ވަޒީރުކަމާ ހަވާލުވީ ޓައީ އަޅައިގެން އިންނާކަށްނޫން: މަހްލޫފް

Advertisement

ވަޒީރުކަމާ ހަވާލުވީ ޓައީ އަޅައިގެން އިންނާކަށްނޫން: މަހްލޫފް

ޢަލީ ޝަހީމް
ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓަރ މަހްލޫފް. ކުރިން ފުޓްބޯޅަ ކުޅުއްވައި ގައުމީ ޓީމުގެ މެނޭޖަރުކަންވެސް މަހްލޫފް ކުރައްވާފައިވޭ

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ މަގާމާއި ހަވާލުވެވަޑައިގަތީ ވަޒީރުކަމުގައި ޓައީ އަޅައިގެން އިންނަން ނޫންކަމަށް އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މަހްލޫފް މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައެވެ.

“އަޅުގަނޑު ހަވާލުވީ ވަޒީރުކަމުގައި ޓައީ އަޅައިގެން އިންނާކަށްނޫން. ބޭނުމަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބޮޑު ބަދަލެއް ގެނައުން. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދާއެކު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން. ރައްޔިތުންގެ ހިޔާލާއި ފާޑުކިއުން އުފަލާއެކު ބަލައިގަންނާނަން” ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް މަހްލޫފް ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

އިއްޔެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިނަމަވެސް، މަހްލޫފަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

މަހްލޫފަކީ ރާއްޖޭގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވި ބޭފުޅެކެވެ. ފުޓްބޯޅައިގައި ހަރަކާތްތެރިވި ދުވަސްވަރު މަހްލޫފް ވަނީ ނިއު ރޭޑިއަންޓް ކްލަބާއި ކްލަބް ވެލެންސިއާ އަށްވެސް ކުޅެފައެވެ. އެކަމަކު އަނިޔާގެ ސަބަބުން ޒުވާން ދުވަސްވަރު މަހްލޫފް ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލައްވާފައެވެ.

ކުޅިވަރުގެ ދާއިރާގައި ހިންގުންތެރި، ޒުވާނުންނާއި ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2006 ވަނަ އަހަރު މަހްލޫފަށް ވަނި ނެޝަނަލް ޔޫތް އެވޯޑުވެސް ލިބިލައްވާފައެވެ. ކުޅިވަރުގެ ތެރެއިން ފުޓްބޯޅައިގައި ބޮޑަށް ފާހަގަ ކުރެވުނު މަހްލޫފް ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންވެސް ކުރައްވާފައެވެ. މަހްލޫފް 2013 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމަށް ހަމަޖައްސާފައިވަނީ އޭރު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އިލްހާމް އަހުމަދެވެ. 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ތިންވަނަ ރާއްޖޭން ހޯދިއިރު މެނޭޖަރުކަމުގެ މަގާމުގައި ހުންނެވީވެސް މަހްލޫފެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *