ވެންގާ އާސެނަލް ދޫކޮށްލިއިރު އޮތީ ސުމަކުން ފަށަން ޖެހިފަ: އެމެރީ
އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގާ މިދިޔަ ސީޒަނަށްފަހު ކްލަބް ދޫކޮށްލިއިރު ކްލަބް އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި ކްލަބާ ހަވާލުވިއިރު އޮތީ ވަރަށް ގިނަ ކަންކަން ބަދަލުކުރަން ޖެހިފައި ކަމަށް އާސެނަލްގެ މިހާރުގެ ކޯޗް އުނާއި އެމެރީ ބުނެފިއެވެ.
ވެންގާ އާސެނަލްގައި ހޭދަކުރި 22 އަހަރުގެ ތެރެއިން އެންމެ ފަހު ދެ ސީޒަން ނިންމާލަން ޖެހުނީ އިގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއެވެ. އެއީ ވެންގާ ގެ ކޯޗް ކަމުގެ ދަށުގައި އާސެނަލް އޭގެ ކުރިން ތަޖްރިބާ ކޮށްފައި ނުވާ ކަމެކެވެ. އެމެރީ ގަބޫލުކުރާ ގޮތުގައި އޭގެ މައިގަނޑު ސަބަބަކީ ޓީމުގެ ދިފާއީ އޮނިގަނޑު ބަލިކަށިވުމެވެ.
“އަހަރެންނަށް އޭނާ (ވެންގާ) އާ ބައްދަލުވީ އެއްފަހަރު. އަހަރެން އޭނައަށް އިހްތިރާމްކުރަން. އެކަމަކު ކިތަންމެ ގިނަ މައުލޫމާތެއް އޭނަ އަހަރެންނަށް ދިން ނަމަވެސް އަހަރެންނަށް ގިނަ ކަންތައްތަކެއް ބަދަލުކުރަންޖެހުނު. އަހަރެން ކުޅުންތެރިން ގާތު ބުނިން އަހަރެމެން ފަށަންޖެހޭނީ ސުމަކުން ކަމަށް. މިހާރުވެސް، އަހަރެމެންނަށް ބުނަން ޖެހެނީ އަދިވެސް ހަމަ މިއުޅެނީ ފަށައިގަތުމުގައޭ” ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެމެރީ ބުނެފައިވެއެވެ.
އެމެރީ ގަބޫލުކުރާ ގޮތުގައި ވަރަށް މުހިއްމު އެއްކަމެއް އާސެނަލްގައި ވެންގާގެ ހޭދަކުރި އެންމެ ފަހު ދުވަސްކޮޅު ވަނީ ދޫކޮށްލެވިފައެވެ. “ވެންގާ ކްލަބާއި ހަވާލުވުމުގެ ކުރިން އާސެނަލްގެ ކާމިޔާބީ ބިނާވެފައި އޮތީ ޓިމްގެ ޑިފެންސްގެ ވަރުގަދަކަމުގެ މައްޗަށް. އެއަށްފަހު އާސެން އައުމާއެކު އުފަލަކަށްވީ ޓީމްގެ އެޓޭކް. މޮޅު ކުޅުންތެރިންނާއެކު ރަގަޅު ކޮންބިނޭޝަނެއް ޓީމުގައި ހިމެނި. އިންވިންސިބަލް އަކީ އޭގެ ނަތީޖާ. ” 2004 ވަނަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ އާސެނަލް ޕްރިމިއާ ލީގް ކާމިޔާބުކުރި ކުރުމަށް އިޝާރަތްކުރަމުން އެމެރީ ބުނެފައިވެއެވެ.
“އެކަމަކު ދުވަސްތައް ވޭތުވަމުންދިޔަ ވަރަކަށް ބޮޑަށް ސަމާލުކަން ދެވެމުން އައީ ޓެކްނިކަލް ކޮލިޓީއާއި، އޮފެންސިވް ފްރީޑަމް އަށް. އެއާއެކު ޓީމްގެ ދިފާއީ އޮނިގަނޑު ހީނަރުވާން ފެށީ. އަހަރެންގެ ބޭނުންވަނީ އެ ދެބައި ގުޅުވައި އެއް ފެންވަރެއްގައި ހިފެހެއްޓުން. އަސްލު ޓީމް އޮތީ ވަރަށް ދަށަށްދާން ފަށާފައި. އަހަރެމެންނަށް މިއޮތީ އެކަން ހުއްޓުވައި އެކަމުން އަރައިގަންނަން ޖެހިފަ” އެމެރީ ބުނެފައިވެއެވެ.
އާސެނަލް ޕްރިމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު ބޯންމައުތާ ދެކޮޅަށް ނުކުންނައިރު އެޓީމުން ވަނީ ހުރިހާ މުބާރާތެއް ހިމެނޭގޮތުން ބަލިނުވެ ޖެހިޖެހިގެން ސޯޅަ މެޗް ހަމަކޮށްފައެވެ.
“ޕްރިމިއަރ ލީގަކީ އަހަރެމެން އެންމެ އިސްކަންދޭ މުބާރާތް. އަހަރެމެންގެ އަމާޒަކީ ގަދަ ހަތެރެއްގައި ހިމެނުން” އާސެނަލްގެ ވެބްސައިޓްގައި އެމެރީ ބުނިކަމަށް ލިޔެފައިވެއެވެ.
“ކްލަބުން ބޭނުންވަނީ އަލުން ޗެމްޕިއަންސް ލީގުގައި ކުޅެން. އެކަން ހާސިލްކުރަން މިއޮތީ ދެ ފުރުސަތެއް. އެއް ފުރުސަތަކީ ޕްރިމިއަރ ލީގް. ދެން އޮތީ ޔޫރޮޕާ ލީގް” މި ވަގުތު ޕްރިމިއަރ ލީގްގެ ފަސް ވަނައިގައި އޮތް އާސެނަލްގެ ކޯޗް އެމެރީ ބުނެފައިވެއެވެ.
Advertisement
Leave a Reply