ޝިނާޒްގެ 8 ލަނޑާއެކު ބުރު ސްޕޯޓްސް އަށް ރެކޯޑް މޮޅެއް

މިއަދު ހަވީރު އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވުނު ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ގުރޫޕް 2ގެ ބުރު ސްޕޯޓްސް ކުލަބާއި އެލްޓީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ބުރު ސްޕޯޓްސް އިން ކާމިޔާބު ކޮށްފިއެވެ. 13-0 އިން ބުރު ސްޕޯޓްސް މިމެޗު ކާމިޔާބުކުރިއިރު މިއީ މިހާތަނަށް މިއަހަރުގެ މުބާރާތުގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މިއަދުގެ މެޗުގައި ބުރު ސްޕޯޓްސްގެ ޝިނާޒް ހިލްމީ ވަނީ ދެ ހެޓްރިކް ފުރިހަމަކޮށް، ޖުމްލަ 8 ގޯލު މިމެޗުގައި ކާމިޔާބު ކޮށްފައެވެ. ބުރު ސްޕޯޓްސް އިން މިމުބާރާތުގެ ފުރަތަމަ މެޗުގައި ވިލިމާލެ ޔުނައިޓެޑް 4-0 އިން ބަލިކުރި މެޗުގެ ހުރިހާ ގޯލެއް ވެސް ކާމިޔާބު ކޮށްދިނީ ކުރިން ހުއްރިއްޔާއަށާއި ވެލެންސިޔާ، ވީބީ، ނިއުރޭޑިއަންޓް އަދި މާޒިޔާ އާއި އީގަލްސްގެ އިތުރުން ވިކްޓްރީއަށްވެސް ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަހު ކުޅުނު ޝިނާޒް އެވެ.
މިމެޗުގައި ޖެހި އަށް ގޯލާއެކު ކުރީގެ ގައުމީ ޓީމުގައިވެސް ހިމެނުނު ފޯވަޑް ވަނީ މިހާތަނަށް މިއަހަރުގެ ތިންވަނަ ޑިވިޝަނުގައި ކުޅުނު ދެ މެޗުން ތިން ހެޓްރިކް ހަދާ، ޖުމްލަ 12 ގޯލު ކާމިޔާބުކޮށްފައެވެ.
ޝިނާޒްގެ އިތުރުން މިއަދުގެ މެޗުގައި އަލީ ހަމްދާން ބުރު ސްޕޯޓްސް އަށް ދެގޯލު ކާމިޔާބު ކޮށްދިންއިރު އަލީ އަރީހް އާއި އަބްދުﷲ ޝާފިއު އަދި އަލީ ރިސްވާން އަހުމަދު، މިއިން ކޮންމެ ކުޅުންތެރިޔެއް ވަނީ އެއް ގޯލު ޖަހާފައެވެ.
މުބާރާތުގެ ދެވަނަ ބުރަށް (ކުއާޓާ ފައިނަލަށް) ދެވެނީ ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމަކަށެވެ. މިހާތަނަށް ކުޅުނު ގުރޫޕް ސްޓޭޖުގެ ދެމެޗުންވެސް ބަލިވެ، އެލްޓީ ސްޕޯޓްސް އަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ. ދެމެޗުން ހޯދި ހަ ޕޮއިންޓާއެކު މިވަގުތު ގުރޫޕްގެ އެއްވަނަ ބުރު ސްޕޯޓްސް އަށް ލިބޭއިރު އެއްމެޗު މަދުންކުޅެ، ތިން ޕޮއިންޓާއެކު ދެވަނައިގައި އޮތީ މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) އެވެ.
މުބާރާތުގެ މެޗެއް ދެން އެންމެ އަވަހަށް ކުޅެވިގެންދާނީ އަންނަ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހުގެ 15:45 ގައި ދެމެޗެއް ކުޅެވިގެންދާއިރު އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވިގެންދާނީ ގުރޫޕް 3ގެ ލެގޫންސް އާއި ތުޅާދޫ އޭއެސް ބައްދަލުކުރާ މެޗެވެ. ގުރޫޕް 4ގެ އޮފު އެފްސީއާއި ދަނޑު ގޯޅި ބައްދަލުކުރާމެޗު ކުޅެވިގެންދާނީ ހެންވޭރު ދަނޑުގައެވެ.
Advertisement


Leave a Reply