ޕޮލެންޑާއި ޕޯޗުގަލް އެއްވަރުވުމުން ހުރިހާ ގެއްލުމެއް ޖަރުމަނަށް

Advertisement

ޕޮލެންޑާއި ޕޯޗުގަލް އެއްވަރުވުމުން ހުރިހާ ގެއްލުމެއް ޖަރުމަނަށް

ޢަލީ ޝަހީމް
ޕޮލެންޑްގެ މިލިކް މެޗުގައި އެއްވަރުކުރި ލަނޑު ޖަހަނީ. އެއްވަރުވުމުން ޕޮލެންޑް ވަނީ ޔޫރޯ ކޮލިފައިންގެ ޕޮޓް އެކަކަށް ކޮލިފައިވެފަ

ޔޫއެފާ ނޭޝަންސް ލީގުގައި އެއްވަނަ ކެޓަގެރީގެ ގްރޫޕް ތިނެއްގައި ރޭ ޕޮލެންޑާއި ޕޯޗުގަލް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން 2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގެ ޕޮޓް ދެއަކަށް ޖަރުމަނު ވެއްޓިއްޖެއެވެ. ޖަރުމަނު ޕޮޓް ދެއަކަށް ވެއްޓުނީ ރޭ ޕޮލެންޑަށް ލިބުނު ޕޮއިންޓާއެކު ނޭޝަންސް ލީގުގައި އެޓީމުގެ ނަތީޖާތައް ޖަރުމަނަށްވުރެ ރަނގަޅު ވުމުންނެވެ.

ގްރޫޕުގެ ފުލަށް ދިއުމުން 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އޮންނަ ނޭޝަންސް ލީގުގައި މި ދެޓީމުވެސް ކުޅޭނީ ކެޓަގެރީ ބީ ގައެވެ. ދެޓީމު ރެލިގޭޓްވި ނަމަވެސް ނަތީޖާ ރަނގަޅު ޓީމަކަށް ޔޫރޯ ކޮލިފައިންގެ ޕޮޓް އެކަކުން ފުރުސަތު ލިބޭގޮތަށް އޮތީ ފަހިވެފައެވެ. އެހެންކަމުން ރޭ ޕޯޗުގަލްގައި ކުޅުނު މެޗުން ޕޮއިންޓެއް ހޯދައި ކޮލިފައިންގެ ޕޮޓް އެކެއްގެ ޖާގައެއް ކަށަވަރު ކުރުމަށް ޕޮލެންޑަށް އޮތީ މަޖުބޫރުވެފައެވެ. ނޭޝަންސް ލީގުގެ ގްރޫޕް އެކަކުން ޖަރުމަނު ފުލަށް ދިޔައީ ދެ ޕޮއިންޓާއި ގެއްލުން ހަތަރު ގޯލާއެކުއެވެ. ގްރޫޕް ތިނަކުން ފުލަށްދިޔަ ޕޮލެންޑަށްވެސް ލިބުނީ ދެ ޕޮއިންޓެވެ. އެކަމަކު އެޓީމު ޔޫރޯ ކޮލިފައިންގެ ޕޮޓް އެކަކަށް ކޮލިފައިވީ ޖަރުމަނަށްވުރެ ގެއްލުން ގޯލު މަދުވުމުންނެވެ.

Advertisement

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ޕޯޗުގަލުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރެއް ބަޔާން މިއުނިކަށް ކުޅޭ ރެނާޓޯ ސަންޗޭޒް ނަގައިދިނުމުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ އެންދްރޭ ސިލްވާ އެވެ. ފުރަތަމަ ހާފުގައި ޕޯޗުގަލުން ރަނގަޅަށް ކުޅުނު ނަމަވެސް ޕޮލެންޑުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެއްވަރުކޮށްފައެވެ. ޕޮލެންޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިޓަލީގެ ނަޕޯލީއަށްކުޅޭ ފޯވާޑް އަކާޑިއުސް މިލިކް އެވެ. ޕޮލެންޑަށް ޕެނަލްޓީ ލިބުނީ އޭރިޔާތެރެއިން މިލިކަށް ހުސްކޮށް ލިބުނު ބޯޅަ ގޯލަށް ޖަހަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ޑެނީލޯ ޕެރެއިރާ ފައުލް ކުރުމުންނެވެ. މިލިކަށް ކުރި ފައުލާއި ގުޅިގެން ޕެނަލްޓީ ދިނުމަށްފަހު ރެފްރީ ވަނީ ޑެނީލޯ އަށް ރަތްކާޑު ދައްކައިފައެވެ.

