ޕްރިމިއާ ލީގުން އަހަންނަށް ކުރިއެރުން ލިބިއްޖެ: ގާޑިއޯލާ
އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވިފަހުން ކޯޗެއްގެ ގޮތުގައި ވަރަށް ބޮޑަށް ކުރިއެރުން ލިބިފައިވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ ސިޓީގެ ކޯޗުކަމާއި ހަވާލުވީ ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު 2016 ވަނަ އަހަރުއެވެ. ބާސެލޯނާގައި ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދިއިރު ދެފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއެވެ. ޖަރުމަނުގައި ހޭދަކުރި ތިން ސީޒަނުގައި ބަޔާނަށް ގާޑިއޯލާ ލީގު ކާމިޔާބު ކޮށްދިނެވެ.
ސިޓީގެ ކޯޗުކަމުގައި ތިންވަނަ އަހަރު ގުނަމުންދާއިރު އުމުރުން 47 އަހަރުގެ ގާޑިއޯލާ ވަނީ މިދިޔަ ސިޒަނުގައި 100 ޕޮއިންޓް ހަމަކުރި ފުރަތަމަ ޓީމުގެ ޝަރަފާއެކު ޕްރިމިއަރ ލީގު ސިޓީއަށް ކާމިޔާބު ކޮށްދީފައެވެ. މިދިޔަ ސީޒަނުގައި ސިޓީން ލީގު ހޯދިއިރު ވަނީ އެތައް ރެކޯޑެއް މުގުރާލައިފައެވެ. ދެވަނައިގައި ސީޒަން ނިންމާލި މެންޗެސްޓަރ ޔުނައިޓެޑާއި ސިޓީއާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އޮތްއިރު ލީގުގައި އެޓީމު ޖެހި 106 ގޯލަކީވެސް ރެކޯޑް އަދަދެކެވެ. އަދި ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން އެޓީމު ވަނީ 32 މެޗުން މޮޅުވެފައެވެ.
ގާޑިއޯލާ ބުނީ ގިނަ ތަށިތަކެއް ހޯދި ކޯޗެއްގެ ގޮތުގައި ސިޓީއާއި ހަވާލުވި ނަމަވެސް، އިންގްލެންޑުގައި ހޭދަކުރި ދުވަސްތަކުގައި އޭނާއަށް މާބޮޑަށް ކުރިއެރުން ލިބިފައިވާކަމަށެވެ.
“އަހަރެންނަށް ޖަރުމަނުގައި ހޭދަކުރި ދުވަސްތަކަށްވުރެ މިހާރު ކުރިއެރުން ލިބިއްޖެ. އަދި ބާސެލޯނާގައި ހޭދަކުރި މުއްދަތަށް ވުރެވެސް ކޯޗެއްގެ ގޮތުގައި ކުރިއެރުން ލިބިއްޖެ. މިތަނުގައި ހުރުމަކީވެސް ކުރިއެރުމެއް” ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ވަރުގަދަ ޕްރިމިއާ ލީގުގައި ކުރިމަތިވާ އެކި ހާލަތްތަކުގައިވެސް އޭނާއަށް ލީގުގައި ހިފަހައްޓާލެވުމަކީ ކުރިއެރުން ލިބުނު ކަމަށް ގަބޫލުކުރާ ސަބަބުކަމަށެވެ. އެހެން ގައުމުތަކުގެ ލީގާއި އަޅާބަލާއިރު ޕްރިމިއާ ލީގަކީ އެންމެ ވަރުގަދަ އަދި އެންމެ އުނދަގޫ ލީގު ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.
“މިއީ އެންމެ އުނދަގޫ ލީގު. މެޗުތަކުގެ އަދަދަށާއި މޫސުމާއި ރެފްރީންގެ ބަސްތަކާއި އަދި ވަރަށް ބައިވަރު ވާދަވެރިންވެސް އެބަތިބި. ލީގު ހޯދޭނެ ފަހެއް ނޫނީ ހަ ޓީމު އޮންނަ ހަމައެކަނި ގައުމަކީ މިއީ” ގާޑިއޯލާ ބުންޏެވެ.
ހަފްތާއެއްގެ މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު އަލުން ފަށާއިރު ލީގުގެ އެއްވަނައިގައި 32 ޕޮއިންޓާއެކު އޮތީ ސިޓީ އެވެ. ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ލިވަޕޫލް އޮތްއިރު ތިންވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. ހޮނިހިރު ދުވަހު ލީގުގައި ކުޅޭ މެޗުގައި ސިޓީ ނުކުންނާނީ ވެސްޓް ހޭމް އާއި ދެކޮޅަށެވެ. ލީގުގެ އެއްވަނައިގައި މިވަގުތު އޮތްއިރު ޗެމްޕިއަންސް ލީގުގައި އެޓީމު ހިމެނޭ ގްރޫޕުގައިވެސް ސިޓީ އޮތީ އެއްވަނައިގައެވެ.
Advertisement
Leave a Reply