ދެ ޗެމްޕިއަނުން ކަޓުވާލުމަށްފަހު ނެދަލެންޑްސް ސެމީ އަށް
ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނާއި ވާދަކުރި މެޗުގައި ފަހު ފަސްމިނެޓުތެރޭ ޖެހި ދެގޯލާއެކު ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ނެދަލެންޑްސް ހޯދައިފިއެވެ. ރޭ ޖަރުމަނުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ރޭގެ ނަތީޖާއާއެކު، އެ ގްރޫޕުގައި ހިމެނޭ ދުނިޔެގޭ ޗެމްޕިއަން ފްރާންސްގެ މައްޗަށް ނެދަލެންޑްސް އަށް ކުރި ލިބުނީ ހަތް ޕޮއިންޓާއެކު އެގްރިގޭޓް ނަތީޖާއިން ފްރާންސަށްވުރެ މޮޅުވުމުންނެވެ. ފްރާންސްގެ ދަނޑުގައި ކުޅުނު މެޗުން 2-1 އިން ނެދަލެންޑްސް ބަލިވިނަމަވެސް އަމިއްލަ ދަނޑުގައި އެޓީމު ވަނީ 2-0 އިން ފްރާންސް ބަލިކޮށްފައެވެ. ދެވަނައަށް ދިޔަ ފްރާންސަށްވެސް ލިބުނީ ހަތް ޕޮއިންޓެވެ. ދެ ޕޮއިންޓާއެކު ފުލަށްދިޔަ ޖަރުމަނު ވަނީ ރޭގެ މެޗަށް ނުކުތްއިރުވެސް ރެލިގޭޓް ވެފައެވެ.
މި އަހަރުގެ ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފްރާންސް ކާމިޔާބު ކުރިއިރު އޭގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރީ ޖަރުމަނެވެ. ދުނިޔޭގެ ވަރުގަދަ ދެ ބާރާއި އެއް ގްރޫޕެއްގައި އޮވެ ހޯދި ކާމިޔާބީއާއެކު ނެދަލެންޑްސްގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހިގެންދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. 2016 ވަނަ އަހަރު ކުޅުނު ޔޫރޯ އާއި މިއަހަރު އޮތް ވޯލްޑް ކަޕަށްވެސް ނެދަލެންޑްސް ކޮލިފައި ވެފައެއް ނުވެއެވެ. ފުޓްބޯޅައިގައި އެގައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1988 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. ވޯލްޑް ކަޕްގެ ފައިނަލުގައި އެގައުމު ވަނީ 1974، 1978 އަދި 2010 ވަނަ އަހަރުވެސް ބަލިވެފައެވެ.
ރޭގެ މެޗުން އެއްވަރުވުމުން ޔޫރޯ ކޮލިފައިންގެ ގުރުލުމުގައި ޖަރުމަނު ޕޮޓް ބީ ގައި ހިމެނުމުގެ ބިރުވެސް އެބައޮތެވެ. މިރޭ ޕޮލެންޑާއި ޕޯޗުގަލް ބައްދަލުކުރާ މެޗުން ޕޮލެންޑް މޮޅުވެއްޖެ ނަމަ ޔޫރޯ ކޮލިފައިންގެ ގުރުލުމުގައި ޖަރުމަނު ހިމެނޭނީ ޕޮޓް ބީ ގައެވެ.