ޔޫރޯ ކޮލިފައިންގެ ގުރުނެގުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ރިޕަބްލިކް އޮފް އަޔަލެންޑްގެ ޑަބްލިންގައެވެ. ކޮލިފައިންގައި ޖުމްލަ 10 ގްރޫޕް ހިމެނޭއިރު ނޭޝަންސް ލީގުގެ ކެޓަގެރީ އޭއިން އެއްވަނަ އަށް ދިޔަ ހަތަރު ޓީމުގެ އިތުރުން އެންމެ ރަނގަޅު ނަތީޖާ ހޯދި އިތުރު 6 ޓީމު ހިމެނޭނީ ޕޮޓް އެކެއްގައެވެ.

ޔޫރޯ ކޮލިފައިންގެ ޕޮޓްތަކަށް ޓީމުތައް ބެހިފައިވާގޮތް

ޖަރުމަނު ޕޮޓް ދެއަކަށް ވެއްޓުމުން ޕޮޓް އެކެއްގައި ހިމެނޭ އިންގްލެންޑާއި، ކްރޮއޭޝިޔާ، ސްޕެއިން، އިޓަލީ އަދި ބެލްޖިއަމް އާއިވެސް ކޮލިފައިންގައި އެޓީމު އެއް ގްރޫޕެއްގައި ލައްވާލުމުގެ ފުރުސަތު އެބައޮތެވެ. 10 ގްރޫޕުން އެއްވަނަ އަދި ދެވަނައަށްދާ ޓީމުތަކަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސީދާ ޖާގައެއް ލިބޭނެއެވެ. ބާކީ ހަތަރު ޖާގަ ކަށަވަރުވާނީ ޕްލޭއޮފް މެޗުތަކަށް ފަހުއެވެ. ނޭޝަންސް ލީގެ އެއްވަނަ ކެޓަގެރީން ކުރި ހޯދި ހަތަރު ޓީމަށް ވަނީ ޕްލޭއޮފްގެ ފުރުސަތު ލިބިފައެވެ. އެޓީމުތައް ޕްލޭއޮފްގައި ކުޅެން ޖެހޭނީ ޔޫރޯ ކޮލިފައިންގައި ލައްވާލާ ގްރޫޕުން އެއްވަނަ އަދި ދެވަނަ މަގާމު ހޯދައިގެން ކޮލިފައި ނުވެއްޖެ ނަމައެވެ.

ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ދަތުރުކުރި ޕޯޗުގަލް އާއި ސްވިޒަލެންޑް އަދި އިންގްލެންޑާއި ނެދަލެންޑްސް ހިމެނޭނީ ޔޫރޯ ކޮލިފައިންގެ ފުރަތަމަ ހަތަރު (ގްރޫޕް އޭ އިން ގްރޫޕް ޑީ އާ ހަމައަށް) ގްރޫޕުގައެވެ. އެއަށްފަހު ޕޮޓް އެކެއްގައި ހިމެނޭ ބާކީ ހަ ޓީމު ފަހު ހަ (ގްރޫޕް އީ އިން ގްރޫޕް ޖޭ އާ ހަމައަށް) ގްރޫޕަށް ދާނެއެވެ. 24 ޓީމު ޔޫރޯއަށް ކޮލިފައިވާއިރު ކޮލިފައިންގެ ފުރަތަމަ ފަސް ގްރޫޕުގައި ހިމެނޭނީ ފަސް ޓީމެކެވެ. ބާކީ ފަސް ގްރޫޕުގައި ތެރެއިން ކޮންމެ ގްރޫޕެއްގައިވެސް ހަ ޓީމު ހިމެނޭނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *