ފަހަތުން އަރައި ވަރުގަދަ ބެލްޖިއަމް ބަލިކޮށް ސްވިޒަލެންޑް ސެމީ އަށް

Advertisement

ފަހަތުން އަރައި ވަރުގަދަ ބެލްޖިއަމް ބަލިކޮށް ސްވިޒަލެންޑް ސެމީ އަށް

ޢަލީ ޝަހީމް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފަހަތުން އަރައި ބެލްޖިއަމް ކޮޅަށް ޖެހި ފަސް ގޯލާއެކު ސްވިޒަލެންޑް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. ރޭގެ މެޗުން ސްވިޒަލެންޑް މޮޅުވީ 5-2 އިންނެވެ.

ގްރޫޕުގެ ހުރިހާ މެޗެއް ނިމުނުއިރު މި ދެޓީމަށްވެސް ލިބުނީ ނުވަ ޕޮއިންޓެވެ. ސްވިޒަލެންޑަށް އެއްވަނަ ލިބުނީ އެގްރިގޭޓް ނަތީޖާއިން ބެލްޖިއަމަށްވުރެ ކުރިލިބިގެންނެވެ. މި ދެޓީމު ބެލްޖިއަމް ދަނޑުގައި ކުޅުނު މެޗުން ސްވިޒަލެންޑް ބަލިވީ 2-1 އިންނެވެ. ރޭގެ މެޗު 3-2 އިން ބަލިވިނަމަވެސް އަވޭ ގޯލުގެ އުސޫލުން ސެމީގެ ފުރުސަތު ލިބޭނީ ބެލްޖިއަމަށެވެ. އެކަމަކު ސްވިޒަލެންޑުން ވަނީ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފައެވެ. ގްރޫޕުގެ ފުލަށް ދިޔަ އައިސްލެންޑަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމެޗުގެ ކުރިން ސްވިޒަލެންޑް ވަނީ އަމިއްލަ ދަނޑުގައި ދުނިޔޭގެ ރޭންކިންގެ 96 ވަނައިގައި އޮތް އޭޝިއާގެ ގަތަރު އަތުން 1-0 އިން ބަލިވެފައެވެ. އެކަމަކު ނޭޝަންސް ލީގުގެ ސެމީގެ ޖާގައެއް ރޭ އެޓީމު ކަށަވަރު ކުރީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ގައުމު ބަލިކޮށްފައެވެ.

މެޗު ފަށައިގެން ޗެލްސީގެ ތަރި އެޑެން ހަޒާޑުގެ ކޮއްކޮ ތޯގަން ހަޒާޑުގެ ދެގޯލުން ބެލްޖިއަމް ބޮޑު ލީޑެއް ނެގިއެވެ. ތޯގަންގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ 17 ވަނަ މިނެޓުގައެވެ. ފަހަތުން އަރައި މަދުވެގެން ހަތަރު ގޯލު ޖަހަން މަޖުބޫރުވެފައި އޮތް ސްވިޒަލެންޑް ޓީމުން ހިތްވަރު ދޫނުކުރުމުގެ ނަތީޖާއަކަށްވީ ފުރަތަމަ ހާފުގައި ފަހަތުން އަރައި ތިންގޯލު ޖެހުމެވެ. ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހީ ރިކާޑޯ ރޮޑްރިގޭޒް އެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ މެޗުގައި ހެޓްރިކް ހެދި ހަރިސް ސެފެރޯވިޗް އެވެ. ސެފެރޯވިޗްގެ ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެއް މިނެޓަކަށް ވެފައިވަނިކޮށެވެ. މެޗުގެ 62 ވަނަ މިނެޓުގައި ސްވިޒަލެންޑްގެ ހަތަރު ވަނަ ގޯލު ޖެހީ ނިކޯ އެލްވޭޑީ އެވެ. ސެފެރޯވިޗް މެޗުގެ ހެޓްރިކް ފުރިހަމަކޮށް ސްވިޒަލެންޑަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައެވެ. ރޭގެ މެޗުގައި ދެ ލަނޑު ޖަހަން އެހީތެރިވެދިން ލިވަޕޫލަށް ކުޅޭ ޒެރްޑަން ޝަގީރީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.

މި މޮޅާއެކު ފައިނަލް ބުރުގައި ކުޅޭ ސެމީ ފައިނަލުގެ ޖާގައެއް ޕޯޗުގަލް އަދި އިންގްލެންޑާއެކު ސްވިޒަލެންޑަށް ވަނީ ލިބިފައެވެ. ފައިނަލް ބުރުގެ ފަހު ޖާގާ ލިބޭ ޓީމެއް ޔަގީންވާނީ މިރޭ ނެދަލެންޑްސް އާއި ޖަރުމަނު ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ސެމީގެ ފަހު ޖާގައަށް ވާދަކުރަނީ ނެދަލެންޑްސް އާއި ފްރާންސެވެ. ޖަރުމަނުގައި މިރޭކުޅޭ މެޗު އެއްވަރުކޮށްލައިގެންވެސް ނެދަލެންޑްސް އަށް ސެމީގެ ޖާގައެއް ލިބޭނެއެވެ. ފްރާންސަށް ސެމީގެ ޖާގައެއް ލިބޭނެ ހަމައެކަނި ގޮތަކީ ނެދަލެންޑްސް ބަލިވުމެވެ. ޖަރުމަނާއި ނެދަލެންޑްސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *