ގްރީން ސްޓްރީޓްސް އަތުން ނިއު ބޮޑު ތަފާތަކުން ބަލިވެއްޖެ
މިދިޔަ ސީޒަނުގައި ދިރާގު ދިވެހި ޕްރިމިއަރ ލީގު ކާމިޔާބު ކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗު 5-1 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ. މިއީ މި ސީޒަނުގައި ނިއު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މިރޭގެ މެޗުގެ ނަތީޖާއަކުން ތާވަލަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު 23 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް ވަނީ 27 ޕޮއިންޓާއެކު ހަތަރު ވަނައިގައި ނިއު އާއި ހަތަރު ޕޮއިންޓް ކައިރިއަށް ޖެހިލައިފައެވެ. ސީޒަނުގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެމެޗު އޮތްއިރު އެއްވަނައިގައި ޓީސީ ސްޕޯޓްސް ކްލަބް އޮތީ 39 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މާޒިޔާ އޮތީ 34 ޕޮއިންޓާއެކުއެވެ. ޓީސީ ލީގު ހޯދުމާއި ގާތަށް ޖެހިލާފައިވާއިރު އެޓީމާ ވާދަކުރަން އޮތް ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެހެން ހުރިހާ ޓީމަކަށްވެސް ވަނީ ގެއްލިފައެވެ.
މިރޭގެ މެޗުގައި އެއްވެސް ފޯރިއެއް ނެތްއިރު ލީގުގައި މި ދެޓީމަށް ހޯދޭނެ ކާމިޔާބީއެއް ނެތެވެ. ލީގުގައި ދެވަނަ މަގާމުގެ ވާދަވެރިކަން މީގެ ދުވަސްކޮޅެއް ކުރިން ބޮޑުވިނަމަވެސް، އަންނަ އަހަރު ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލުމުން މިހާރު އެވާދަވެރިކަމެއްވެސް ނުފެނެއެވެ. މިފަހަރުގެ އެފްއޭކަޕް ކެންސަލް ކުރުމުން ލީގުގެ ދެވަނަ ހޯދާ ޓީމަށް އޭއެފްސީ ކަޕްގެ ޕްލޭއޮފް ޖާގައެއް ކުރިން އޮތީ ލިބޭގޮތަށެވެ. އެކަމަކު ކްލަބްތަކުން ހުށަހަޅަންޖެހޭ ލިޔެކިއުންތައް އޭއެފްސީ އަށް ލިބިފައިނުވާތީ ރާއްޖޭގެ އެއްވެސް ކްލަބަކަށް އަންނަ އަހަރު ކުޅޭ އޭއެފްސީ ކަޕުން ފުރުސަތެއް ނެތެވެ. މީގެ އިތުރުން މިއަހަރުގެ ގައުމީ މުބާރާތްވެސް ކެންސަލް ކޮށްފައިވާތީ ގިނަ ޓީމުތަކުން މިހާރު ކުޅެމުންދަނީ ލީގުގެ ބާކީ މެޗުތައް ހަމަކޮށްލުމުގެ ގޮތުންނެވެ.
މިރޭގެ މެޗުގައި ގްރީން ސްޓްރީޓްސް އިން ޖެހި ފަސްލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ރޮލޭންޑް ރަސެލް އެވެ. މެޗު ފެށިގެން 27 ވަނަ މިނެޓުގައި ރަސެލް ފުރަތަމަ ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ އަލީ ނަސޫހު ރަޝީދު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ނަސޫހު ދިންބޯޅަ އޭރިޔާތެރޭގައި ހުރި ރަސެލް އަށް ލިބުމުން އޭނާ ފޮނުވާލީ އެއްފަހަރުންނެވެ. އޭގެ ދެމިނެޓު ފަހުން ނިއުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ސެންޓޭއަށް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކުން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން ސްޓްރީޓްސް އަށް ލީޑު ނަގައިދިނީ އާދަމް އިމްރާން އެވެ. އިމްރާން މި ލަނޑު ޖެހީ މެޗުގެ 41 ވަނަ މިނެޓުގައެވެ.
ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ރަސެލް ވަނީ ގްރީންގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގައި ރަސެލް ހެޓްރިކް ފުރިހަމަ ކުރީ 80 ވަނަ މިނެޓުގައެވެ. އަދި މެޗުގެ 89 ވަނަ މިނެޓުގައި ސަމްދޫހު މުހައްމަދު ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރަސެލް ގްރީން ސްޓްރީޓްސް ގެ ފަސްވަނަ ލަނޑު ޖެހިއެވެ. ދެވަނަ ހާފުގައި ނިއުގެ ސެންޓޭ އާއި މުހައްމަދު އުމެއިރަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސް ގެ ރަސެލް އެވެ.
ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ އާދީއްތަ އަދި ހޯމަ ދުވަހު އެވެ. އާދީއްތަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ އެވެ. މިމެޗުގެ އެއްވަރު ކޮށްލައިގެންވެސް ޓީސީއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވާނެއެވެ. އެރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް ވާދަކުރާނެއެވެ. ހޯމަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ށ. ފޯކައިދޫ ވާދަކުރާއިރު އެރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫ ވާދަކުރާނެއެވެ.
Advertisement
Leave a Reply