އިންވިޓޭޝަނަލް މުބާރާތަކަށް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ސިންގަޕޫރަށް
ސިންގަޕޫރުގެ ފުޓުބޯޅަ އެސޯސިއޭޝަނުން މިމަހުގެ 23 އަދި 25 ވަނަ ދުވަހު ބާއްވާ އެފްއޭއެސް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރެންގިޔުލާ މުބާރާތުގައި ބައިވެރިވާ ދިވެހި އަންހެން ގައުމީ ޓީމު ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރައިފިއެވެ.
ހަތަރު ގައުމެއްގެ ދެމެދުގައި ކުޅެވޭ މި އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރާ ދިވެހި އަންހެން ގައުމީ ފުޓުބޯޅަ ޓީމު ވަނީ އެންމެ ފަހުން ފަލަސްތީނުގައި ކުޅެވުނު 2020ގެ އޮލިމްޕިކް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ކުޅެ، ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ.
މިއަހަރުގެ އޮގަސްޓް މަހު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމު ކުޅުނު ތިން މެޗު ލަނޑެއް ނުޖެހި ނިންމާލިއިރު ބައިކޮޅަށް 21 ގޯލު ވަދެފައި ވެއެވެ. އެހެންނަމަވެސް އޮލިމްޕިކް ކޮލިފައިންގައި ނިސްބަތުން އުނދަގޫ ގުރޫޕެއްގައި އޮވެ، ރާއްޖޭގެ ޓީމުން ވަނީ ދެ ގޯލު ޖަހާ، ކޮޅަށް ވަން ގޯލުގެ އަދަދު 11 އަށް މަދުކޮށްފައެވެ.
އެފްއޭއެސް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރެންގިޔުލާ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސިންގަޕޫރާއި އިންޑޮނޭޝިއާ އަދި ލަކްޒެމްބާގެވެ. ދުނިޔޭގެ ރޭންކިންގައި ދިވެހިރާއްޖެ 126 ވަނައިގައި އޮތްއިރު ލަކްޒެމްބާގް އޮތީ 109 ވަނައިގައެވެ. ސިންގަޕޫރު 107 ވަނައިގައި އޮތްއިރު އިންޑޮނޭޝިއާ އޮތީ 79 ވަނައިގައެވެ.
މިމުބާރާތުގައި މުޅިއަކު ހަތަރު މެޗު ކުޅެވިގެންދާއިރު ރާއްޖެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަންނަ ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށެވެ. އަދި ހަމަ އެދުވަހު އިންޑޮނޭޝިއާއާއި ލަކްޒެމްބާގް ބައްދަލުކުރާއިރު މޮޅުވާ ދެޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ. ބަލިވާ ދެޓީމު ބައްދަލުކުރާނީ ތިންވަނަ ހޮވާ މެޗުގައެވެ.
އެފްއޭއެސް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރެންގިޔުލާ 2018 މުބާރާތުގެ ޝެޑިއުލް:
މެޗް 1: 23 ނޮވެމްބަރ 14:00 – އިންޑޮނޭޝިއާ / ލްކްޒެމްބާގް
މެޗް 2: 23 ނޮވެމްބަރ 17:00 – ސިންގަޕޫރު / ދިވެހިރާއްޖެ
ތިންްވަނަ ހޮވާ މެޗް: 25 ނޮވެމްބަރ 11:00 – މެޗް 1 އިން ބަލިވި / މެޗް 2 އިން ބަލިވި
ފައިނަލް މެޗް: 25 ނޮވެމްބަރ 14:00 – މެޗް 1 އިން މޮޅުވި / މެޗް 2 އިން މޮޅުވި
Advertisement
Leave a Reply