މެޗު ފެށިގެން ގާތްގާތުގައި ޖަރުމަނުން ވަނީ ދެ ލަނޑު ޖަހައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ޖެހީ ޓިމޯ ވާނާ އެވެ. އޭގެ ދިހަ މިނެޓުފަހުން ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ ލިރޯއި ސާނޭ އެވެ. ސާނެ ޖެހި ބޯލަ ގޯލަށް ވަނީ ނެދަލެންޑްސްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައެވެ. ސާނޭ ވަނީ އެންމެފަހުން އެޓީމު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައިވެސް ލަނޑު ޖަހައިފައެވެ. ފުރަތަމަ ހާފުގައި ނެދަލެންޑްސްގެ ޑެލޭ ބްލިންޑް ހުރަސްކޮށްލި ބޯޅަ ޖަރުމަނުގެ ޑިފެންޑަރެއް އެބޯޅަ ދިފާއުކުރަން ބޮލުން ޖައްސާލުމުން ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފު ފެށިގެން ޖަރުމަނުގެ ވާނާއަށް ލިބުނު ދެފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މިހާފުގައި ޖަރުމަނުން ވަނީ ތޯމަސް މުލާ ކުޅެން އަރުފައިވައެވެ. ރޭގެ މެޗަކީ މުލާ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ.
މެޗުގައި ނެދަލެންޑްސްގެ ދެ ލަނޑު ޖެހީ 85 ވަނަ މިނެޓާއި 90 ވަނަ މިނެޓުގައެވެ. ފުރަތަމަ ލަނޑު ކުއިންސީ ޕްރޯމްސް ޖެހިއިރު ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްދިން ލަނޑު ޖެހީ ލިވަޕޫލަށް ކުޅޭ ޑިފެންޑަރ ވާޖިލް ވެންޑައިކް އެވެ.
މެޗަށްފަހު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ ނަތީޖާގެ ސަބަބުން ނުތަނަވަސްވާ ކަމަށާއި، އެކަމަކު ޖުމްލަކޮށް މުޅި ޓީމުގެ ފަރާތުން ފެނުނީ ގޯސް ކަންތައްތަކަށްވުރެ ރަނގަޅު ކަންތައްތައް ކަމަށެވެ.
“އަހަރެމެން ފުރަތަމަ ހާފު ވަރަށް ރަނގަޅަށް ކުޅުނިން އަދި ދެވަނަ ހާފުގައި ތިންވަނަ ގޯލެއް ޖަހައި މެޗު ނިންމާލަންވެސް ފުރުސަތު ލިބުނު. އެކަމަކު މިއީ މުޅި އަހަރުވެސް އަހަރެމެނަށް ވަމުން އައި ގޮތް” މެޗަށްފަހު ލޯ ބުންޏެވެ.
މެޗަށްފަހު ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މުބާރާތަށް އައިއިރު އަމާޒަކީ ރެލިގޭޓް ނުވުންކަމަށާއި، އެކަމަކު ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ހުރިހާ ކަމެއް ބަދަލުވި ކަމަށެވެ. ޓީމާމެދު އުއްމީދެއް ނެތްއިރު މި ކާމިޔާބީ އާއި ގުޅިގެން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށް ކޯޗުކަމާއި ހަވާލުވެ ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ކޫމަން ބުންޏެވެ.
ވޯލްޑް ކަޕްގައި ސްވިޑެން އަތުން މޮޅުވި މެޗަށްފަހު ވާދަވެރި އެއްވެސް މެޗަކުން ޖަރުމަނު މޮޅުވެފައެއް ނުވެއެވެ. މިއީ އެގައުމުގެ ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ ދަށް ނަތީޖާތައް ނެރުނު އަހަރެވެ.
ނެދަލެންޑްސާ އާއެކު އަންނަ އަހަރުގެ ޖޫން މަހު އޮންނަ ފައިނަލް ބުރުގައި ވާދަކުރާނީ އިންގްލެންޑާއި ސްވިޒަލެންޑް ގެ އިތުރުން ޕޯޗުގަލް އެވެ. ފައިނަލް ބުރުގެ މެޗުތައް ކުޅުމަށް ޔޫއެފާއިން ނިންމާފައިވަނީ ޕޯޗުގަލްގައެވެ. ސެމީ ފައިނަލުގެ ގުރު ނެގުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން ފަހެއް އަދި ހަ ވަނަ ދުވަހުއެވެ. ފައިނަލް މެޗު ކުޅޭނީ ޖޫން ނުވަ ވަނަ ދުވަހު އެވެ.
Advertisement
Leave a Reply