ލިވަޕޫލް މެޗުގެ ކުރިން ނޭމާ އާއި އެމްބާޕޭ އަށް އަނިޔާވެއްޖެ

Advertisement

ލިވަޕޫލް މެޗުގެ ކުރިން ނޭމާ އާއި އެމްބާޕޭ އަށް އަނިޔާވެއްޖެ

ޢަލީ ޝަހީމް
ނޭމާއަށް އަނިޔާވުމުން ރޭގެ މެޗުގައި ބާލަނީ. އަނިޔާ ސީރިއަށް ނޫން ކަމަށް ބްރެޒިލްގެ ޑޮކްޓަރު ބުނެފައިވޭ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ހަފްތާ އިންގްލެންޑްގެ ލިވަޕޫލާއި އަމިއްލަ ދަނޑުގައި ވާދަކުރާ މުހިއްމު މެޗުގެ ކުރިން ފްރާންސްގެ ޕީއެސްޖީގެ އެންމެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކިލިއަން އެމްބާޕޭ އަށް އަނިޔާވެއްޖެއެވެ. މި ދެކުޅުންތެރިންނަށްވެސް އަނިޔާވީ ރޭ ގައުމީ ޓީމާއެކު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުތަކުގައެވެ.

ބްރެޒިލުން އަމިއްލަ ދަނޑުގައި 1-0 އިން ކެމަރޫން ބަލިކުރިއިރު ނޭމާ ކުޅުނީ އެންމެ ހަ މިނެޓެވެ. މެޗު ފެށިގެން ކުޑަ އިރުކޮޅެއްތެރޭ ނޭމާ އަށް އަނިޔާވީ ގޯލަށް ބޯޅައެއް ފޮނުވާލި ވަގުތު ފަލަމަސްގަނޑަށް އަނިޔާވުމުންނެވެ. އަނިޔާވެގެން ނޭމާ ފޭބި ވަގުތު މެޗު ބެލުމަށް ދަނޑަށް ވަދެތިބި ގާތްގަނޑަކަށް 30،000 ސަޕޯޓަރުން ވަނީ އޭނާއަށް ސަޕޯޓް ދީފައެވެ. މި މެޗަށް ގިނަ ސަޕޯޓަރުން ޓިކެޓް ނެގީވެސް ނޭމާގެ ކުޅުން ބެލުމަށެވެ. އަދި މެޗުގެ ކުރިން ސަޕޯޓަރުން ވަނީ ނޭމާގެ ޖާޒީ އާއި ބޫޓުވެސް ބޭނުންވާކަމަށްބުނެ އެތައް ބެނާއެއް ދަނޑުގައި ދައްކާލައިފައެވެ.

ބްރެޒިލްގެ ހަމައެކަނި ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ޖެހީ ނޭމާގެ ބަދަލުގައި ކުޅެން ނުކުތް އެވަޓަންއަށް ކުޅޭ ރިޗާލިސަން އެވެ. ދެވަނަ ހާފުގައި ގެބްރިއަލް ޖިސޫސް އާއި ބާސެލޯނާގެ މިޑްފީލްޑަރު އަރްތުރު ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗަށްފަހު ބްރެޒިލްގެ ކޯޗު ޓިޓޭ ވަނީ ނޭމާގެ އަނިޔާއާއި ގުޅޭގޮތުން މީޑިއާ އާއި ވާހަކަ ދައްކަން ދެކޮޅު ހަދައިފައެވެ. އަދި ބްރެޒިލްގެ ސްޓާފް ޓީމުން ބުނެފައިވަނީ ނޭމާގެ އަނިޔާގެ ސީރިއަސްކަން ކަނޑައަޅާނީ ޕީއެސްޖީ އިން ކަމަށެވެ. އެކަމަކު ޓީމުގެ ޑޮކްޓަރ ރޮޑްރިގޯ ލެސްމާ ބުނީ އަނިޔާއިން ރަނގަޅުވާން ނޭމާއަށް ވަގުތު ބޭނުންވާނެ ކަމަށާއި، އެކަމަކު އެއީ އެހާ ސީރިއަށް އަނިޔާއެއް ނޫންކަމަށެވެ.

“ނޭމާއަށް ތަދުވާތީ ކަންބޮޑުވެގެން އައީ. އަނިޔާގެ ހާލަތު ބަލަން ވަގުތު ބޭނުންވާނެ އަދި ސްކޭނެއްވެސް ހަދަން ޖެހޭނެ. އެކަމަކު އެއީ އެހާ ސީރިއަސް އަނިޔާއެއް ނޫން” ޓީމުގެ ޑޮކްޓަރު ބުންޏެވެ.

އެމްބާޕޭއަށް އަނިޔާވުމުން ދަނޑުމަތީގައި. އަންނަ ހަފްތާ ލިވަޕޫލަށް ދެކޮޅަށް ކުޅެވޭނެކަން ކަށަވަރަު ވާނީ ސްކޭންތައް ހެދުމަށްފަހު

ފްރާންސާއި އުރުގުއޭ ޕެރިހުގައި ކުޅުނު މެޗުގައި އެމްބާޕޭ އަށް އަނިޔާވީ މެޗުގެ 36 ވަނަ މިނެޓުގައެވެ. އުރުގުއޭގެ ގޯލްކީޕަރު މާޓިން ކަމްޕާނާއާއެކު ބޯޅައަކަށް އެރިވަގުތު އެމްބާޕޭ ވެއްޓުމުން އަނިޔާވީ ކޮނޑުހުޅަށެވެ.

އެމްބާޕޭއަށް ލިބުނު އަނިޔާއާއި ގުޅޭގޮތުން މެޗަށްފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އުއްމީދަކީ އެމްބާޕޭގެ އަނިޔާ ގޯސްނުވުންކަމަށެވެ.

“އެމްބާޕޭ ވެއްޓުނީ ވަރަށް ގޯސް ގޮތަކަށް. އެހެންވެ ކޮނޑަށް އަނިޔާވި. މެޑިކަލް ސްޓާފުން ބެލުމަށްފަހު އެނގޭނީ. އަހަރެންގެ އުއްމީދަކީ އަނިޔާ ގޯސް ނުވުން” ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިން ޓީމުގެ ކޯޗު ބުންޏެވެ.

ޕީއެސްޖީ އެންމެ އަވަހަށް ކުޅޭ މެޗުގައި ލީގުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ޓުލޫސް އާއި ދެކޮޅަށެވެ. އެއަށްފަހު މިމަހުގެ 28 ވަނަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަކީ ދެވަނަ ބުރަށް ދިއުމަށް އެޓީމަށް ވަރަށް މުހިއްމު މެޗެކެވެ.

1-0 އިން ފްރާންސް މޮޅުވި މެޗުގެ ހަމައެކަނި ގޯލު 52 ވަނަ މިނެޓުގައި ޖެހީ ލިބުނު ޕެނަލްޓީއަކުން އޮލިވިއޭ ޖިރޫ އެވެ. މި ޕެނަލްޓީ ލިބުނީ އޭރިޔާ ތެރެއިން އުރުގުއޭގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މިއީ ގައުމީ ޖާޒީގައި ޖިރޫ ޖެހި 33 ވަނަ ލަނޑެވެ. ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލިސްޓުގެ ހަތަރުވަނައިގައި ޖިރޫ އުޅޭއިރު އަދި އެއް ލަނޑު ޖަހައިގެން ޑޭވިޑް ޓްރެޒިގޭ ޖަހާފައިވާ ގޯލުގެ އަދަދާއި ޖިރޫއަށް ހަމަކުރެވޭނެއެވެ.

އެކުވެރިކަމުގެ މެޗެއްގައި ރޭ އާޖެންޓީނާ ވަނީ 2-0 އިން މެކްސިކޯ ބަލިކޮށްފައެވެ. މެޗުގައި އާޖެންޓީނާގެ ގޯލުތައް ޖަހައިދިނީ ޕައޮލޯ ޑީބަލާ އާއި މައުރޯ އިކާޑީ އެވެ. ގައުމީ ޓީމަށް ކުޅުމާމެދު ވަކި ގޮތެއް ނިންމާފައިނުވާ ލިއޮނެލް މެސީ ރޭގެ މެޗުގައިވެސް ކުޅެފައެއް ނުވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *