ނައިފަރުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ

ޅ. ނައިފަރުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް “އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް 2018” މިއަދު ހަވީރު ފަށާނެ އެވެ. ހަތް ޓީމު ބައިވެރިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އެކެއްގައި ހިމެނެނީ ބަޒޫކާ އާއި އެކްސިސް އަދި ސޮކާ ސްޓާ އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ އެޕެކްސް، ޑޮޓް ކޮމް، ޖީޖީ ޓީމް އަދި ޗެލްސީ އެފްސީ އެވެ. މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ނައިފަރު ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ބަޒޫކާ އާއި އެކްސިސް އެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ދެޓީމެއް ސެމީ ފައިނަލަށް ހޮވޭނެއެވެ. ސެމީ ފައިނަލުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިނެއް އަދި ހަތަރު ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ބަޒޫކާ އެވެ. އެޓީމަކީ ހުރިހާ މުބާރާތެއްގައި ކުޅެފައިވާ ހަމައެކަނި ޓީމެވެ. 2013 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޑޮޓް ކޮމް އެވެ.

އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗް ޝެޑިއުލް
މިއީ މި މުބާރާތް ބާއްވާ 19 ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތް މި ބާއްވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން މި މުބާރާތް 2013 ވަނަ އަހަރު ބޭއްވުމަށްފަހު މެދުކަނޑާލީ އެރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދާނީ އެރަށުގައި ތަރައްގީކޮށްފައިވާ ހިތްގައިމު ޓާފް ދަނޑުގައެވެ. މިއީ އަލަށް އެޅި ދަނޑުގައި މި މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އެކަމަކު މި ދަނޑުގައި މިއަހަރު ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ތިނެއްގެ މެޗުތައް ކުޅެފައެވެ.
ކުޅިވަރާއި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ނައިފަރުގައި ހިންގާ އީކޯ ޔޫތް ޖަމިއްޔާއިން ކުރިއަށްގެންދާ މި މުބާރާތަކީ އެރަށު ފުޓްބޯޅައިގެ ޒުވާނުންނަށް ފުރުސަތުދީ ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.
Advertisement


Leave a Reply