ފަހުވަގުތު ކޭން ޖެހި ގޯލުން އިންގްލެންޑް ސެމީ ފައިނަލަށް

ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ކެޕްޓަން ހެރީ ކޭން ފަހުވަގުތު ޖެހި ގޯލާއެކު ކްރޮއޭޝިއާ ބަލިކޮށް އިންގްލެންޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑް ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އިންގްލެންޑްގެ ދެގޯލުވެސް ޖެހީ މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށެވެ.
މި މޮޅާއެކު ތިން ޓީމު ހިމެނޭ ގްރޫޕުގެ އެއްވަނަ އިންގްލެންޑަށް ލިބުނީ ހަތް ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ސްޕެއިން އަށް ލިބުނީ ހަ ޕޮއިންޓެވެ. ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ފުލަށްދިޔަ ކްރޮއޭޝިއާ ވަނީ 2020 ވަނަ އަހަރު އޮންނާ ނޭޝަންސް ލީގުގެ ކެޓަގެރީ ބީ އަށް ރެލިގޭޓް ވެފައެވެ.
މި މެޗަށް ނުކުތްއިރު ސެމީ ފައިނަލުގެ ޖާގައެއް ހޯދަން ދެޓީމަށްވެސް މޮޅުވާން އޮތީ މަޖުބޫރުވެފައެވެ. މެޗު އެއްވަރުވެގެން ސެމީ ފައިނަލުގެ ފުރުސަތު ލިބެން އޮތީ ސްޕެއިން އަށެވެ.
މިރޭގެ މެޗުގައި ކްރޮއޭޝިއާގެ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ޖެހީ އަންދްރޭ ކްރަމަރިޗް އެވެ. އޭރިޔާތެރޭގައި ހުރި ކްރަމަރިޗަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލަށް ވަނީ އިންގްލެންޑްގެ އެރިކް ޑަޔާ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ކްރޮއޭޝިއާއިން ލީޑު ނެގުމުން އިންގްލެންޑްގެ ކޯޗު ގަރެތް ސައުތުގޭޓު ވަނީ ޒުވާން ތަރި ޖޭޑަން ސަންޗޯ އާއި ޖެސޭ ލިންގާޑް ކުޅެން އަރުވައިފައެވެ. މެޗުގައި އިންގްލެންޑުން އެއްވަރުކުރި ލަނޑު 78 ވަނަ މިނެޓުގައި ޖެހީ ލިންގާޑެވެ. ހެރީ ކޭން ގޯލަށް ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ޑިފެންޑަރެއްގެ ގައިގައި ގޯލު ރޮނގުމަތިން ލިބުމުން ލިންގާން ފަސޭހަކަމާއެކު އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. އިންގްލެންޑް މޮޅުވި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކޭން ޖެހީ ޑިފެންޑަރ ބެން ޗިލްވެލް ނަގައިދިން ހިލޭ ޖެހުމަކުންނެވެ. މި މެޗުގެ ކުރިން އެންމެފަހުން ކުޅުނު ހަތް މެޗުގައިވެސް ކޭންއަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އެންމެ ފަހުން އިންގްލެންޑް ޓީމަށް ކޭން ގޯލް ޖެހީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކޮލަމްބިއާ އާއި ދެކޮޅަށެވެ.
މިމެޗުން ބަލިވެ ކްރޮއޭޝިއާ ރެލިގޭޓްވިއިރު މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ސެމީ ފައިނަލުން ކެޓީ ކްރޮއޭޝިއާ އަތުން ބަލިވުމުންނެވެ.
ފުރަތަމަ ކެޓަގެރީން ފައިނަލުގެ ބުރުގެ ފުރުސަތު އިންގްލެންޑާއެކު ޕޯޗުގަލްވެސް ވަނީ ކަށަވަރު ކޮށްފައެވެ. ތިންވަނަ ޓީމު ޔަގީންވާނީ ލީގު އޭގެ ގްރޫޕް ދޭއްގައި މިރޭ ސްވިޒަލޭންޑާއި ބެލްޖިއަމް ވާދަކުރާ މެޗަށްފަހު އެވެ. މިރޭގެ މެޗު އެއްވަރު ކޮށްލައިގެންވެސް ބެލްޖިއަމަށް ފައިނަލް ބުރުން ފުރުސަތު ލިބޭނެއެވެ. ސްވިޒަލޭންޑަށް ފައިނަލް ބުރުން ފުރުސަތު ލިބޭނީ މެޗުން މޮޅުވެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ. ބެލްޖިއަމް ދަނޑުގައި މި ދެޓީމު ކުޅުނު މެޗުގައި 2-1 އިން ސްވިޒަލޭންޑް ވަނީ ބަލިވެފައެވެ. ބެލްޖިއަމާއި ސްވިޒަލޭންޑް ބައްދަލުކުރާމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގައެވެ.
ފައިނަލް ބުރަށް ހޮވޭ ހަތަރު ވަނަ ޓީމެއް ކަށަވަރު ވާނީ މާދަމާރޭ ނެދަލޭންޑްސް އާއި ޖަރުމަނު ވާދަކުރާ މެޗަށްފަހު އެވެ. އެމެޗު އެއްވަރު ކޮށްލައިގެން ނެދަލޭންޑްސް އަށް ފައިނަލް ބުރުން ޖާގަ ލިބޭއިރު ޖަރުމަނު މޮޅުވެއްޖެ ނަމަ ފުރުސަތު ލިބޭނީ ފްރާންސަށެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން 5 އަދި 6 ވަނަ ދުވަހުއެވެ. ފައިނަލް މެޗު އޮންނާނީ ޖޫން 9 ވަނަ ދުވަހުއެވެ. މި މެޗުތައް ކުޅޭނީ ޕޯޗުގަލްގައެވެ.
Advertisement


Leave a Reply