ރެފްރީގެ މަންމަ މަރުވިކަން އެނގުމުން ލިވަޕޫލުގެ ޑިފެންޑަރު ދެއްކި ނަމޫނާއަށް ތައުރީފް
އަންގާރާ ދުވަހުގެ ރޭ ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗު އިންސާފު ކުރި ރެފްރީގެ މަންމަ މަރުވިކަން އެނގުމުން ލިވަޕޫލަށް ކުޅޭ ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ދެއްކި ނަމޫނާއަށް ސަޕޯޓަރުން ތައުރީފް އޮއްސާލައިފިއެވެ.
މެޗުގައި ރެފްރީކަން ކުރި ރުމޭނިއާއަށް އުފަން އުމުރުން 38 އަހަރުގެ އޮވިޑިއު ހަޓެގަންގެ މަންމަ މަރުވި ހަބަރު އޭނާއަށް ިލިބުނީ މެޗު ފެށުމުގެ އިރުކޮޅެއް ކުރިންނެވެ. މަންމަ މަރުވިކަން އެނގުމުންވެސް މެޗުގައި ހަޓެގަން ވަނީ ހިތްވަރާއެކު ރެފްރީކަން ކޮށްފައެވެ. 2-2 އިން އެއްވަރުވެގެން ނިމުނު މެޗުގެ ފަހު ލަނޑު 91 ވަނަ މިނެޓުގައި ޖެހީ އިންގްލެންޑްގެ ލިވަޕޫލަށް ކުޅޭ ޑިފެންޑަރ ވެން ޑައިކް އެވެ. މި ލަނޑާއެކު ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ނެދަލެންޑްސް އަށް ކަށަވަރުވިއެއެވެ. މެޗަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާފާޅު ކުރިނަމަވެސް ވެން ޑައިކްގެ ފަރާތުން ފެނުނީ ރެފްރީއަށް ހިތްވަރުދިންތަނެވެ.
“ރެފްރީ ރޯތަން ފެނުމުން އަހަރެން ދިޔައީމަ ބުނީ މަންމަ މަރުވި ވާހަކަ. މެޗަށްފަހު ރެފްރީ ވަރަށް ގަދައަށް ރުއި. އަހަރެން އޭނާއަށް އެވަގުތު ހިތްވަރުދިނިން. އަދި މެޗުގައި ރެފްރީކަން ކުރީ ވަރަށް ރަނގަޅަށް ކަމަށް ބުނިން. އަހަރެން ކުރީ ވަރަށް ކުޑަ ކަމެއް. އެކަމަކު އުއްމީދަކީ އެކަމުންވެސް ރެފްރީއަށް ލުޔެއް ލިބުން” މެޗަށްފަހު ރެފްރީގެ ފަރާތުން ފެނުނު މަންޒަރު ކިޔައިދެމުން ވެން ޑައިކް ބުންޏެވެ.
ވެން ޑައިކް ރެފްރީއަށް ހިތްވަރުދިން މަންޒަރުގެ ބައެއް ފޮޓޯޓައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ. ގައުމަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގައި ބައިވެރިވުމުގެ ބަދަލުގައި ރެފްރީ ހަމައަކަށް އެޅުވުމަށް ވެން ޑައިކް މަސައްކަތް ކުރުމުން، އެއީ ވެން ޑައިކްގެ ކިބައިގައި ހުރި އިންސާނިއްޔަތުކަމުގެ ވަރަށް ރަނގަޅު ސިފައެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.
ހަޓެގަން ވަނީ ދާދިފަހުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން އިންޓަ މިލާން ބަލިކުރި މެޗުގައިވެސް ރެފްރީކަން ކޮށްފައެވެ. އަދި 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގްގައި މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިންގެ ސެލްޓަވީގޯ ބައްދަލުކުރި މެޗުގެ ރެފްރީކަންވެސް ހަޓެގަން ކުރިއެވެ.
ފީފާގެ ރެފްރީއެއް ގޮތުގައި 2008 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ހަޓެގަން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ބައެއް މެޗުތަކާއި 2012 ވަނަ އަހަރުގެ ޔޫއެފާ ޔޫރޯގެ ބައެއް މެޗުތަކުގައިވެސް ރެފްރީކަން ކޮށްފައެވެ.
Advertisement
Leave a Reply