ކުޅިވަރު އެސޯސިއޭޝަންތަކަށް ބޭނުންވާ ފައިސާ ދިނުމަށް ފާސްކޮށްފި

Advertisement

ކުޅިވަރު އެސޯސިއޭޝަންތަކަށް ބޭނުންވާ ފައިސާ ދިނުމަށް ފާސްކޮށްފި

ޢަލީ ޝަހީމް
ދުޅަހެޔޮ ހަށިހެޔޮ އީދާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން. ފޮޓޯ: ވަންއޮންލައިން

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަންވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ހަމަޖައްސަން ސްޕޯޓްސް ކައުންސިލުން މިއަދު ނިންމައިފިއެވެ.

އެސޯސިއޭޝަންތަކަށް ބަޖެޓް ހަމަޖެހުނުކަން ހާމަކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފެވެ.

Advertisement

“ހުރިހާ ކުޅިވަރު އެސޯސިއޭޝަން ތަކަކަށް އަހަރަކު މަދުވެގެން 500،000 ރުފިޔާ ގެ ބަޖެޓެއް ދެއްވުމަށް ބަޖެޓްކޮށް އަދި ރައީސްގެ އެދިވަޑައިގަތުމާއި އެއްގޮތަށް ސްޕޯޓްސް ކައުންސިލުން މިއަދު ވަނީ ފާސްކޮށްފަ” މަހްލޫފް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް މަދުވެގެން ދޭނެ އަދަދެއް ކަނޑައަޅައިފައެއް ނުވެއެވެ. އެހެންވެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކަށް އަހަރަކު ލައްކައެއް ނުވަތަ ދެލައްކަވެސް ވަނީ ލިބިފައެވެ. މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމުން އެންމެ ބޮޑަށް ފައިދާވާނީ ކުދި އެސޯސިއޭޝަންތަކަށެވެ. އެކަމަކު ރާއްޖޭގެ ގައުމީ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކަށް މިހާރުވެސް މި އަދަދާއި އެއްވަރުގެ ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އަހަރެއްގެ މައްޗަށް ލިބެއެވެ.

ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭ  ކުރަން ނިންމެވި ކަންތައްތަކުގެ ތެރޭގައި ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 500،000ރ ގެ ބަޖެޓެއް ހަމަޖެއްސުމުގެ އިތުރުން މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދުމާއި އަންހެން އަދި ފިރިހެން ގައުމީ ޓީމަށްދެވޭ އެލަވަންސްގައި ހުރި ފަރަގާއި ގައުމީ ޓީމުތަކަށް ދެވޭ އެލަވަންސްގެ ފަރަގު ނައްތާލުމާއި، މޫދު ކުޅިވަރުގެ ކޮންވެންޝަން ބޭއްވުމާއި، ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބާއްވަން ފެށުން އަދި އޮލިމްޕިކް ސައިޒް ސްވިމިންގް ޕޫލް ކޮމްޕްލެކްސް މާލެ ސަރަހައްދުގައި ހަދަން ފެށުމާއި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސުން ހިމެނެއެވެ.

ސަރުކާރާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އެންމެ ފުރަތަމަވެސް ވަނީ ކުޅިވަރުގެ އާއިލާއާއި އެކު ދުޅަހެޔޮ ހަށިހެޔޮ އީދުގެ ނަމުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ކުޅިވަރުގެ މި ބޮޑު ހަރަކާތުގައި ގިނަ އަދަދެއްގެ އެތްލީޓުންނާއި އާއްމުން ވަނީ ބައިވެރިވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *