މެދުކެނޑުމަކަށްފަހު ލީގުގެ ކުޅުން މިއަދު ފަށަނީ

Advertisement

މެދުކެނޑުމަކަށްފަހު ލީގުގެ ކުޅުން މިއަދު ފަށަނީ

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތަށްފަހު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން މިއަދު ފަށާނެއެވެ. މިއަދު ކުޅުން ފަށާއިރު ސީޒަނުގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ތިންމެޗެވެ.

ލީގުގެ ކުޅުން ނޮވެމްބަރ ނުވަ ވަނަ ދުވަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މެދުކަނޑާލިއިރު 36 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި އޮތް މާޒިޔާއަށް 31 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ކްލަބް އީގަލްސް އޮތީ 29 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި 27 ޕޮއިންޓާއެކު އޮތީ މިދިޔަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓެވެ. ފަސްވަނައިގައި 20 ޕޮއިންޓާއެކު ކްލަބް ގްރީން ސްޓްރީޓްސް އޮތްއިރު 10 ޕޮއިންޓާއެކު ހަތްވަނައިގައި އޮތީ ވިކްޓްރީ އެވެ. ތާވަލުގެ ހަތްވަނައިގައި ނުވަ ޕޮއިންޓާއެކު ށ. ފޯކައިދޫ އޮތްއިރު އަށްވަނައިގައި އޮތް ފ. ނިލަންދޫއަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.

Advertisement

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ވިކްޓްރީ އެވެ. މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ށ. ފޯކައިދޫއާ ދެކޮޅަށެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ޓީސީ ފ. ނިލަންދޫއާ ދެކޮޅަށް ނުކުންނައިރު އެރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

ލީގުގެ މެޗުތައް އަލުން ފަށާއިރު ޓީމުތަކަށް ލިބިފައިވާ މާޔޫސްކަމަކީ އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކަށް އަންނަ އަހަރު ބައިވެރިވުމުގެ ފުރުސަތު ގެއްލުމެވެ. އޭއެފްސީ ކަޕުން ދިވެހި ކްލަބްތަކަށް ފުރުސަތު ގެއްލުނީ ދީފައިވާ މުއްދަތުގައި ލިޔެކިއުން ހުށަނޭޅުމުންނެވެ. މި މައްސަލައިގައި އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނީ ލިޔެކިއުން ހުށަހެޅުމަށް ކްލަބްތަކަށް ތަކުރާރުކޮށް އެންގި ކަމަށާއި، އެކަމަށް އަމަލު ނުކުރީ ކްލަބްތަކުންކަމަށެވެ. މިފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ޓީސީ އެވެ. އަދި ލީގުގެ ދެވަނަ ހޯދާ ޓީމަކަށް އޭއެފްސީ ކަޕްގެ ޕްލޭއޮފް ފުރުސަތު ލިބެން އޮތްނަމަވެސް އެފުރުސަތުވެސް މިހާރު ވަނީ ގެއްލިފައެވެ.

މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެނައި އިރު އެފްއޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕްވެސް ވަނީ ކެންސަލް ކޮށްފައެވެ. ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ކުޅޭ ޗެރިޓީ ޝީލްޑް މެޗުވެސް މިއަހަރު ވަނީ ކެންސަލް ކޮށްފައެވެ. މިއީ ކަޕް ވިނާސް ކަޕް 2009 ވަނަ އަހަރު ހުއްޓާލުމަށްފަހު ޗެރިޓީ ޝީލްޑް ކުޅޭގޮތަށް ހަމަޖެއްސިފަހުން އެމެޗު ނުކުޅެ ސީޒަން ފެށި ފުރަތަމަ ފަހަރެވެ. މެޗު ފުރަތަމަ ފަސްކުރީ ރާއްޖޭގައި އޭރު އިއުލާން ކުރި ކުއްލި ހާލަތުގެ ސަބަބުންނެވެ. އެކަމަކު އޭގެފަހުން އެމެޗު ނުކުޅޭ ގޮތަށް ހަމަޖެއްސީ ކަލަންޑަރަށް ބަދަލެއް ގެނެސްފިނަމަ ގައުމީ ޓީމާއި ކްލަބްތަކަށް ބުރޫ އަރާނެތީއެވެ.

އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑުގެ ބޭނުންކުރިއިރު ވިނަގަނޑު ހަލާކުވުމުންވެސް ސީޒަންގެ ބައެއް މެޗުތައް ފަސްކުރަން ޖެހުނެއެވެ. އަދި އެއްފަހު ވަނީ ސާފް ސުޒުކީ ކަޕަށްވެސް ލީގުގެ މެޗުތައް ވަނީ މެދުކަނޑާލައިފައެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކާއި ސާފް ސުޒުކީ ކަޕަށް ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން ފެށީ ގާތްގަނޑަކަށް ދެމަސްފަހުންނެއެވެ. އެއަށްފަހު ސީޒަން ދިގުލައިގެންދާނެތީ އެފްއޭއެމް އިން ނިންމީ ޕްރެޒިޑެންޓްސް ކަޕް މިއަހަރު އުވާލުމަށްފަހު އަންނަ އަހަރުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ހަމަޖެއްސުމަށެވެ. އޭގެ ފަހުން އެ އެސޯސިއޭޝަނުންވަނީ ކްލަބްތަކާއި ވާހަކަ ދެއްކުމަށްފަހު މިއަހަރުގެ އެފްއޭ ކަޕްވެސް ނުބާއްވާ ގޮތަށް ހަމަޖައްސައިފައެވެ.

ޝެޑިއުލަށް ބޮޑު ބަދަލެއް ގެންނަން ޖެހުމުން އެފްއޭއެމް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ބޭއްވޭ ހަމައެކަނި ސްޓޭޑިއަމް އަކީ ރަސްމީ ބޯޅަދަނޑަށް ވުމުން ދުރާލާ މިންނުކުރެވޭ ފަދަ އެތައް ސަބަބުތަކާ ހުރެ ފުޓްބޯޅަ ކަލަންޑަރަށް ބަދަލުގެންނަން ޖެހޭކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *