ދަގަނޑޭގެ ލަނޑުތަކުން ނިލަންދޫ ބަލިކޮށް ޓީސީ ލީގު ހޯދުމާ ގާތަށް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަގަނޑޭގެ ހަތަރު ގޯލާއެކު ޓީސީ ސްޕޯޓްސް ކްލަބުން 7-0 އިން ފ. ނިލަންދޫ ބަލިކޮށްފިއެވެ. މިއަދުގެ މެޗުގައި ދަގަނޑޭ ޖެހި ހަތަރު ގޯލާއެކު މި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް 40 ގޯލު ޖަހައިފައެވެ.
މި މޮޅާއެކު އެއްވަނައިގައި ޓީސީ އޮތީ 39 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ލީގުގައި އަންނަ އާދިއްތަ ދުވަހު މާޒިޔާއާ ވާދަކުރާ މެޗުން ބަލި ނުވެއްޖެނަމަ ޓީސީއަށް ލީގު ޗެމްޕިއަންކަން ޔަގީންވާނެއެވެ. އެމެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ ލީގު ކަށަވަރު ކުރަން ފަހު މެޗުގައި ކްލަބް އީގަލްސް އަތުން މޮޅެއް ހޯދަން ޓީސީ އަށް މަޖުބޫރު ވާނެއެވެ.
މިއަދުގެ މެޗުގައި ޓީސީގެ ބިދޭސީ ޑިފެންޑަރ އަލާ ނާސިރުގެ ބަދަލުގައި ފަހަތަށް ކުޅުނީ އާއްމުކޮށް މެދުތެރެއިން ފެންނަ މުހައްމަދު އައްޒާމެވެ. ލީގުގައި އެންމެފަހުން ށ. ފޯކައިދުއާއި ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި އިން އިބްރާހީމް ވަހީދު ހަސަން (އިއްބެ) ވަނީ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅެފައެވެ.
މެޗުގެ ފުރަތަމަ ހަމަލާ ހަވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ފޮނުވާލީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ދަގަނޑޭ ފޮނުވާލި ބޯޅަ ނިލަންދޫގެ ކީޕަރު އަލީ ސޮބާހު އަތުގައި ޖެހިފައި ނުކުތް ބޯޅަ ދެވަނަ ފަހަރަށް މުހައްމަދު އައްޒާމް ފޮނުވާލުމުންވެސް ސޮބާހު ވަނީ އެބޯޅަ މަތަކޮށްފައެވެ. އެއަށްފަހު 20 ވަނަ މިނެޓުގައި ދަގަނޑޭއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީ އޭރިޔާތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލުމުން ލަސްކުރުމުންނެވެ. އޭގެ ދެމިނެޓު ފަހުން އޭރިޔާ ބޭރުން އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.
ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ޖެހީ އައްޒާމް އަބްދުﷲ އެވެ. ޑިފެންޑަރ އަހުމަދު ފައްރާހް ނަގައިދިން ބޯޅަ އައްޒާމް ގޯލުގެ ތެރެއަށް ފޮނުވާލީ އެއްފަހަރުންނެވެ. ޓީސީގެ ގޯލަށްފަހު ނިލަންދޫގެ ލޫކަސް އަށް ވަނީ ލަނޑު ޖަހާނެ މުޅިން ހުސް ފުރުސަތެއް ލިބިފައެވެ. މުހައްމަދު އައްޒާމް އަތުން ގެއްލުނު ބޯޅަ ލޫކަސް އަށް ލިބުނުއިރު ހުރީ ޓީސީގެ ނޭޕާލް ކީޕަރު ކިރަން ކުމާރު އެކަންޏެވެ. ލޫކަސް އެބޯޅަ ގޯލަށް ފޮނުވާލުން މާބޮޑަށް ލަސްކުރުމުން ކީޕަރު ކިރަން އެބޯޅަ މަތަކުރިއެވެ.
ޓީސީގެ ފޭދޫ އިއްބެ މެޗުގެ 28 ވަނަ މިނެޓުގައި ނިލަންދޫގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބާރު ބޯޅަ ނިލަންދޫގެ ކީޕަރު ސޮބާހު މަތަކުރިއެވެ. މެޗުގެ 30 ވަނަ މިނެޓުގައި ޓީސީގެ ދެވަނަ ލަނޑު ޖެހީ މުހައްމަދު ސާމިރު ނަގައިދިން ކޯނަރަކުން ދަގަނޑޭ އެވެ. ދަގަނޑޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. ދަގަނޑޭގެ ލަނޑަށްފަހު 32 ވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) ފޮނުވާލި ހަމަލާ ދިޔައީ ކީޕަރު ސޮބާހުގެ އަތަށެވެ. އެކަމަކު އޭގެ މިނެޓެއްފަހުން ސައްޓު ވަނީ ޓީސީގެ ތިންވަނަ ލަނޑު ޖަހައިފައެވެ. ދަގަނޑޭ ފޮނުވާލި ހަމަލާ ކީޕަރު ސޮބާހު އަތުގައި ޖެހިފައި ނުކުތް ވަގުތު ސައްޓުއަށް ލިބުމުން އެއްފަހަރުން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ދަގަނޑޭ ނިލަންދޫގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ތިރިތިރިން ދިޔައީ ބޭރަށެވެ. ޓީސީގެ ހަތަރު ވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ޖެހީ ދަގަނޑޭ އެވެ. ބަދަލު ކުޅުންތެރިޔާ ނަޝާހު އަހުމަދު އަށް ލިބުނު ބޯޅައަށް ކީޕަރު އެރިވަގުތު އޭނާ ދަގަނޑޭއަށް ޖައްސާލުމުން އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. އޭގެ ދެމިނެޓު ފަހުން ޓީސީގެ ފަސްވަނަ ލަނޑު ޖެހީ ފޭދޫ އިއްބެ އެވެ. ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ނިލަންދޫގެ ކުޅުންތެރިން ވިސްނައިގެން ތިބީ ޓީސީގެ އެހެން ކުޅުންތެރިއަކަށް ދޭނެކަމަށެވެ. އެކަމަކު ކީޕަރު ބޯޅައަށް އެރިވަގުތު ފޭދޫ އިއްބެ އެބޯޅަ ފޮނުވާލީ ގޯލުގެތެރެއަށެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ނިލަންދޫގެ ލޫކަސް ފޮނުވާލި ހަމަލާ ކީޕަރު ކިރަން މަތަކުރިއެވެ. މެޗުގައި ޓީސީގެ ހަވަނަ ލަނޑާއި ހަތްވަނަ ލަނޑުވެސް ޖެހީ ދަގަނޑޭ އެވެ. 77 ވަނަ މިނެޓުގައި ދަގަނޑޭ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ އަހުމަދު އާރިފް ދިން ބޯޅައެއް ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ދެމިނެޓު ފަހުން ޓީސީގެ ހަތްވަނަ ލަނޑު ދަގަނޑޭ ޖެހީ ފައްރާހުގެ ބަދަލުގައި ކުޅެން އެރި މުހައްމަދު މާޒިން ނަގައިދިން ބޯޅައެއް ގޯލުގެ ތެރެއަށް ފަސޭހަ ކަމާއެކު ފޮނުވާލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ހަތަރު ލަނޑު ޖެހި ދަގަނޑޭއަށެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
Advertisement


Leave a Reply