާމިޔާބު ކޮށްގެން ބޮކާ ޖޫނިއާސްއަށް މުބާރާތުގައި އެންމެ ކާމިޔާބު ޓީމާއި އަރައި ހަމަކުރެވޭނެއެވެ. އެކަމަކު މި މުބާރާތުގެ ޗެމްޕިއަންކަން 2007 ވަނަ އަހަރުގެ ފަހުން އެޓީމަށް ލިބިފައެއް ނުވެއެވެ. ކޮޕަ ލިބަޓަޑޮރަސް ރިވާ ޕްލޭޓް ވަނީ ފަސް ފަހަރު ފައިނަލުގައި ކުޅެ ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. އެންމެ ފަހުން އެޓީމަށް ތަށި ލިބުނީ 2015 ވަނަ އަހަރުއެވެ. އޭގެ ކުރިން އެޓީމު މި މުބާރާތް ކާމިޔާބު ކުރީ 1986 ވަނަ އަހަރާއި 1996 ވަނަ އަހަރު އެވެ.
މި މަހުގެ 11 ވަނަ ދުވަހު ބޮކާ ޖޫނިއާސްގެ ދަނޑުގައި ކުޅުނު ކޮޕަ ލިބަޓެޑޮރަސްގެ ފައިނަލްގެ ފުރަތަމަ ލެގް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއާއެކު ދެވަނަ ލެގަށް މި ދެޓީމް ނުކުންނައިރު ރަށުން ބޭރުގައި ޖެހި ދެ ގޯލާއެކު އެޑްވާންޓޭޖް އޮތީ ރިވާ ޕްލޭޓަށެވެ. މާދަމާރޭ ރިވާ ޕްލޭޓް ގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅޭ ދެވަނަ ލެގްގެ މެޗް 0-0 އިން ނުވަތަ 1-1 އިން އެއްވަރުވިއަސް ތަށި ލިބޭނީ ރިވާ ޕްލޭޓަށެވެ. މިމެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރު އެވެ.
Advertisement
Leave a Reply